އިޒްރޭލުގެ ގައުމީ ސަލާމަތާ ބެހޭ ވަޒީރު، ހަރުކަށި ކަނާތުފިޔައިގެ ސިޔާސީ ލީޑަރު އިޓަމާ ބެން-ގްވީރު، ގާޒާގައި ކޮންމެ ރެޔަކު ފަލަސްތީނުގެ 30 އިން 40 އަށް މީހުން މެރުމަށް ގޮވާލައިފިއެވެ. އަލްޖަޒީރާއިން ރިޕޯޓުކުރި ގޮތުގައި، މި ވާހަކަތައް އޭނާ ހާމަކުރީ އާދީއްތަ ދުވަހު ދޫކޮށްލި ޕޮޑްކާސްޓެއްގައެވެ. މި ޕޮޑްކާސްޓުގައި އޭނާއާއެކު ބައިވެރިވީ 2023 ވަނަ އަހަރު ހަމާސްއިން ދިން ހަމަލާތަކުގައި ރަހީނުކުރި އިޒްރޭލުގެ ރޮމް ބްރަސްލަވްސްކީއެވެ.
ބެން-ގްވީރު ވިދާޅުވި ގޮތުގައި، ހަމައެކަނި ނުރައްކާ ކުރިމަތިކުރާ ފަރާތްތަކާ ދެކޮޅަށް ހަމަލާ ދިނުމުގެ ބަދަލުގައި، އަމާޒުކޮށްގެން މީހުން މެރުމުގެ ސިޔާސަތު ފުޅާކުރަން ޖެހެއެވެ. ގާޒާގައި "ދިރިއުޅުމުގެ ހައްގު ނުލިބޭ، އިންސާނުން ނޫން" ބަޔަކު ތިބިކަމަށް ވެސް އޭނާ ސިފަކުރެއްވިއެވެ. މީގެ އިތުރުން، ގާޒާގެ ރައްޔިތުން އެ ސަރަހައްދު ދޫކޮށްދާން މަޖުބޫރުކުރުވުމަށާއި، އެ ބިމުގައި ޔަހޫދީންގެ އާބާދީތައް ބިނާކުރުމަށް ވެސް އޭނާ ގޮވާލިއެވެ. ބައިނަލްއަގުވާމީ ގާނޫނީ މާހިރުން ވިދާޅުވަނީ، މިގޮތަށް މީހުން ގަދަކަމުން ބޭރުކުރުމަކީ ނަސްލު ނައްތާލުމުގެ އަމަލެއް ކަމަށެވެ.
ހަމަ އެ ޕޮޑްކާސްޓުގައި ބްރަސްލަވްސްކީ ވަނީ، އިޒްރޭލުގެ އަސްކަރީ ކޯޓުތަކުން މަރުގެ ހުކުމް އިއްވާ ފަލަސްތީނު މީހުން އަމިއްލަ އަތުން ބަޑިޖަހައި މެރުމުގެ ފުރުސަތު ހޯދައިދިނުމަށް ބެން-ގްވީރުގެ ކިބައިން އެދިފައެވެ. އެކަމަށް ޖަވާބުދެއްވަމުން، އެ ފުރުސަތު ތަނަވަސްކޮށްދިނުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރައްވާނެ ކަމަށް ބެން-ގްވީރު ބުންޏެވެ.
ނަތަންޔާހޫގެ ސަރުކާރުގައި ހިމެނުނަސް، ބެން-ގްވީރަށް އަސްކަރިއްޔާގެ މައްޗަށް ރަސްމީ ބާރެއް ނޯވެއެވެ. އޭނާއަކީ ސަލާމަތީ ސިޔާސަތުތައް ކަނޑައެޅުމުގައި ލަފާދޭ ކެބިނެޓުގައި ހިމެނޭ މެންބަރެކެވެ. މިހާރު ހިނގަމުންދާ ހަނގުރާމަ މެދުކަނޑާލުމުގެ އެއްބަސްވުމުގެ ދަށުން ހަމަލާތައް މަދުކުރަން ނަތަންޔާހޫ ނިންމި ނިންމުމާ އޭނާ ދެކޮޅެވެ. ގާޒާގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނާ ގޮތުގައި، އޮކްޓޯބަރު މަހު ހަނގުރާމަ މެދުކަނޑާލި ފަހުން ވެސް އިޒްރޭލުގެ ހަމަލާތަކުގައި ގާޒާއިން 1,250 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައެވެ. ބެން-ގްވީރުގެ މިފަދަ ވާހަކަތަކާ ގުޅިގެން އިނގިރޭސިވިލާތާއި ވިލާތުގެ އިއްތިހާދުގެ ބައެއް ގައުމުތަކުން އޭނާއާ ދެކޮޅަށް ފިޔަވަޅު އެޅި ނަމަވެސް، އޭނާގެ އަމަލުތަކަށް އެއްވެސް ބަދަލެއް އައިސްފައެއް ނުވެއެވެ.
ކޮމެންޓު ފޮނުވާ