ފަލަސްތީނަށް ރަޝިއާ ވެކްސިން އެތެރެ ކުރުމުގެ ހުއްދަ އިސްރާއީލުން ދީފި

ފަލަސްތީނަށް ރަޝިއާ ވެކްސިން އެތެރެ ކުރުމުގެ ހުއްދަ އިސްރާއީލުން ދީފި

Author
ހުސެއިން
20 ޖެނުއަރީ 2021 07:06
0

ރަޝިއާއިން ތައްޔާރު ކޮށްފައިވާ ކޯވިޑް19 ވެކްސިން، ސްޕުންޓިކްVގެ 5،000 ޑޯޒް ފަލަސްތީނަށް އެތެރެ ކުރުމުގެ ހުއްދަ އިސްރާއީލު ސިއްޙީ އިދާރާތަކުން ދީފައިވާކަމަށް އެގައުމުގެ އޮފިޝަލުން ބުނެފިއެވެ.

ނަން ހާމަކުރަން ބޭނުންނުވާ އިސްރާއީލުގެ އޮފިޝަލަކު ބައެއް މީޑިއާތަކަށް މައުލޫމާތު ދީފައިވާ ގޮތުގައި، އިސްރާއީލުގެ ހެލްތު މިނިސްޓްރީން ހުއްދަދީފައިވަނީ، ފަލަސްތީނުގެ ޑެލިގޭޝަންއެއް މެދުވެރިކޮށް، ރަޝިއާގެ ވެކްސިންގެ 5000 ޑޯޒް، އުރުދުންގެ މަގުން، ހިފާފައިވާ ވެސްޓް ބޭންކަށް އެތެރެ ކުރުމަށެވެ.

ފަލަސްތީނުގެ ނޫސް އޭޖެންސީ މާންއިން މައުލޫމާތު ދީފައިވާ ގޮތުގައި، މިހާރު ރަޝިއާއަށް ވަޑައިގެން އުޅުއްވާ، ފަލަސްތީނުގެ ސިވިލް އެފެއާޒް މިނިސްޓަރ ހުސެއިން އަލް-ޝެއިޚް، އަންގާރަ ދުވަހު އެބުރި ގައުމަށް ވަޑައިގަންނަވާއިރު ވަޑައިގަންނަވާނީ ރަޝިއާގެ ވެކްސިން ހިއްޕަވައިގެންނެވެ.

ފާއިތު އަހަރުގެ ޑިސެމްބަރުމަހު، ފަލަސްތީނުގެ އޮފިޝަލުންވަނީ، ރަޝިއާއިން އުފައްދާފައިވާ ސްޕުންޓިކްV ވެކްސިންގެ 4 މިލިއަން ޑޯޒްގަތުމަށް އެގައުމާއެކީ އެއްބަސްވުމެއްގައި ސޮއި ކޮށްފައިވާކަން ހާމަ ކޮށްފައެވެ.

ފާއިތުވެދިޔަ ހަފްތާގައި ފަލަސްތީނުގެ ހެލްތު މިނިސްޓަރ މައި އަލް-ކައިލާ ވަނީ ރަޝިއާއިން އުފައްދާފައިވާ ސްޕުންޓިކް ވެކްސިން، ފަލަސްތީނުގެ ބާރުހިގާ އޭރިއާތަކުގައި ބޭނުންކުރުމުގެ އެމަންޖެންސީ ހުއްދަ ދޫކޮށްފައެވެ.

މިހާތަނަށް އައިއިރު، އިސްރާއީލުން އެގައުމުގެ ރައްޔިތުންނަށް ކޯވިޑް ވެކްސިން ދެމުންގެންދާ ސްޕީޑާމެދު ސުވާލު އުފެދިފަައިވާއިރު، ހިފާފާއިވާ ވެސްޓްބޭންކުގެ ސަރަހައްދު ތަކުގައާއި އަދި އިސްރާއީލުން ހިސޯރުކޮށްފައިވާ ގާސާ ސްޓްރިޕްގައި ދިރިއުޅެމުންދާ ފަލަސްތީނުގެ 4.5 މިލިއަން ރައްޔިތުންނަށް ކޯވިޑް19 ވެކްސިން ލިބޭނެ މަގެއް މިހާތަނަށް އައިއިރު ފަހިކޮށްދީފައި ނުވާއިރު، މިކަންކަމާ ގުޅޭގޮތުންވެސް އިސްރާއީލަށް ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ.

މިހަފްތާގެ ހޯމަދުވަހު، ހިއުމަން ރައިޓްސް ވޮޗްއިން ވަނީ، ބައިނަލް އަގުވާމީ އިންސާނީ ހައްގުތަކާބެހޭ ގާނޫނުން އަދާކުރުން އިސްރާއީލުގެ މައްޗަށް ލާޒިންކުރާ ޒިންމާތައް އަދާކުރުމަށް އިސްރާއީލަށް ގޮވާލާފައެވެ. އަދި މިއީ 4 ވަނަ ޖެނީވާ ކޮންވެންޝަންގައިވެސް ލާޒިމް ކޮށްފައިވާ މަސްއޫލިއްޔަތު ތަކެއްކަންވެސް އެ ޖަމްއިއްޔާއިން އިސްރާއީލަށް ހަދާންކޮށްދީފައި ވެއެވެ.

އިސްރާއީލުން ހިސޯރުކޮށްފައިވާ ބިންތަކުގައި ދިރިއުޅެމުންދާ ފަލަސްތީނުގެ ހުރިހާ ރައްޔިތުންނަށްވެސް އެއްވެސް ތަފާތު ކުރުމެއްނެތި، ބޭހާ ވެކްސިން ފޯރުކޮށްދިނުމަކީ، ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކާބެހޭ ގާނޫނުން އެގައުމުގެ މައްޗަށް ލާޒިމްކުރާ ކަމެކެވެ.

އިސްރާއީލުން މިހާރުވަނީ އެގައުމުގެ އާބާދީގެ%20 މީހުންނަށް ވެކްސިން ދީ ނިންމާފައެވެ. މީގެތެރޭގައި އިސްރާއީލުން ހިފާފާއިވާ ވެސްޓް ބޭންކުގެ ބިންތަކުގައި ދިރިއުޅެމުންދާ އިސްރާއީލުގެ ރައްޔިތުންވެސް ހިމެނެއެވެ.

"ވެސްޓް ބޭންކުގެ ބައެއް ސަރަހައްދުތަކުގައި މިހާރު ކަންހިގަމުންދާ އުސޫލަކީ އެއްވެސް ހުއްޖަތެއް ގާއިމްކުރެވޭނެ އުސޫލެއްނޫން. މަގުގެ އެއްފަރާތެއްގެ ތިބޭ މީހުންނަށް ވެކްސިން ދެމުންދާއިރު، ހަމަ އެމަގުގެ އަނެއްފަރާތުގައި ދިރުއުޅެމުންދާ މީހުންނަކީ ފަލަސްތީނަށް ނިސްބަތްވާ މީހުންނަށް ވާތީ އެމީހުންވަނީ ވެކްސިން ލިބިގަތުމުގެ ހައްގުން މަހުރޫމް ކޮށްފަ،" ހިއުމަން ރައިޓްސް ވޮޗްގެ އިސްރާއީލާއި ފަލަސްތީނުގެ ޑިރެކްޓަރ އުމަރު ޝާކިރު ވިދާލުވިއެވެ.

"އެއް ސަރަހައްދެއްގައި ދިރި އުޅެމުންދާ ރައްޔިތެއް ކަމުގައިވާނަ، އެމީހުންގެ ނަސްލަށް ބެލުމެއްނެތި، ވެކްސިން ލިބިގަތުމުގެ ހައްގު އެއް އުސޫލަކު ލިބިދެވެން ވާނެ."

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.