ދެ މައްސަލައަކާ ގުޅިގެން ލ. ގަމުން ދެ މީހަކު ހައްޔަރުކޮށްފި

ދެ މައްސަލައަކާ ގުޅިގެން ލ. ގަމުން ދެ މީހަކު ހައްޔަރުކޮށްފި

Author
މުޙައްމަދު ޝަޒައިމް
01 ފެބްރުއަރީ 2021 03:54
0

މަސްތުވާތަކެތީގެ މައްސަލައަކާ އަދި ވައްކަމުގެ މައްސަލައަކާ ގުޅިގެން ލ. ގަމުން ދެ މީހަކު ހައްޔަރުކޮށްފިއެވެ.

އެގޮތުން، މަސްތުވާތަކެތީގެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 39 އަހަރުގެ މީހެކެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ގަމުން ވޭމަންޑުއަށް މަސްތުވާތަކެތި ގެންދަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައެވެ. ޖަނަވަރީ މަހުގެ 31 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން  އޭނާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ހަތް ރަބަރު ޕެކެޓު ފެނިފައިވެއެވެ.

އޭގެ އިތުރުން، ގަން ހަމަދު ބިން ޚަލީފާ އަލް ޡާނީ ސްކޫލުން ވައްކަންކޮށްފައިވާ ކަމަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 32 އަހަރުގެ މީހެކެވެ. ޖަނަވަރީ  މަހުގެ 29 ވަނަ ދުވަހު ހުށަހެޅި އެ މައްސަލައާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި ކޯޓުއަމުރެއްގެ ދަށުން އޭނާ ހައްޔަރުކޮށް، އޭނާ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ދެ ޓީވީ ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވެއެވެ.

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ގަން މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތު ދީފައިވެއެވެ.

މި ދެ މައްސަލަވެސް ގަން ޕޮލިސް ސްޓޭޝަނުން ގެންދަނީ ތަހުގީގު ކުރަމުން ކަމަށް ފުލުހުން ބުނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.