އިޓާލިއަން ސެރީއާގައި ތާވަލްގެ ދެވަނައިގާ އުޅޭ އިންޓަރ މިލާނާއި އުދިނޭސޭ ބައްދަލުކުރި މެޗް އެއްވަރުވެއްޖެ އެވެ.
ރަށުން ބޭރުގައި އިންޓައިން ކުުޅުނު މެޗު އެއްވަރުވީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެވެ. މިމެޗްގައި އިންޓަރއިން އުފެއްދި ނުރައްކާތެރި ދެތިން ހަމަލާވަނީ އުދިނޭސޭގެ ކީޕަރ ހުއާން މޫސޯ ދިފާއުކޮށްފަ އެވެ. މިމެޗްގައި އިންޓައިން ނުރައްކާތެރި ދެތިން ހަމަލާ އުފެއްދި ނަމަވެސް އުދިނޭސޭ ބަލިކުރެވޭވަރަށް މަސައްކަތް ކުރެވިފައެއް ނުވެއެވެ.
ތާވަލްގެ އެއްވަނައިގާ އުޅޭ އޭ.ސީ މިލާން އެޓީމް ރޭ ކުޅުނު މެޗުން ބަލިވުމުން، ރޭ އިންޓަރ ކުޅުނު މެޗް އެޓީމުން ކާމިޔާބުކުރި ނަމަ، ޖަހާފައިވާ ލަނޑުގެ ތަފާތުން ތާވަލްގެ އެއްވަނައަށް، އެރުމުގެ ފުރުސަތުއޮތެވެ. ނަމަވެސް މިމެޗް އެއްވަރު ވުމުން ސީޒަން ދެބައިވިއިރު ތާވަލްގެ އެއްވަނައަށް އަރާ، ވިންޓަރ ޗެމްޕިއަންގެ ލަގަބު ހޯދުމަށް އިންޓައަށް ލިބުނު ފުރުސަތުވަނީ ގެއްލިފަ އެވެ.
ރޭ ލީގުގައި ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ތާވަލްގެ ތިންވަނައިގާ އުޅޭ އޭ.އެސް ރޯމާ އާއި ސްޕެޒިއާ ބައްދަލުކުރިމެޗް 4 ލަނޑު 3 ލަނޑުން ކާމިޔާބުކުރީ ރޯމާއެވެ. އަދި ފިއޮރެންޓީނާ އާއި ކްރޮޓޯނޭ ބައްދަލުކުރިމެޗް 2 ލަނޑު އެއް ލަނޑުން ކާމިޔާބުކުރީ ފިއޮރެންޓީނާއެވެ.
ލީގުގެ އެއް ވަނާގައި މި ވަގުތު މިލާން އޮތީ 19 މެޗުން 43 ޕޮއިންޓާ އެކު އެވެ. ދެ ވަނާގައި އޮތް އިންޓަ އަށް 19 މެޗުން ވަނީ 41 ޕޮއިންޓް ލިބިފަ އެވެ. ތިން ވަނާގައި އޮތީ ރޭ ފޯރިގަދަ މެޗަކަށް ފަހު 4-3 އިން ސްޕެޒިއާ ބަލިކުރި ރޯމާ އެވެ. ރޯމާ އަށް ވަނީ 19 މެޗުން 37 ޕޮއިންޓް ލިބިފަ އެވެ. ހަތަރެއްގައި އޮތް އެޓަލަންޓާ އަށް 19 މެޗުން 36 ޕޮއިންޓް ލިބިފައިވާއިރު، ފަސް ވަނާގައި އޮތް ނަޕޯލީ އަށް 17 މެޗުން ވަނީ 34 ޕޮއިންޓް ލިބިފަ އެވެ. އެންމެ ފަހުގެ ޗެމްޕިއަން ޔުވެންޓަސް ހަ ވަނާގައި އޮތީ 17 މެޗުން 33 ޕޮއިންޓް ހޯދައިގެންނެވެ.