ޑޮންކާސްޓާ ރޯވާސް ބަލިކޮށް އިނގިރޭސި އެފްއޭކަޕުގެ ފަސްވަނަ ބުރުން ވެސްޓްހަމް ޖާގަ ހޯދައިފި އެވެ.
ވެސްޓްހޭމް ފަސްވަނަ ބުރުން ޖާގައި ހޯދީ މުބާރާތުގެ ހަތަރުވަނަ ބުރުގައި، އިނގިރޭސި ލީގުވަންގައި ވާދަކުރާ ޑޮންކާސްޓް ރޯވާސްގެ މައްޗަށް 4-0 ލަނޑުން ކުރި ހޯދައިގެންނެވެ. ވެސްޓްހަމްއަށް މެޗުގައި ލަނޑުތައް ކާމިޔާބުކޮށްދިނީ ފޯނަލްސް، ޔަމްލަންކޯގެ އިތުރުން އޮފޮލަޔަންއެވެ. އެނެއް ލަނޑަކީ ޑޮންކާސްޓްގެ ކުޅުންތެރިޔެއްގެ އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ. މެޗުން މޮޅުވި ވެސްޓްހަމް މުބާރާތުގެ ފަސްވަނަ ބުރުގައި ވާދަކުރާނީ މިރޭ މެންޗެސްޓާ ޔުނައިޓެޑާއި ލިވަޕޫލްގެ މެޗުން ކުރި ހޯދާ ބަޔަކާއެވެ.
ޕްރިމިއަރ ލީގުގައި ވާދަކުރާ ބްރައިޓަން ރޭ ވަނީ ލީގުވަންގައި ވާދަކުރާ ބްލެކްޕޫލްގެ މައްޗަށް ކުރިހޯދާފަ އެވެ. އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ބްރައިޓަން ކުރި ހޯދީ 2-1 ލަނޑުންނެވެ. މެޗުގައި ބްރައިޓަންއަށް ލަނޑުތައް ކާމިޔާބުކޮށްދިނީ ބިސޯމާއާ އާއި އަލްޒަޓޭއެވެ. ބްރައިޓަން ފަސްވަނަ ބުރުގައި ވާދަކުރާނީ ލެސްޓަ ސިޓީ އާއި ބްރެންފޯޑްގެ މެޗުން މޮޅުވާ ޓީމަކާއެވެ. އެންމެފަހުން ކުޅުނު 16 މުބާރާތުގެ ތެރެއިން 14 މުބާރާތުގައި ބްރައިޓަން ވަނީ ފަސްވަނަ ބުރުން ޖާގަ ހޯދާފައެވެ.
ޕްރިމިއާ ލީގުގެ ފުލުގައިވާ ޝެޕީލްޑް ޔުނައީޓެޑުން ވަނީ އިނގިރޭސި ޗެމްޕިއަންޝިޕުގައި ވާދަކުރާ ޕްލައިމޯތް ބަލިކޮށް މުބާރާތުގެ ފަސްވަނަބުރުން ޖާގަހޯދާފައެވެ. އަމިއްލަ ދަނޑުގައި ކުޅެ ޝެފީލްޑް މެޗު ކާމިޔާބުކުރީ 2-1 ލަނޑުންނެވެ. މިއީ މި ސީޒަންގައި ޝެފީލްޑް ހޯދި ތިންވަނަ މޮޅެވެ. މުބާރާތުގެ ފަސްވަނަ ބުރުގައި ޝެފީލްޑް ވާދަކުރާނީ އިނގިރޭސި ޗެމްޕިއަންޝިޕްގައި ވާދަކުރާ ބްރިސްޓަލް ސިޓީއާ އެވެ.