ތިލަމާލެ ބްރިޖު މަޝްރޫއުގެ ދަށުން މާލެ އާއި ވިލިމާލެ ގުޅުވައިދޭ އެންމެ ފަހު ސެގްމެންޓް މާދަމާ ބެހެއްޓުމަށް ނިންމައި، ދެ ރަށް ބްރިޖުން ގުޅާލަން ތައްޔާރުވެއްޖެއެވެ.
މި މަޝްރޫއުގެ މަސައްކަތްކުރާ އިންޑިއާގެ ކުންފުނި، އެފްކޮންސްއިން 'ސަން' އަށް މައުލޫމާތު ދިން ގޮތުގައި މި ތާރީޚީ ކާމިޔާބީ ފާހަގަކުރުމުގެ ޚާއްސަ ހަރަކާތް އޮންނާނީ މާދަމާ ހެނދުނު 11:00 ގައެވެ. ފަހު ސެގްމެންޓް ބެހެއްޓުމާއެކު ބްރިޖުގެ މައި އޮނިގަނޑުގެ މަސައްކަތް މުޅިން ފުރިހަމަވާނެއެވެ.
އެހެންނަމަވެސް، ބްރިޖުގެ ފިނިޝިން މަސައްކަތްތަކާއި، ރައްކާތެރިކަމުގެ ރޭލިންގްސް ހަރުކުރުމާއި، އަލިކުރުމުގެ މަސައްކަތްތައް ފުރިހަމަކުރުމަށް އަދިވެސް ވަގުތު ނަގާނެ ކަމަށާއި، ބްރިޖު މަތިން އާންމުންނަށް ދަތުރުފަތުރު ކުރެވެން ފެށޭނީ އެ މަސައްކަތްތައް ނިމުމުން ކަމަށް އެފްކޮންސްއިން ބުންޏެވެ.
400 މިލިއަން ޑޮލަރުގެ އިންޑިއާ އެގްޒިމް ބޭންކުގެ ލޯނު އެހީގައި ކުރިއަށްގެންދާ މި މަޝްރޫއު އެފްކޮންސްއާ ހަވާލުކުރީ 2021 ވަނަ އަހަރުގެ އޯގަސްޓު މަހުގައެވެ. ބްރިޖުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ 2022 ވަނަ އަހަރުގެ އޯގަސްޓު 2 ގައި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއެވެ.
ޞާލިޙްގެ ސަރުކާރުން ދިން އެކި ތާރީޚުތަކަށް މަސައްކަތް ނުނިމުމުގެ ސަބަބުން، ރައީސް މުއިއްޒު ވަނީ ބްރިޖުގެ އަމަލީ މަސައްކަތް ފެށީ ގާތްގަނޑަކަށް ސުމަކުން ކަމަށް ވިދާޅުވެފައެވެ. މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު މަޝްރޫއުން ނިމިފައި އޮތީ އެންމެ 27 ޕަސެންޓް ކަމަށާއި، އޭރު 77 ޕަސެންޓް ނިމިފައި އޮންނަން ޖެހޭ ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.
ކޮމެންޓު ފޮނުވާ