އިނގިރޭސި ލީގުގައި ސައުތުހެމްޓަންގެ މައްޗަށް ހޯދި މޮޅާއެކު ލެސްޓާ ސިޓީ ލީގުގެ ދެވަނައަށް ކުރިޔަށް ޖެހިލައިފިއެވެ.
އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ލެސްޓާ ކުރި ހޯދީ 2-0 ލަނޑުންނެވެ. ފުރަތަމަ ލަނޑު ޖޭމްސް މެޑިސަން ލެސްޓާއަށް ކާމިޔާބުކޮށްދިން އިރު ފަހު ލަނޑު އެޓީމަށް ޖަހައިދިނީ ހާވިއޭ ބާންސްއެވެ. އިނގިރޭސި ދެކުޅުންތެރިން ޖެހި ލަނޑުތަކާއެކު ލެސްޓާ ސިޓީއަށް މި ސީޒަންގައި އެޓީމުގެ އިނގިރޭސި ކުޅުންތެރިން ޖެހި ލަނޑު އަދަދުވަނީ 22 އަށް އަރާފައެވެ. މިއީ ހަތަރު އަހަރުފަހުން ލެސްޓާ ސިޓީއަށް ސައުތުހެމްޓަން އަތުން ހޯދުނު ފުރަތަމަ މޮޅެވެ.
ރޭގައި ވެސްޓަހަމް ވަނީ ބާންލީގެ މައްޗަށް ކުރި ހޯދާ ތާވަލުގެ ކުރިޔަށް ޖެހިލާފައެވެ. އަމިއްލަ ދަނޑުގައި ކުޅެ ވެސްޓްހޭމް އިން ކުރި ހޯދީ 1-0 ލަނޑުންނެވެ. މެޗުގައި ވެސްޓްހޭމް އިން ކާމިޔާބުކުރި ހަމައެކަނި ލަނޑު ޖެހީ މެޗުގެ 9 ވަނަ މިނިޓުގައި މިކްހެލް އެންޓޯނިޔޯއެވެ. ރޭގައި ޖެހި ލަނޑާއެކު އެންޓޯނިޔޯ ވެފައިވަނީ ލީގުގައި 40 ލަނޑު ހަމަކުރި ވެސްޓްހަމްގެ ހަތަރުވަނަ ކުޅުންތެރިޔާއަށެވެ. ލީގުގައި އެންމެފަހުން ވެސްޓްހަމް އިން ލީގުގައި ކުޅުނު 18 މެޗުގެ ތެރެއިން 8 މެޗު އެޓީމުން ވަނީ ކާމިޔާބުކޮއްފައެވެ. މިދިޔަ ސީޒަނުގައި އެޓީމުން 8 މޮޅު ހޯދުނީ 32 މެޗުންނެވެ.

ރޭ ރަށުން ބޭރުގައި ބްރައިޓެން ވަނީ ލީޑްސް ޔުނައިޓެޑުގެ މައްޗަށް ކުރި ހޯދާ ރެލިގޭޝަން ޒޯނާ ދުރަށް ޖެހިލާފައެވެ. ރަށުން ބޭރުގައި ބްރައިޓަން މޮޅުވީ 1-0 ލަނޑުންނެވެ. ބްރައިޓަންއަށް ލަނޑުޖަހައިދިނީ ނީލް މައުޕޭއެވެ. މިއީ ލީޑްސް ކޮޅަށް އޭނާ ކާމިޔާބުކުރި ހަތަރުވަނަ ލަނޑެވެ. މި ސީޒަންގެ ލީގުގައި އަމިއްލަ ދަނޑުގައި ހަމައެކަނި މޮޅެއް ނުހޯދޭ ޓީމަކީ ބްރައިޓަންއެވެ. އެޓީމުން ވަނީ އެންމެފަހުން ރަށުން ބޭރުގައި ކުޅުނު ތިން މެޗު ވެސް ކާމިޔާބުކޮއްފައެވެ.

މި ނަތީޖާ އެކު ލެސްޓާ ސިޓީ ދެވަނައިގަ އޮތީ 18 މެޗުން ހޯދި 35 ޕޮއިންޓާއެކުއެވެ. ސައުތުހެމްޓަން ވަނީ ލީގުގެ 8 ވަނައަށް ވެއްޓިފައެވެ. ވެސްޓްހަމް ވަނީ 18 މެޗުން 29 ޕޮއިންޓް ހޯދާ ލީގުގެ 9 ވަނައަށް ކުރިޔަށްޖެހިލާފައެވެ. ބްރައިޓަން އޮތީ 19 މެޗުން ހޯދި 17 ޕޮއިންޓާއެކު ލީގުގެ 16 ވަނައިގައެވެ.
ކޮމެންޓު ފޮނުވާ