މަކަރާއި ހީލަތުގެ ކުށްތަކެއް ސާބިތުވެ 109 އަހަރަށް ޖަލަށްލާފައިވާ މއ. ހަނީސަކްލް، ހުސެއިން ޝިފާއު ގޭބަންދަށް ބަދަލުކޮށްދިނުމަށް އެދި ހުށަހެޅި މައްސަލައިގައި ހައިކޯޓުން މިއަދު ދެކޮޅު ހަދައިފިއެވެ.
ބޭރުގެ ކުންފުނިތަކަކާ އެކު ވިޔަފާރި ކުރުމުގެ ނަމުގައި ވަގު ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން ޝިފާއު ހިންގި މަކަރާއި ހީލަތުގެ މައްސަލައިގައި ކްރިމިނަލް ކޯޓުން އޭނާގެ މައްޗަށް 109 އަހަރުގެ ޖަލު ހުކުމެއް އިއްވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުއެވެ. އެ ހުކުމް ޝިފާއު ހައިކޯޓުގައި އިސްތިއުނާފުކުރީ މިއަހަރުގެ މާރިޗު މަހުއެވެ.
އިސްތިއުނާފުގެ މަރުހަލާ ނިމެންދެން ހުކުމް ތަންފީޒުކުރުން ފަސްކޮށް، ކަފާލާތުގެ ދަށުން ގޭ ބަންދަށް ބަދަލުކޮށްދިނުމަށް ޝިފާއުގެ ފަރާތުން އެދިފައި ވީނަމަވެސް، ހައިކޯޓުން މިއަދު ކަނޑައެޅީ އެފަދައިން ކަންތައް ކޮށްދެވޭނެ ގާނޫނީ އަސާސެއް ނެތްކަމަށެވެ. އެހެންކަމުން ހުކުމް ތަންފީޒުކުރުން ފަސްކުރުމާއި، އޭނާ ގޭބަންދަށް ބަދަލުކުރުމުގެ ފުރުސަތު ދެވެން ނެތްކަމަށް އެ ކޯޓުން ނިންމިއެވެ.
ޝިފާއުގެ މައްޗަށް ސާބިތުވެފައި ވަނީ އިތުރު މީހަކާ ގުޅިގެން، އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ "ކިންގްޑަމް އޮފް ފުރުޓްސް" ނަމަކަށް ކިޔާ ވިޔަފާރި މެދުވެރިކޮށް، ބޭރުގެ ކުންފުނިތަކުން މުދާ ރާއްޖެ އެތެރެކޮށް، އެ މުދަލަށް ދައްކަންޖެހޭ ފައިސާ ދެއްކުމުގައި މަކަރާއި ހީލަތް ހަދާފައިވާ ކަމެވެ. މި މުއާމަލާތްތަކުގެ ތެރެއިން އޭނާ 1.9 މިލިއަން ރުފިޔާއަށް ހިޔާނާތްތެރިވެފައިވާ ކަމަށް ދައުލަތުން ބުނެއެވެ.
ޝިފާއުގެ މައްޗަށް ދައުލަތުން ޖުމްލަ 23 ދައުވާއެއް އުފުލިއެވެ. އެއީ މަކަރާއި ހީލަތް ހެދުމުގެ ހަތް ދައުވާ، މަނީލޯންޑަރިންގެ ހަތް ދައުވާ، އަދި އެނގިހުރެ ސައްހަ ނޫން ލިޔުމެއް ދިނުމުގެ ނުވަ ދައުވާއެވެ. މި ހުރިހާ ދައުވާއެއް ވެސް ކޯޓުގައި ސާބިތުވެފައިވެއެވެ.
ކޮމެންޓު ފޮނުވާ