ކަޅު ބާޒާރުގައި ޑޮލަރު ވިއްކުމަކީ ޝަރުއީ ގޮތުން ހުއްދަ ކަމެއްތޯ ނުވަތަ ނޫންތޯ، ދިވެހިރާއްޖޭގެ ފަތުވާ މަޖިލީހުން ސާފުކޮށްދިނުމަކީ މުހިންމު ކަމެއް ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒިޔާދު ބާޤިރު ވިދާޅުވެއްޖެއެވެ.
މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. ޒިޔާދު ވިދާޅުވީ، މި ވިޔަފާރީގެ ސަބަބުން ދިވެހި ރައްޔިތުންނަށް ލިބެނީ ފައިދާތޯ ނުވަތަ ގެއްލުންތޯ ބެލުމާއެކު، މިކަމުގައި ޝަރުއީ ހަމައެއް އޮތްތޯ ބަޔާންކޮށްދިނުމަކީ ފަތުވާ މަޖިލީހުގެ ޒިންމާއެއް ކަމުގައި ދެކެވަޑައިގަންނަވާ ކަމަށެވެ.
ރާއްޖޭގައި ޑޮލަރުގެ މައްސަލަ ވަރަށް ބޮޑަށް ވަނީ ގޯސްވެފައެވެ. ދައުލަތުގެ އިދާރާތަކުން ފޯރުކޮށްދޭ އިންތިޒާމުގެ ތެރެއިން ނޫން ގޮތަކަށް ހަމަ އަގުގައި ޑޮލަރު ލިބުމަކީ މިއަދު ދަތި ކަމެކެވެ. މީގެ ސަބަބުން ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ވަނީ ދުވަހެއް ދުވަހަކަށް އުފުލެމުންނެވެ.
މި މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން ސަރުކާރުން ދަނީ ޑޮލަރުގެ ކަޅު ބާޒާރު ނައްތާލުމަށް ގާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެންނަމުންނެވެ. ބެލެވޭ ގޮތުގައި ޑޮލަރުގެ ކަޅު ބާޒާރަކީ ބޮޑު އާމްދަނީއެއް ހޯދުމުގެ ގޮތުން ބަޔަކު ރާވައިގެން ހިންގާ ވިޔަފާރިއެކެވެ.
ކޮމެންޓު ފޮނުވާ