ލ. އަތޮޅުން ގއ. އަތޮޅަށް ހިލަޔާއި ހިލަވެލި ބަރުކޮށްގެން ދަތުރުކުރަނިކޮށް އަޑިއަށް ދިޔަ "ފްރެންޑް 4″ ސަޕްލައި ދޯނިން ގެއްލުނު ތިން މީހުން ހޯދުމުގެ ސާޗް އެންޑް ރެސްކިއު އޮޕަރޭޝަން ވައިގެ މަގުންނާއި ކަނޑުމަގުން ފުޅާ ދާއިރާއެއްގައި ކުރިއަށް އެބަދެއެވެ.
ހާދިސާ ހިނގިއިރު ދޯނީގައި ތިބި އަށް މީހުންގެ ތެރެއިން ހަތް މީހަކު ސަލާމަތްކުރެވިފައިވާ ކަމަށާއި، ގެއްލިފައި ވަނީ ދޯނީގެ ކެޕްޓަނާއި، މީހުން ސަލާމަތްކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވި ސިފައިންގެ ބޭކަލަކާއި ފުލުހުންގެ ބޭކަލެއް ކަމަށް އެމްއެންޑީއެފުން ބުނެއެވެ.
ދިވެހި ސިފައިންނާއި ފުލުހުން ގުޅިގެން ހިންގަމުންދާ މި އޮޕަރޭޝަނުގައި އިއްޔެ އެކަނިވެސް ވައިގެ މަގުން 881 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލައި ފާސްކޮށްފައި ވެއެވެ. މި މަސައްކަތުގައި މޯލްޑިވިއަންގެ މަތިންދާބޯޓަކާއި އެމްއެންޑީއެފް އެއާ ކޯރގެ ޔޫއޭވީ ޑްރޯންތައް ބޭނުންކޮށްފައި ވެއެވެ.
ހަމައެއާއެކު ކަނޑުމަގުން 310 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބެލި އިރު، އެ މަސައްކަތުގައި އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް އިމާދުއްދީނާއި ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓްތަކާއި ސީ އެމްބިއުލޭންސްތަކުގެ އިތުރުން ފުލުހުންގެ ލޯންޗުތައް ވެސް ހަރަކާތްތެރިވި އެވެ. ނަމަވެސް މިހާތަނަށް ގެއްލުނު ތިން މީހުންގެ އެއްވެސް ނިޝާނެއް ފެނިފައި ނުވާ ކަމަށް އޮފިޝަލުން ބުނެއެވެ.
ކޮމެންޓު ފޮނުވާ