ރާއްޖޭގެ ހުރިހާ ހޮސްޕިޓަލްތަކަކުން މާދަމާ ކޮވިޑް ވެކްސިން ދޭން ފަށާނެ ކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރ، އެޗްއީއޯސީން ބުނެފިއެވެ.
އެޗްއީއޯސީން ބުނީ މާދަމާ ރާއްޖޭގެ ހުރިހާ ހޮސްޕިޓަލްތަކުން ވެކްސިން ޖަހަން ފެށުމަށްފަހު ހެލްތު ސެންޓަރުތަކުންވެސ ވެކްސިން ޖެހޭނެ ފެންވަރަށް އިންތިޒާމްތައް ހަމަޖެއްސުމަށް މަސައްކަތްކުރަމުން ގެންދާކަމަށެވެ.
މީގެ އިތުރުން ކުރިއަށް އޮތް 10 ދުވަހުގެ ތެރޭގައި ރާއްޖޭގައި މަސައްކަތް ކުރާ ހުރިހާ ހެލްތު ކެއާ ވޯކަރުންނާއި ސޯޝަލް ކެއާ ވޯކަރުންނަށް ވެކްސިން ދިނުމަށް މަސައްކަތްކުރަމުން ދާކަމަށްވެސް އެޗްއީއޯސީން ބުނެއެވެ.
ރާއްޖޭގައި ކޯވިޑް ވެކްސިން ދޭން ފަށާފައިވަނީ އިއްޔެއެވެ. އިއްޔެ އެކަނިވެސް 282 މީހުންނަށް ވެކްސިންގެ ފުރަތަމަ ޑޯޒް ދީފައިވެ އެވެ. އިއްޔެ ވެކްސިން ދޭން ފަށާފައިވަނީ މާލޭގެ އިތުރުން އައްޑޫ ސިޓީއާއި ކުޅުދުއްފުށި ސިޓީގައެވެ.
ކޮވިޑް-19 ގެ އަދަދުތައް އިތުރުވާ ނަމަ، ވެކްސިން ދިނުމުގައި ލަސްތަކެއް ދިމާވެދާނެ ކަމަށްވެސް އެޗްއީއޯސީން ބުނެއެވެ. ހާއްސަކޮށް، އެޑްމިޓް ކުރާ މީހުންގެ އަދަދު އިތުރުވަމުންދާ ނަމަ، ވެކްސިން ދިނުމަސް ބުރޫ އަރާނެ ކަން އެޗްއީއޯސީން ފާހަގަ ކުރެއެވެ.
ރާއްޖޭގައި މިހާތަނަށް ދޭން ފަށާފައިވަނީ އޮކްސްފޯޑް-އެސްޓްރާޒެނެކާއިން އުފެއްދި "ކޮވިޝީލްޑް" ވެކްސިނެވެ. މި ވެކްސިންގެ 100000 ޑޯޒް އިންޑިއާ ސަރުކާރުން ރާއްޖެއަށް މުޅިން ހިލޭ ވަނީ ފޯރުކޮށްދީފައެވެ. އެއީ 50 ހާސް މީހުނަށް ޖެހޭނެ އަދަދުގެ ވެކްސިނެވެ. މި ވެކްސިންގެ 2 ޑޯޒް ކޮންމެ މީހަކުވެސް ހަމަކުރަންޖެހެ އެވެ.
ކޮމެންޓު ފޮނުވާ