އެއްވެސް ބާވަތެއްގެ ޑްރަގެއް ހުއްދަކުރުމަކީ މުސްތަޤުބަލަށް އޮތް ނުރައްކަލެއް – މުއިއްޒު

އެއްވެސް ބާވަތެއްގެ ޑްރަގެއް ހުއްދަކުރުމަކީ މުސްތަޤުބަލަށް އޮތް ނުރައްކަލެއް – މުއިއްޒު

ގުޅުންހުރި

އެއްވެސް ބާވަތެއްގެ ޑްރަގެއް ހުއްދަ ކުރުމަކީ ޤައުމުގެ މުސްތަގުބަލަށް އޮތް ނުރައްކަލެއް ކަމުގައި ކުރީގެ ހައުސިން މިނިސްޓަރ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނަބިސް "ބޭސްފަރުވާއަށް" ބޭނުން ކުރުން ޤާނޫނީ ގޮތުން ހުއްދަ ކުރަން ފެންނަ ކަމަށް މާލެ ސިޓީ ކައުންސިލަށް ކުރިމަތިލައްވާނެކަމަށް އިއުލާން ކުރައްވައި ކެންޕެއިން ކުރައްވަމުންދާ އަލްހާން ފަހުމީ ވިދާޅުވި ވިދާޅުވުމަށް ރައްދު ދެއްވަމުން އަލްހާން އާއި ވާދަ ކުރައްވާ ޕީޕީއެމްގެ ކެންޑިޑޭޓް މުހައްމަދު މުއިއްޒު ވިދާޅުވީ އެއްވެސް ނިޔަތެއްގައި ޑްރަގުގެއް އެއްވެސް ބާވަތެއް ހުއްދަ ކުރުމަކީ މުސްތަގުބަލަށް ފައިދާވާނެ ކަމެއް ނޫންކަމަށެވެ.

ސިއްޚީ ގޮތުން ވަކި ކަމަކަށް ޚާއްސަކޮށްގެން ދެވޭ ފަރުވާއެއް ކަމަށްބުނެ ޑްރަގުގެ ބާވަތްތައް ތަޢާރަފްކޮށް އެތަކެތި ބޭނުންކުރުމުގެ ހުއްދަ ދިނުމަކީ އެކަމުގެ ސަބަބުން މުޅި މުޖުތަމައަށް ގެއްލުން ވެގެންދާނެ ކަންތައްތަކެއްކަމަށް ޑރ.މުއިއްޒު ވިދާޅުވިއެވެ.

"ސިއްޚީ ބޭނުމަކަށް ކަމަށްބުނެ ކެނެބިސް ބިޔަސް އަދި އެނޫން ޑްރަގެއް ވިޔަސް ހުއްދަ ކުރުމަކީ ޤައުމުގެ މުސްތަގުބަލަށް ނުރައްކާތެރިކަމެއް. ސިއްޚީ ކަންކަމަށޭ ކިޔާފަ ދޭ ހުއްދަ، ދުވަސްތަކަކަށްފަހު ބަދަލުވާނީ އާންމު ހުއްދައަކަށް. ދުނިޔޭގެ އެހެން ޤައުމު ތަކުގައިވެސް ކަންކަން ވަނީ އެފަދައިން" ޑރ.މުއިއްޒު ވިދާޅުވި އެވެ.

މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާނެ ކަން އިއުލާންކުރައްވާފައިވާ އަލްހާން ފަހުމީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސިއްހީ ބޭނުންތަކަށް ކެނަބިސް ބޭނުން ކުރުމުގެ ހުއްދަ ދިނުމާއި މެދު ޤާނޫނު ހަދާ މަޖިލީހުން ވިސްނަން ޖެހޭ ކަމަށް އޭނާ އަށް ގަބޫލު ކުރެއްވޭ ކަމަށެވެ. އަލްހާން ވަނީ އެ ޓުވީޓްގައި މަޖިލީހުގެ ރައީސް މުހަންމަދު ނަޝީދު ޓެގްކުރައްވާފައެވެ.

ކެނަބިސް ސިއްހީ ބޭނުންތަކަށް ބޭނުން ކުރުމުގެ ހުއްދަ ދުނިޔޭގެ 41 ގައުމެއްގައި ދީފައިވީނަމަވެސް އޭގެ ތެރޭގައި އެއްވެސް އިސްލާމީ ގައުމެއް ހިމެނިފައެއް ނުވެއެވެ. އަލްހާން މިރޭ ކުރެއްވި ޓްވީޓްގައި ވަނީ ކެނަބިސް އިން ލިބޭ "ފައިދާތައް" ކަމަށް ބުނެ ބައެއް ވާހަކަތައް ލިޔެފައިވާ ލިޔުމެއް ވެސް ޓްވީޓް ކުރަށްވާފައެވެ.

ކެނަބިސް އަކީ މިހާރު ވެސް ރާއްޖެ އަށް އެންމެ ގިނައިން އެތެރެ ކުރާ މަސްތުވާތަކެތީގެ އެއްބާވަތެވެ. ސެޕްޓެމްބަރ 09 ވަނަ ދުވަހު ވެސް ރާއްޖެ އެތެރެ ކުރަން އުޅުނު 4.4 ކިލޯގެ ކެނަބިސް އާއި އެކު ބަންގްލަދޭޝް މީހަކު ހައްޔަރު ކޮށްފައި ވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *