Ad
ހުޅުމާލެ ފަޅުތެރޭގައި އޮތް ދޯންޏަކުން 100 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގެންފި

ހުޅުމާލެ ފަޅުތެރޭގައި އޮތް ދޯންޏަކުން 100 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގެންފި

Author
މުޙައްމަދު ޖިމީ
12 އޮކްޓޯބަރ 2020 11:41
0

ހުޅުމާލޭ ފަޅުތެރޭގައި އޮތް ދޯންޏަކުން 100 ކިލޯޢަށްވުރެ ގިނަ މަސްތުވާތަކެތި ފުލުހުން އަތުލައިގަނެފިއެވެ.

ފުލުހުން ވިދާޅުވީ ޑްރަގް އެންފޯސްމަންޓް ޑިޕާޓުމަންޓުން ހުޅުމާލޭގައި އޮޕަރޭޝަނެއް ކުރިއަށް ގެންދާކަމަށެވެ. މިކަމާއި ގުޅިގެން ކޮމިޝަނަރަ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ކުރެއްވި ޓްވީތެއްގައި ވިދާޅުވީ، 100 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގަނެ ފައިވާކަމަށާއި، އޭގެ ތެރޭގައި ހެރޮއިންނާއި މެތަމެފްޓަމައިން ހިމެނޭކަމަށް ސީޕީ ވިދާޅުވިއެވެ.

ނަމަވެސް "ޚަބަރު އޮންލައިން"އަށް އެނގިފައިވާގޮތުގައި ހުޅުމާލެ ފަޅުގައި އޮތް ދޯނިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ 100 ކިލޯޢަށްވުރެ ގިނަ މަސްތުވާތަކެއްޗެވެ. ފުލުހުން އެސަރަޙައްދުގައި އަދިވެސް ގެންދަނީ ހަރަކާތްތެރިވަމުންނެވެ. ސީޕީ ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލައަކީ އެކަމުގެ ސަބަބުން އިޖްތިމާޢީ އަދި އިޤްތިޞާދީގޮތުންވެސް ނުރަނގަޅު އަސަރުތަކެއް ކުރާކަމެއްކަމަށާއި، މަސްތުވާތަކެތީގެ ވިޔަފާރި ހުއްޓުވުމަށް ފުލުހުން ގިނަ މަސައްކަތްތަކެއް ކުރައްވާކަމަށެވެ.

 

ހުޅުމާލެއިން ގިނަ ޢަދަދެއްގެ މަސްތުވާތަކެތި ފުލުހުން އަތުލައިގަނެފައިވާއިރު އެއްވެސް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަކަން އެނގިފައެއް ނުވެއެވެ. ފުލުހުން ވަނީ ދާދި ފަހުން އައްޑޫ ސިޓީގައިވެސް ޚާއްޞަ އޮޕަރޭޝަނެއް ކުރިއަށްގެންގޮސް ސަތޭކައެއްހާ ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފައެވެ. އަދި ބައެއް މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ.

އައްޑޫއިން އަތުލައިގަތް މަސްތުވާތަކެތި އެތެރެކުރުމުގައި އިސްކޮށް ހަރަކާތްތެރިވެފައިވާކަމަށް މިހާތަނަށް ތަހުގީގަށް ފާހަގަކުރެވިފައިވާ ޢަބްދުﷲ އިބްރާހީމް އަކީ 2019 ޖުލައި 30 ވަނަދުވަހު ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް ޓްރެފިކް ކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެން ހައްޔަރު ކުރުމަށްފަހު ތަހުގީގު ފުރިހަމަކޮށް މައްސަލަ ޕީޖީއޮފީހަށް ފޮނުވުމުން މައްސަލަ ކޯޓަށް ވައްދާފައިވަނިކޮށް 2019 ސެޕްޓެމްބަރ 30 ވަނަދުވަހު ކްރިމިނަލް ކޯޓުން ދޫކޮށްލާފައިވާ މީހެއްކަމަށާއި، އޭނާއަކީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރުމުގެ ކުށުގެ ރެކޯޑް އާއި އެހެނިހެން މައްސަލަތަކުގެ ކުށުގެ ރެކޯޑް އޮންނަ ފަރާއްކަމަށް ފުލުހުން ފާހަގަކުރެއެވެ.

މަސްތުވާތަކެތީގެ ބޮޑެތި ޝިޕްމަންޓްތަކާއި ނެޓްވޯކްތައް ހުއްޓުވާ އެތަކެތި ރާއްޖެ އެތެރެކުރަން ކުރާ މަގުތައް ދެނެގަނެވި ހުއްޓުވަމުން އަންނަކަމަށް ފުލުހުން ވަނީ ވިދާލުވެފައެވެ. އަދި ކުރިއާއި ޚިލާފަށް މިކަމުގައި ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.