ކްލަބު ގްރީން ސްޓްރީޓާއި ޓީސީ ސްޕޯޓްސް ކްލަބުގެ އިތުރުން ޔުނައިޓެޑް ވިކްޓްރީން މިމަހުގެ ތެރޭގައި ފަރިތަކުރުންތައް ފަށަން ނިންމާފައިވާ ކަމަށް އެކުލަބުތަކުން ބުނެފި އެވެ.
މައުލޫމާތު ލިބިފައިވާގިތުން ގްރީން ސްޓްރީޓުން މަސައްކަތް ކުރަމުންދަނީ ފަރިތަކުރުންތައް މިމަހުގެ 15 ނޫނީ 20ގައި ފެށުމަށެވެ. މި މަހު ޕްރެކްޓިސް ފަށަން މަސައްކަތް ކުރަމުން އަންނަ އިތުރު ކްލަބުތަކުގެ ތެރޭގައި ޓީސީ އާއި ޔުނައިޓެޑް ވިކްޓްރީ ހިމެނެއެވެ.
ޓީސީން މަސައްކަތް ކުރަމުންދަނީ އެޓީމުގެ ފަރިތަކުރުންތައް މިމަހުގެ 25 ވަނަ ދުވަހުފެށުމަށެވެ. އެގޮތުން ހެލްތް ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ)ގެ ގައިޑްލައިނާއި އެއްގޮތަށް ފަރިތަ ކުރުންތައް ފެށުމަށް މިހާރު އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށް އެކުލަބުންވަނީ ހާމަކޮއްފައެވެ.
ޔުނައިޓެޑް ވިކްޓްރީން ދަނީ ޓީމުގެ ސްކޮޑް އެކުލަވާލައި މި މަހު ފަހުކޮޅު އެންމެ ލަސްވެގެންވެސް ފަރިތަކުރުންތައް ފެށުމަށް ދަނީ ތައްޔާރުވަމުންނެވެ.
ކޮވިޑް-19 އާ ގުޅިގެން ކުޅިވަރުތައް މެދު ކަނޑާލާފައި އޮތުމަށްފަހު ކުޅިވަރުތައް ކުޅުމުގެ ހުއްދަ ދިނުމާއެކު އެންމެ ކުރިން ފަރިތަކުރުންތައް ފެށި ކްލަބަކީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބެވެ. މާޒިޔާއިން ފަރިތަކުރުންތައް ފެށީ މިދިޔަ ހޮނިހިރު ދުވަހު އެވެ. އެފްއޭއެމް އަންނަނީ އަންނަ ޑިސެންބަރު މަހު 08 ވަނަދުވަހު ސީޒަންފެށުމަށް ތައްޔާރުވަމުންނެވެ.