ވޯލްޑް ޓްރެވަލް އެވޯޑްސް އޭޝިއާ، އޯޝެނިއާ އެންޑް އިންޑިއަން އޯޝަން 2026 ގެ އޮފިޝަލް އޭވިއޭޝަން ޕާޓްނަރެއްގެ ގޮތުގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ހަމަޖައްސައި، ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ) އާއެކު އެއްބަސްވުމުގައި އިއްޔެ ސޮއިކޮށްފިއެވެ.
ފަތުރުވެރިކަމުގެ ދާއިރާގައި ދެވޭ އެންމެ ޝަރަފުވެރި މި އެވޯޑް ހަފުލާ މިއަހަރު ރާއްޖޭގައި ބޭއްވުމަށް ތައްޔާރީތައް ވަމުންދާއިރު، މި އެއްބަސްވުމުގެ ދަށުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި އެވޯޑާ ގުޅޭ ބްރޭންޑިން އަދި ޕްރޮމޯޝަނަލް ހަރަކާތްތައް ކުރިއަށްގެންދާނެ ކަމަށް ވީއެމްސީން ބުނެއެވެ.
ވީއެމްސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖާ އޮފް ބިޒްނަސް ޑިވެލޮޕްމަންޓް އައިޝަތު ޝިރާނީ ނާސިރެވެ. އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ ޖެނެރަލް މެނޭޖާ އޮފް އެއާ ސާވިސް ޑިވެލޮޕްމަންޓް ނަޝާޔާ އަބްދުލް ވާހިދެވެ.
ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ނަޝާޔާ ވިދާޅުވީ، ރަސްމީ އޭވިއޭޝަން ޕާޓްނަރެއްގެ ހައިސިއްޔަތުން ވީއައިއޭ އިން ރާއްޖެއަށް އަންނަ ފަތުރުވެރިންނަށް ހޫނު މަރުހަބާއެއް ކިޔައި، ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެ އިޝްތިހާރުކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ ބޮޑު ފަހުރެއް ކަމަށެވެ.
ވޯލްޑް ޓްރެވަލް އެވޯޑްސްގެ 2026 ވަނަ އަހަރުގެ އޭޝިއާ، އޯޝިއޭނިއާ އެންޑް އިންޑިއަން އޯޝަން އެޑިޝަންގެ ރަސްމިއްޔާތު ރާއްޖޭގައި ބޭއްވުމަކީ "ވޯލްޑްސް ލީޑިންގް ޑެސްޓިނޭޝަން"ގެ ގޮތުގައި ރާއްޖޭގެ ބްރޭންޑް އިތުރަށް ވަރުގަދަވެގެންދާނެ ކަމެއް ކަމަށް ވީއެމްސީން ފާހަގަކުރެއެވެ.
ކޮމެންޓު ފޮނުވާ