ޤައުމީ ފެރީ ވިއުގައިގެ ފުރަތަމަ ފިޔަވަހި ފެށުމަށް ޕްލޭނިން މިނިސްޓްރީއާއި އެމްޓީސީސީ ދެމެދު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގެ ދަށުން ފުރަތަމަ ފިޔަވަހީގައި ހއ.އަތޮޅާއި ހދ.އަތޮޅާއި ށ.އަތޮޅުގައި ޒަމާނީ ފެންވަރުގެ ހައި ސްޕީޑް ފެރީގެ ހިދުމަތް މި އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭ އަގު ހެޔޮކޮށް ފަށަންޖެހެއެވެ. ފުރަތަމަ ފިޔަވޙީގެ މި މަސައްކަތް ހަވާލުކޮށްފައިވަނީ 157 މިލިއަން ރުފިޔާއަށެވެ. މި އެއްބަސްވުމުގައި ފްލެނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، އެ މިނިސްޓްރީގެ ނޭޝަނަލް ޕްލޭނިން ޑިޕާޓްމަންޓްގެ ޑިރެކްޓަރު ޖެނެރަލް މުހައްމަދު އިމާދެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ، ޗީފް އޮޕަރޭޝަންސް އޮފިސަރު ޝާހިދު ހުސެއިނެވެ.

ފެރީގެ ފުރަތަމަ ފިޔަވަހި ފެށުމުގެ އެއްބަސްވުމުގައި މިއަދު ސއޮިކޮށްފައިވާއިރު، ހައި ސްޕީޑް ފެރީގެ ޚިދުމަތަށް ބޭނުންވާ އުޅަނދުތައް ތައްޔާރުކޮށްދޭނެ ފަރާތްތައް ހޯދުމުގެ މަސައްކަތް އެމްޓީސީސީން މިހާރު ވަނީ އިއުލާންކޮށްފައެވެ. ހައި ސްޕީޑް ފެރީ ނިޒާމުގެ މަޝްރޫއަކީ ރާއްޖެ ލާމަރުކަޒީކުރުމަށް ކުރާ މަސައްކަތުގެދަށުން، ރަނގަޅު ދަތުރުފަތުރުގެ ނިޒާމެއް ޤާއިމުކުރުމަށް ސަރުކާރުން ފަށަން ނިންމާފައިވާ މަޝްރޫޢެކެވެ. ފެރީ ނިޒާމުގެ ޚިދުމަތް ދިނުމަށް ސަރުކާރުން ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އެމްޓީސީއާއެވެ.
އެމްޓީސީސީން ބުނެފައިވަނީ ޒޯން 1ގެ ޚިދުމަތަށް 17 ހައިސްޕީޑް ފެރީ އުޅަނދު ބޭނުންވާކަމަށެވެ. މިއިން ކޮންމެ އުޅަނދަކީ 50 ފަސިންޖަރުންނާއި 4 ކްރޫއާއި، 2 ފުރޮޅުލީ ގޮނޑިއާއި ބަލިމީހުން އުފުލާ ސްޓްރެޗަރއެއް ބެހެއްޓޭނެ ޖާގައިގެ އުޅަނދަކަށްވާންވާނެކަމަށެވެ. އަދި ކޮންމެ ފަސިންޖަރަކަށް 20ކިލޯގެ ލަގެޖު އުފުލޭ އުޅަނދަކަށްވާންވާނެކަމަށެވެ. އަދި ޖާގަ ތަނަވަސްވާނެގޮތަށް ގޮނޑިޖެހުމާއި ފުރޮޅުލީ ގޮނޑީގައި ފަސޭހައިން ފެރީއަށް އެރޭގޮތަށް ހުންނަންޖެހޭނެކަމަށްވެސް އެމްޓީސީސީން ބުންޏެވެ.

ހައި ސްޕީޑް ފެރީގެ ޚިދުމަތް ފުރަތަމަ ދިނުމަށް ހަމަޖެހިފައިވަނީ ޒޯން 1ގައި ހިމެނޭ ހއ، ހދ، އަދި ށ އަތޮޅަށެވެ. އެއީ މީހުން ދިރިއުޅޭ 41 ރަށެވެ. މި ޚިދުމަތްދޭނީ 6 ޒޯނަކަށް ބަހާލައިގެންނެވެ. ޚިދުމަތް ދިނުމުގައި 3 ރޫޓަކަށް ދަތުރުކުރާނެއެވެ. އެއީ ކައިރި ރަށްތަކަށް ކުރާ ދަތުރުތަކާ، ދުރު ރަށްރަށަށް ބާއްވާ ނޮންކޮމިއުޓަރ ލިންކާއި އެއްޒޯނުން އަނެއް ޒޯނަށް ދަތުރުކުރާ ހައިވޭ ލިންކެވެ. ސަރުކާރުން މަސައްކަތްކުރަމުންދަނީ ޒޯން އެކަކަށް މިއަހަރުގެ ފަހު ކުއާޓަރުގައި ޚިދުމަތް ފެށުމަށެވެ.
ކޮމެންޓު ފޮނުވާ