އެމެރިކާގެ ކުރީގެ ރައީސް ޖޯ ބައިޑަންގެ ޕްރޮސްޓޭޓް ކެންސަރު ހަށިކޮޅުގެ އެހެން ބައިތަކަށް ފެތުރި، ވަރަށް ބޮޑަށް ވޭން ދެއްވަމުންދާ ކަމަށް، އޭނާ ދަރިކަލުން ހަންޓަރ ބައިޑަން ވިދާޅުވެއްޖެއެވެ.
ބީބީސީގެ "ނިއުސްނައިޓް" އަށް ހުކުރު ދުވަހުގެ ރޭ ދެއްވި ދިގު އިންޓަވިއުއެއްގައި ހަންޓަރ ވިދާޅުވީ، ބައްޕާފުޅުގެ ކެންސަރު މިހާރު ކަށިތަކާ ހަމައަށާއި، އެއަށްވުރެ ދުރަށްވެސް ފެތުރިފައިވާ ކަމަށެވެ. "ކެންސަރު ފެތުރި، ކަށިތަކުގެ ތެރެއަށާއި، އެއަށްވުރެ ދުރަށްވެސް ދިޔައީ. ވަރަށް ވޭން ދެނިވި، އަދި ވަރަށް ބޮޑަށް ބަލިކަށިކޮށްލާ ކަހަލަ ބައްޔެއް،" އޭނާ ވިދާޅުވިއެވެ.
އަސަރާއެކު ވާހަކަދައްކަވަމުން ހަންޓަރ ފާހަގަކުރެއްވީ، 83 އަހަރުގެ ބައްޕާފުޅު ބައްޔާ ކުރިމަތިލައްވަމުން ގެންދަވާ ގޮތް ދެކެން ވަރަށް ހިތްދަތިވާ ކަމަށާއި، ޝަކުވާ ނުކުރައްވާތީ އެއީ ބޮޑު ކަންބޮޑުވުމެއް ކަމަށެވެ. "ބައްޕާ ޝަކުވާ ކުރެއްވިނަމައޭ ހިތަށްއަރާ. ސަބަބަކީ، ކަންތައް އެ ދާ ގޮތް ރަނގަޅު ނޫން ކަން،" އޭނާ ވިދާޅުވިއެވެ.
ޖޯ ބައިޑަން ވަރަށް އަވަހަށް ފެތުރޭ ބާވަތުގެ ޕްރޮސްޓޭޓް ކެންސަރެއް ޖެހިވަޑައިގެންފައިވާކަން ހާމަކުރައްވާފައިވަނީ 2025 ވަނަ އަހަރުގެ މޭ މަހުގައެވެ. އެއީ ވައިޓް ހައުސްއިން ވަޑައިގަތްތާ ހަތަރު މަހެއްހާ ދުވަސް ފަހުންނެވެ. އޭގެ ފަހުން ހޯމޯން ފަރުވާއާއި ރޭޑިއޭޝަން ފަރުވާ ވަނީ ހޯއްދަވާފައެވެ. ޑޮކްޓަރުން އޭރު ވިދާޅުވެފައިވަނީ، ކެންސަރު ފެންނަނީ "ހޯމޯނަށް އިޖާބަދޭ" ބާވަތެއްގެ ގޮތުގައި ކަމަށްވުމުން، ބަލި ކޮންޓްރޯލް ކުރެވޭނެ ކަމަށެވެ.
ބައްޔާއެކުވެސް ޖޯ ބައިޑަން ޢާންމު މައްސަލަތަކުގައި މިހާރުވެސް ބަސްވިދާޅުވަމުން ގެންދަވާކަން ފާހަގަކުރައްވަމުން، ހަންޓަރ ވިދާޅުވީ، "އަދިވެސް ބައްޕާ ބޭރަށް ނުކުމެވަޑައިގަންނަވާ. އެ މަނިކުފާނު މި ޤައުމަށް އިތުބާރު ކުރައްވާ ވަރު އެއީ އެ ކަހަލަ އެއްޗެއް،" ކަމަށެވެ.
ޖޯ ބައިޑަން އަކީ އެމެރިކާގެ ރައީސްކަން ކުރެއްވި އެންމެ ދޮށީ ބޭފުޅާއެވެ. އޭނާ ސިއްޙީ ހާލުކޮޅާ ގުޅޭ ކަންބޮޑުވުންތައް، ރައީސްކަމުގައި ހުންނެވި މުއްދަތުގައި ވެސް ބޮޑު ބަހުޘަކަށްވިއެވެ. ޑޮނަލްޑް ޓްރަމްޕާ ދެކޮޅަށް 2024 ވަނަ އަހަރު ބޭއްވި ބަހުޘެއްގައި ފެނިވަޑައިގެންނެވި ގޮތާ ގުޅިގެން، ދެވަނަ ދައުރަކަށް ވާދަކުރެއްވުމުގެ ފުރުޞަތު ދޫކޮށްލެއްވުމަށް ވެސް އޭނާއަށް މަޖުބޫރު ވެވަޑައިގަތެވެ. ބައިޑަން އާއިލާގެ ތެރޭގައި ކެންސަރު ބައްޔަކީ ބީރައްޓެހި ބައްޔެއް ނޫނެވެ. ޖޯ ބައިޑަންގެ ދޮށީ ދަރިކަލުން ބިއޫ ބައިޑަން، ސިކުނޑީގެ ކެންސަރު ޖެހިވަޑައިގެން އަވަހާރަވެފައިވަނީ 2015 ވަނަ އަހަރުއެވެ.
ކޮމެންޓު ފޮނުވާ