އޮތީ އަދިވެސް އިންތިޚާބު ލަސްކުރުމުގެ ވިސްނުން

އޮތީ އަދިވެސް އިންތިޚާބު ލަސްކުރުމުގެ ވިސްނުން

ގުޅުންހުރި

2020 ވަނަ އަހަރު މުޅި ދުނިޔެއަށް ފެތުރެންފެށި ކޯވިޑް19 އާއިއެކު، ގައުމުތަކުގެ ވެރިކަމުގެ ނިޒާމުތަކަށް ކުރިމަތިވެގެންދިޔަ އެންމެ ބޮޑު ގޮންޖެހުމަކަށް ވެގެންދިޔައީ، ރައްޔިތުން ވޯޓުލައިގެން އިންތިޚާބުކުރަންޖެހޭ މަގާމްތަކަށް މީހުން އިންތިޚާބު ކުރުމުގައި ކުރިމަތިވެގެން ދިޔަ ބޮޑެތި ގޮންޖެހުންތަކެވެ.

މިގޮތުން ގިނަބަޔަކު އެއްވެ އަޑު އުފުލުމާއި، ކެމްޕޭންތައް ކުރުމާއި، އަދި މީގެއިތުރުން އިންތިޚާބުތައް ބޭއްވުމުގައި ކުރިމަތިވެގެންދިޔަ ހުރަސްތައް ވެގެންދިޔައީ، އޭގެ ޒާތުގައި ޑިމޮކްރަސީތަކަށް ކުރިމަތިވެގެންދިޔަ ގޮންޖެހުންތަކަކަށް ނަމަވެސް، އިންތިޚާބުތައް ލަސްކޮށް، ކެމްޕޭންތައް ކުރުމުގައި ކުރިމަތިވެފައިވާ ހުރަސްތަކުގެ ނާޖާއިޒް ފައިދާތައް ނަގާ، ނިޒާމުތައް ގަޑުބަޑު ކުރުމަށް ދުނިޔޭގައި ކުރެވިގެންދިޔަ މަސައްކަތައްވެސް އެހާމެ ގިނައެވެ.

ގައުމުތަކުން ވަނީ ސިއްޙީ ކާރިސާގެ ތެރޭގައިވެސް އިންތިޚާބުތައް ބާއްވާފަ

އެހެންނަމަވެސް، ކޯވިޑް19ގެ ގޮންޖެހުންތަކާއެކުވެސް، ދުނިޔޭގެ ބައެއް ޑިމޮކްރަސީތަކުގައި، އިންތިޚާބުތައް ބާއްވާފައި ވެއެވެ.

މިސާލަކަށް، ސްރީ ލަންކާގެ ރިޔާސީ އިންތިޚާބާއި އަދި ޕާލަމެންޓްރީ އިންތިޚާބުވެސް ބޭއްވިގެންދިޔައީ ކޯވިޑް19ގެ ހާލަތު މުޅި ދުނިޔޭގައި ނުހަނު ބޮޑުވެފައި ވަނިކޮށެވެ. ސްރީލަންކާގައި ކޯވިޑް19 ކާރިސާގެތެރޭގައި އިންތިޚާބުތައް ބޭއްވިގެން ދިޔައިރު، އެގައުމުގައި އާދަޔާ ޚިލާފަށް ބާރު މިނުގައި ބަލި ފެތުރެމުންނެއް ނުދެއެވެ. އެހެންނަމަވެސް، ބައެއް ފަރާތްތަކުން ތުހުމަތު ކުރާގޮތުގައި، އޭރު އިންތިޚާބަށް ފުރުސަތު ދިނުމުގެ ގޮތުން، ސްރީލަންކާގައި އޮތީ އެގައުމުގައި ކޯވިޑް19އަށް ޕޮޒިޓިވް ވަމުންދާ މީހުންގެ ހިސާބުތައް، ވަރަށް ބޮޑަށް އޮޅުވާލާފައެވެ.

މިގޮތުން، އިންތިޚާބު ބާއްވާ، އެގައުމުގެ އާސަރުކާރު ހުވާ ކުރުމާއެކު، ސްރީލަންކާގައި ކޯވިޑް19ގެ ހާލަތު ގޯސްވެ، ޕޮޒިޓިވްވާ މީހުންގެ ނިސްބަތްވެސް އިންތިހާއަށް މަތިވެގެންދިޔަތަން ފެނިގެން ދިޔައެވެ.

ސްރީ ލަންކާގައި އެގައުމުގެ ރިޔާސީ އިންތިޚާބު ބާއްވާފައިވަނީ ކޯވިޑް ކާރިސާގެ ތެރޭގައި

މުޅި ދުނިޔޭގައިވެސް ކޯވިޑް19ގެ ހާލަތު އެންމެ ގޯސް ގައުމުކަމުގައިވާ އެމެރިކާގައި ރިޔާސީ އިންތިޚާބު ބޭއްވިގެން ދިޔައީ، އެގައުމުގައި ކޯވިޑް19ގެ ހާލަތު ވަރަށް ގޯސްވެފައި ވަނިކޮށެވެ. އެހެންނަމަވެސް ފާހަގަކޮށްލަން ޖެހޭ ނުކުތާއަކީ، ޓެކްނިލޮޖީއާއި އަދި ވަސީލަތްތަކުގެ ގޮތުން އެމެރިކާއި ދުނިޔޭގެ އެހެންގައުމުތަކާ އަޅާކިޔެން ނެތްނަމަވެސް، އެގައުމުގައިވެސް ހަމަ ގިނައަދަދެއްގެ ބަޔަކު ވޯޓު ފޮށިތައް ކައިރިއަށް ހާޒިރުވެ، ވޯޓުލައިގެން އެގައުމަށް އާރައީސަކު އިންތިޚާބު ކޮށްފައިވާ ކަމެވެ.

އިންތިޚާބު ނުބޭއްވޭނެ ހާލަތެއް ނެތް

ދިވެހިރާއްޖޭގައި ރިޔާސީ އިންތިޚާބެއް ބޯމަތިވެފައިވި ނުވި ނަމަވެސް، ލޯކަލް ކައުންސިލް އިންތިޚާބާއި ކުރިމަތިލާންޖެހުނީ ކޯވިޑް19 ރާއްޖޭގައި ފެތުރެންފެށި ތަނާކަހަލަ ގޮތަކަށެވެ. އަދި އޭރުގެ ހާލަތު އޮތްގޮތުން ރައްޔިތުން ވޯޓު ފޮށިތައް ކައިރިއަށް ނިކުމެ. ވޯޓުލުމުގެ ފުރުސަތެއް އޭރަކު ނެތެވެ. ނަތީޖާއެއްގެ ގޮތުން، ސުޕަރ މެޖޯރިޓީ އޮތް މަޖިލިހުން އެއްވެ އިންތިޚާބު ލަސްކުރުމަށްޓަކާ ގާނޫނަށް ބޮޑެތި ބަދަލުތަކެއް ގެނައެވެ. އަދި ރައްޔިތުންގެ ރުހުމަކާ ނުލާ، އިންތިޚާބީ މަގާމްތަކުގައި ކައުންސިލަރުންނަށް ދެމި ތިބެވޭނެ މަގު އިތުރަށް ފަހިކުރިއެވެ.

މައްސަލައެއް ނެތެވެ. މުޅި ދިނިޔޭގައިވެސް އޮތީ ޚާއްސަ ޙާލަތެކެވެ. އެހާލަތު ރާއްޖޭގައިވެސް އޮތީ ނުރައްކާތެރި މިންވަރަކަށެވެ.

އެހެންނަމަވެސް، ކޯވިޑް19ގެ ހާލަތު އޭރު އޮތްގޮތާއި، މިއަދުގެ ހާލަތާ ވަރަށް ބޮޑުތަނުން މިއަދު ތަފާތު ވެއްޖެއެވެ. ކޯވިޑް19އަށް އެތައްބަޔަކު ހޭނިއްޖެއެވެ. ވެކްސިންތައް ވުޖޫދުވެ، ގިނަގައުމުތަކެއްގައި ވެކްސިން ދޭންވެސް ފަށައިފިއެވެ. އަދި ރާއްޖެއަށްވެސް ވެކްސިން ގެނެސް، މިހާރުވަނީ ސްޓޮކް ކޮށްފައެވެ.

އަދި ހަމަ އެއާއެކު، މާލެ ފިޔަވާއި، ރާއްޖޭހެ ހުރިހާ ރަށެއްގައިވެސް، ހާލަތު ވަނީ އާންމު ހާލަތެއްގައެވެ. ދޭތެރެ ދޭތެރެއިން ބައެއް ރަށްތައް މޮނިޓަރިންއަށް ދިޔަ ނަމަވެސް، ސްކޫލަތަކަށް ކުދިން ކިޔަވަން ދާން ފަށައިފިއެވެ. ފިހަރާތަކާއި ސައި ހޮޓާތައް ހުޅުވާ، މީހުން ޖަމާވެ އުޅުމުގައި އެއްވެސް ހުރަހެއް ނެތެވެ.

ކޯވިޑް19 އަށް ބަންދު ކުރުމަށްފަހު، މާލެ ސަރަހައްދުގެ ސްކޫލްތައްވަނީ ޖެނުއަރީ މަހު ހުޅުވާފަ

އަދި މިހާރު ސަރުކާރުންވަނީ، ބަލި އެންމެބޮޑަށް ފެތުރެމުންދާ ރަށް، ވެރިރަށް މާލޭގަވެސް ސްކޫލްތައް ހުޅުވާ، އެންމެ ފަހަކާ ޖެހެންދެންވެސް އާންމު ހާލަތަކަށް ނުގެނެވި އޮތް ދައިރާ ވަރަށް ބޮޑުތަނުން އާންމު ހާލަތަކަށް ގެނެސްފައެވެ.

އަދި މީއިތުރުން، ވަކީން ޚާއްސަކޮށް ފާހަގަ ކޮށްލެވެން އޮތްކަމަކީ، މާލޭގައި ވަކި އުސޫލަކުން ބެލުމެއްނެތި، ސިޔާސީ ޕާޓީތަކުން ވަނީ ކޮންމެ ދުވަހަކު ކަހަލަގޮތަކަށް މުޒާހިރާވެސް ކުރަން ފަށާފައެވެ. ކުރެވެމުންދާ މުޒާހިރާތަކާއި ގުޅިގެން، އެޗްޕީއޭއިން ވަކިން ޚާއްސަ އިލްތިމާސެއްވެސް މިއަދު ކުރަމުންނެއް ނުދެއެވެ.

ގާނޫނަށް ބަދަލު ގެނަޔަސް، އަދިވެސް އިންތިޚާބު ބޭއްވުމުގެ ވިސްނުމެއް ނެތް

2020 ވަނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިޚާބު އޭރުގެ ހާލަތަށް ރިއާޔަތްކޮށް ލަސްކުރުމަށްފަހު، އޭގެ އެއް އަހަރުފަހުން އިންތިޚާބު ބާއްވަން ކަޑައެޅި މުއްދަތުގައިވެސް އިންތިޚާބު ނުބޭއްވޭނެކަން ޔަގީންވުމާއެކު، ސުޕަރ މެޖޯރިޓީ އޮތް އެމްޑީޕީއަށް ބޮޑެތި ފާޑުކިއުންތަކެއް އަމާޒުވެގެން ދިޔައެވެ.

އަދި ކުއްލި ނުރައްކަލުގެ ހާލަތު ހުއްޖަތަކަށް ދައްކާ، އިންތިޚާބު ލަސްކުރުމުގެ ވިސްނުން ސުޕަރ މެޖޯރިޓީން ގެންގުޅެމުން އަންނަ ކަމުގެ ތުހުމަތުގެ އިގިލި އަމާޒުވެގެން ދިއުމާއެކު، އިންތިޚާބާ ބެހޭ ގާނޫނަށް ބަދަލު ގެނެސް، ކުއްލި ނުރައްކަލުގެ ހާލަތު އޮތްނަމަވެސް، ކައުންސިލް އިންތިޚާބު ބޭއްވޭ ގޮތަށް، އިންތިޚާބާބެހޭ ގާނޫނަށް ސުޕަރ މެޖޯރިޓީން ބަދަލު ގެނައެވެ. އެހެންނަމަވެސް، އިންތިޚާބު ލަސްކުރުމަށް އެކަށީގެންވާ ދޮރެއްވަނީ ހުޅުއްވާ ދެއްވާފައެވެ.

މިގޮތުން، މިގާނޫނު ބުނާގޮތުން، އިލެކްޝަންސް ކޮމިޝަނުން ކަޑައަޅާ ތާރީޚުގައި އިންތިޚާބު ނުބޭއްވޭނެ ހާލަތު މެދުވެރި ވެއްޖެނަމަ، އޭގެ 30 ދުވަސްކުރިން، އެކަން ރައްޔިތުންގެ މަޖިލީހަށް އަންގަން ޖެހެއެވެ.

މިގާނޫނު ތަސްދީގުވެގެން ދިއުމާއެކު ކަހަލަގޮތަކަށް ފެނިގެންދިޔައ، އެޗްޕީއޭއިން އިންތިޚާބުގެ ކަންކަން ކުރިޔަށް ގެންދާނެ ގޮތުގެ ގައިޑްލައިނެއް އެކުލަވާލި މަންޒަރެވެ. މި ގައިޑްލައިންގައި ވާގޮތުން، ކެނޑިޑޭޓުން ކެމްޕޭން ކުރަންޖެހޭނީވެސް އޮންލައިން ކޮށެވެ.

ލޯކަލް ކައުންސިލް އިންތިޚާބު ބާއްވާނެ ތާރީޚަކީ އަންނަ އެޕްރިލް މަހުގެ 10 ދުވަސްކަމުގައި އީސީން ވަނީ ނިންމާފަ

މީގެ އިތުރަށް އިލެކްޝަންސް ކޮމިޝަނުން ކުރަންފެށީ އެހެން ޝަކުވާތަކެކެވެ. އެޗްޕީއޭއިން ކަޑައަޅާފައޮތް ގައިޑްލައިންގެ ދަށުން އިންތިޚާބު ނުބޭއްވޭނެކަމުގެ ޝަކުވާތަކެވެ. މިހާރު ލިބިފަ އޮތް 50 މިލިއަން ރުފިޔާގެ އިތުރަށް 40 މިލިއަން ރުފިޔާ، އިންތިޚާބު ބާއްވަންޖެހޭނަމަ، ބޭނުންވާނެ ކަމުގެ ޝަކުވާއެވެ. މިޝަކުވާތަކަށް، ފިނޭންސް މިނިސްޓްރީން އެއްވެސް އިޖާބައެއް އަދި މިއަދާ ހަމައަށް ދީފައެއް ނުވެއެވެ.

ހުރިހާ ޝަކުވާއެއްވެސް ކުރަމުންދަނީ، ދައުލަތުގެ މުވައްސަސާތަކުންނެވެ. ގައިޑްލައިންތަކުގެ ޝަކުވާތަކެވެ. ބަޖެޓް ނުލިބުމުގެ ޝަކުބާތަކެވެ. މި ޝަކުވާތަކަށް ހައްލު ހޯއްދަވާދެއްވަންވެސް ތިބީ، މިޝަކުވާތައް ކުރަމުންދާ މުވައްސަސާތަކުގެ ވެރީންނެވެ. އަރަތަކީ މިއީއެވެ.

އެހެންނަމަވެސް، އިވެމުންދަނީ މަތިމައްޗަށް ޝަކުވާގެ އަޑުތަކެވެ. ކޮންމެ ޝަކުވާއެއްވެސް ނިމިގެންދަނީ އިންތިޚާބު ނުބޭއްވޭނެ ކަމުގަމުގެ ވާހަކައިންނެވެ. ކުރިމަތީގައި ހުރި މައްސަލަތައް ހައްލުކޮށް، މިހާރުވެސް ކަޑައެޅިފައޮތް ތާރީޚުގައި އިންތިޚާބު ބޭއްވިދާނެކަމުގެ ވާހަކަ މުވައްސަސާތަކުން ދައްކާއަޑެއް ނީވެއެވެ.

އެހެންނަކަމުން، އެޕްރިލް 10 ވަނަ ދުވަހަކީ އިންތިޚާބު ބާއްވާނެ ދުވަހުގެ ގޮތުގައި އެލެކްޝަންސް ކޮމިޝަނުން އިއުލާން ކޮށްފައި އޮތްނަނަމަވެސް، އެތާރީޚުގައި އިންތިޚާބު ނުބާއްވަން މިހާރުވެސް އެކޮމިޝަނުން ނިންމައިގެން ތިބިކަން ވަރަށް ސާފެވެ.

އިންތިޚާބު އަވަސްކޮށްގެން ކާމިޔާބެއް ނެތް

2020 ވަނަ އަހަރު މުޅި ދުނިޔެއަށް ފެތުރެންފެށި، ކޯވިޑް19ގެ އަސަރު ރާއްޖެއަށްކޮށް، ގައުމު އޮތީ ބޮޑުތަނުން އިދނަޖެހިފައެވެ. ފަތުރުވެރިކަމުގެ ސިނާއަތް، ކުރިމަތިވި ގޮންޖެހުމުން އަރައިގަތުމަށް ކުރަމުންދާ މަސައްކަތް ދަނީ އެހާމެ ބާރު ދުވެލީގައެއް ނޫނެވެ. އެތަކެއް މުވައްޒަފުން ތިބީ އަދިވެސް ބިކަވެފައެވެ. ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ވެއްޓިފައިވާ ފުން ވަޅުގަޑުން އަރައިގަނެވޭނެ މަގު އަދިވެސް ފެންނާކަށް ނެތެވެ. ބޭންކު ލޯނުތައް ދެއްކޭނެ މަގެއް ނުފެނި، ބޮޑެތި ވިޔަފާރިވެރިންވެސް ތިބީ ގޮތް ހުސްވެފައެވެ.

ގޭގެ ކުލި ނުދެއްކި، ރަށްރަށް ހިޖުރަކުރަން ޖެހިފައިތި މީހުންގެ އަދަދު އެހާމެ ގިނައެވެ. ކޯވިޑް19ގެ ސަބަބުން ކުރިމަތިވެފައިވާ އިޖުތިމާޢީ މައްސަލަތައްވެސް އެހާމެ ގިނައެވެ.

މިހުރިހާ މައްސަލަތަކެއް މިއަދު ފުނިޖެހިފައިވަނީ، ސަރުކާރުގެ ކުރިމައްޗަށެވެ.

އާދޭހެވެ. މާދަމާ އިންތިޚާބެއް ބޭއްވިޔަސް، މިހުރިހާ އުދާސްތަކެއް ރައްޔިތުން ބަންޑުން ކޮށްލާނެއެވެ. ކެމްޕޭނަށް ކެޑިޑޭޓުން ދޮރުން ދޮރަށް ހިގަން ފެށުމާއެކު، ސަރުކާރު ކެޑިޑޭޓުން ޖަވާބުދާރީ ވާންޖެހޭ ސުވާލުތައް ގިނަގުނައެވެ. ތަރައްގީގެ މަޝްރޫޢުތަކެވެ. ރަށްރަށަށް ބޭނުންވާ ސިއްޙީ އެހީތެރިކަމެވެ. މަސްވެރިންގެ ޝަކުވާތަކެވެ.

ރައީސް ޔާމިން މިނިވަން ކުރުމަށް ގޮވާލާ ޕީޕީއެމްއިން ކުރި މުޒާހިރާއެއްގެ ތެރެއިން

މިހުރިހާ ޝަކުވާތަކަށް، އިންތިޚާބީ ކެމްޕޭންގެ ތެރޭގައި ސަރުކާރަށް ޖަވާބުދާރީ ވާންޖެހޭނެކަމީ ޝައްކެއް އޮތްކަމެއް ނޫނެވެ.

އެހެންކަމުން، އިންތިޚާބު ލަސްކުރުން ނޫންހައްލެއް މިއަދު ފެންނާން އޮތްތަނެއް ނުފެނެއެވެ. އިލެކްޝަންސް ކޮމިޝަނުން ކުރަމުންދާ ޝަކުވާތަކާއި ހާލަތާއި ގުޅުމެއްނެތްކަމުގައި ދެންނެވެން ނެތީ މިސަބަބުތައް މިގޮތަށް ހުރީމައެވެ.

މިހާރު އިލެކްޝަންސް ކޮމިޝަނުން އިއުލާން ކޮށްފައި އޮތް ތާރީޚިގައި ލޯކަލް ކައުންސިލް އިންތިޚާބު އެކޮމިޝަން ބޭއްވުމަކީ މުސްތަހީލު ކަމެކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *