ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކުގެ މުޤައްރިރުންނާއި މަޖިލިސް ރައީސް މުހައްމަދު ނަޝީދު ބައްދަލު ކުރައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް ކޮމިޓީތަކުގެ މުޤައްރިރުންނާއިއެކު ބޭއްވި މިބައްދަލުމުގައި މަޖިލީހުގެ މިއަހަރުގެ މަސައްކަތް ކުރިއަށް ގެންދާނެ ގޮތަކާއި ގުޅޭގޮތުންވެސް ވަނީ މަޝްވަރާ ކުރައްވާފައެވެ. އަދި މިއަހަރަށް ކޮމިޓީތަކުން އަމާޒުކަނޑައަޅާ ކަންތައްތަކާއި ކޮމިޓީތަކުގެ މަސައްކަތް ރާވާނެ ގޮތަކާއި ގުޅޭގޮތުންވެސް މަޝްވަރާ ކުރައްވާފައެވެ.
މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވައި، ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވުން މިހަފްތާގެ ބްރާސްފަތި ދުވަހު އޮންނާނެއެވެ. އަންނަ ފެބުރުއަރީ މަހުގެ 4 ވަނަ ދުވަހު މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވައި، ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވާ ދުވަހު ރައްޔިތުންގެ އަޑު އިއްވުމަށް ރާއްޖޭގެ ހުރިހާ ރައްޔިތުން މުޒާހަރާއަށް ނިިކުތުމަށް ގޮވާލާފައެވެ.
ރިޔާސީ ބަޔާނަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 84 ވަނަ މާއްދާގައިވާ ގޮތުގެމަތިން ރައީސުލްޖުމްހޫރިއްޔާ އިއްވަވަންޖެހޭ ބަޔާނެކެވެ. ޤާނޫނު އަސާސީގެ 84 ވަނަ މާއްދާފައި ބަޔާންކޮށްފައިވަނީ ކޮންމެ އަހަރެއްގެ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ޤައުމުގެ ޙާލަތު ބަޔާންކޮށްދީ، ޤައުމުގެ ޙާލަތު އިތުރަށް ރަނގަޅުކުރުމަށްޓަކައި ކުރަންޖެހޭ ކަންކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާ ކަންތައްތަކުގެމައްޗަށް އެކުލެވޭ ރިޔާސީ ބަޔާނެއް ރައްޔިތުންގެ މަޖިލީހަށް އިއްވަވަންވާނެކަމަށެވެ.
މި ޖަލްސާގައި އޮންނާނީ ހަމައެކަނި، ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވެވުމެވެ.
ކޮމެންޓު ފޮނުވާ