ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް، ގދ. ތިނަދޫ ސިޓީ ކައުންސިލުން ތަރައްގީކުރި އައު ޖެޓީ މިރޭ ހުޅުއްވައިދެއްވައިފި އެވެ. މި ދެ ބޭފުޅުން ތިނަދޫއަށް ވަޑައިގެންނެވީ އެ ރަށުގައި ދެވަނަ ފަހަރަށް މީހުން އާބާދުވިތާ 60 އަހަރު ފުރުން ފާހަގަކުރުމުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށެވެ.
ތިނަދޫ ސިޓީގެ މޭޔަރު ސައުދު އަލީ މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި، މި ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމުގެ ދައުވަތު ހުރިހާ ކުރީގެ ރައީސުންނަށް ވެސް އެރުވި ނަމަވެސް، އެ ދައުވަތު ގަބޫލުކުރެއްވީ ނަޝީދާއި ޔާމީން އެވެ. މުނާސަބާއާ ގުޅިގެން ސިޓީ ކައުންސިލުން ވަނީ ޅަނދު ބުރަކާއި، ކުޅިވަރު ހަރަކާތްތަކާއި، ތިނަދޫއަށް އެކި ގޮތްގޮތުން ހިދުމަތްކުރި ފަރާތްތަކަށް ޝަރަފުގެ އިނާމު ދިނުމުގެ ހާއްސަ ޖަލްސާއެއް ބޭއްވުމަށް ވެސް ރާވައިފަ އެވެ.
ތިނަދޫން މީހުން ބޭލި ހާދިސާއަކީ 1962 ވަނަ އަހަރު ހިނގި ސުވަދީބް ބަގާވާތާ ގުޅިގެން ހިނގައިދިޔަ ހާދިސާއެކެވެ. އެ ބަގާވާތުގައި ދައުލަތުން ވަކިވެގަތުމަށް މަސައްކަތްކުރި ކަމަށް ބުނާ ދެކުނުގެ ތިން އަތޮޅުގެ މައި ރަށްކަމުގައިވާ ތިނަދޫއަށް، އޭރުގެ ބޮޑުވަޒީރު އިބްރާހިމް ނާސިރު ސިފައިންނާއެކު ވަޑައިގެން، އެ ރަށުން މީހުން ބޭލި އެވެ. އެ ހާދިސާގައި ބައެއް މީހުން މަރުވެ، ލާއިންސާނީ އަމަލުތަކެއް ހިންގާފައިވާ ކަމަށް ބައެއް ފަރާތްތަކުން ބުނެ އެވެ. ތިނަދޫގައި ދެވަނަ ފަހަރަށް މީހުން އާބާދުވީ އޭގެ ހަތަރު އަހަރު ފަހުން، 1966 ވަނަ އަހަރު އެވެ.
ކޮމެންޓު ފޮނުވާ