ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ ފަހި ފްލެޓްތަކުގެ ހުރިހާ ޓަވަރެއްގައި ސީސީޓީވީ ކެމެރާ ބަހައްޓައި ނިންމައިފި ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހާމަކޮށްފި އެވެ.
އެފްޑީސީން މައުލޫމާތު ދިން ގޮތުގައި، އަމާން އުދަރެހުގެ ޓަވަރުތަކުގައި ކެމެރާ ބަހައްޓައި، ޓެސްޓްކޮށް، ސީސީޓީވީ އޮޕަރޭޝަނާ ގުޅޭ އެންމެހާ ކަންކަން މިހާރު ވަނީ ފުރިހަމަކޮށްފަ އެވެ. އަދި އަމާން ދޯދީގެ ޓަވަރުތަކުގައި ވެސް ކެމެރާތައް ބަހައްޓައި، މިވަގުތު ކުރިއަށްދަނީ އެ ސިސްޓަމްތައް ޓެސްޓްކުރުމާއި އޮޕަރޭޝަނަށް ތައްޔާރުކުރުމުގެ މަސައްކަތް ކަމަށް އެ ކޯޕަރޭޝަނުން ބުނެ އެވެ.
މިއީ ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކާއި އެ ސަރަހައްދު ބޭނުންކުރާ މީހުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރި މަސައްކަތެއް ކަމަށާއި، ކެމެރާތައް މެދުވެރިކޮށް 24 ގަޑިއިރު ސަރަހައްދު ބެލެހެއްޓޭނެ ކަމަށް އެފްޑީސީން ބުނެ އެވެ.
ފަހި ފްލެޓްތަކުގެ ތެރޭގައި ހިމެނެނީ އަމާން ދޯދީގެ 16 ޓަވަރާއި އަމާން އުދަރެހުގެ 16 ޓަވަރު ހިމެނޭ ގޮތުން ޖުމުލަ 32 ޓަވަރެވެ. މީގެ ކުރިން އެޗްޑީސީން ވެސް ވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ފްލެޓްތަކުގެ ބޭރާއި އެތެރޭގެ އެކި ސަރަހައްދުތަކުގައި ސީސީޓީވީ ކެމެރާ ބަހައްޓައިފަ އެވެ.
ކޮމެންޓު ފޮނުވާ