އިނގިރޭސި ކުލަބް މެންޗެސްޓަރ ސިޓީގައި މަޑުކުރަން އެ ޓީމުގެ ބެލްޖިއަމް ޤައުމީ ޓީމުގެ މިޑްފީލްޑަރ ކެވިން ޑި ބްރޭނާ ނިންމާފައިވާ ކަމަށް އިނގިރޭސީ މީޑިޔާރިޕޯޓުތައް ބުނެފިއެވެ.
އޭނާ އެއްބަސްވުން އާކުރަނީ އަދި ބާކީ ދެ އަހަރާއި ބައި އޮއްވައެވެ. މީޑިއާ ރިޕޯޓުތައް ބުނާގޮތުން ޑި ބްރޭނާ ވަނީ ސިޓީއާއެކު އިތުރު ފަސް އަހަރު މަޑުކުރަން ނިންމާފައެވެ. އަދި ވަރަށް އަވަހަށް އެއްބަސްވުމުގައި ސޮއިކުރާނެއެވެ.
މިދިޔަ ސީޒަނުގައި ޑި ބްރޭނާ ތަފާތު މޮޅު ކުޅުމެއް ދެއްކިއިރު، އޭނާ ވަނީ ޕްރޮފެޝަނަލް ފުޓްބޯލާސް އެސޯސިއޭޝަން (ޕީއެފްއޭ) އިން ހޮވި މިދިޔަ ސީޒަނުގެ އިނގިރޭސި ޕްރިމިއާ ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމާއި މިދިޔަ ސީޒަނުގެ ޕްރިމިއާ ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދާފައެވެ.
ޑި ބްރޭނާ ސިޓީއާއި ގުޅުނީ 2015 ވަނަ އަހަރުގައެވެ. ވުލްފްސްބާގް ދޫކޮށް އޭނާ ސިޓީއަށް ބަދަލުވީ 55 މިލިއަން ޕައުންޑަށެވެ. އެ ޓީމަށް ބަދަލުވެ ތަފާތު މޮޅު ކުޅުމެއް އޭނާ ވަނީ ދައްކާފައެވެ.
އޭނާ ވަނީ މިހާތަނަށް ސިޓީއަށް ކުޅެދިން 227 މެޗުގައި އޭނާ ވަނީ 58 ގޯލު ޖަހާފައެވެ. އޭނާ ވަނީ ސިޓީއާއެކު ޕްރިމިއާ ލީގު ދެ ފަހަރު ކާމިޔާބުކުރުމުގެ އިތުރަށް އެފްއޭ ކަޕް އެއް ފަހަރު ކާމިޔާބުކޮށްފައެވެ.