މާލޭގައި ފެންބޮޑުވެ، އެމްއެންޑީއެފުން ފެން ހިންދަން ފަށައިފި

މާލޭގައި ފެންބޮޑުވެ، އެމްއެންޑީއެފުން ފެން ހިންދަން ފަށައިފި

Author
އަހުމަދު
04 އޮގަސްޓް 2026 07:13
0

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މާލޭގެ މަގުތަކަށް ފެންބޮޑުވެ، ފެން ހިންދުމުގެ މަސައްކަތް ގައުމީ ދިފާއީ ބާރު (އެމްއެންޑީއެފް) އިން ފަށައިފިއެވެ.

އެމްއެންޑީއެފުން މިރޭ ބުނީ ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން މާލޭގެ މަގުތަކުގައި ފެންބޮޑުވަމުންދާތީ، އެ ފެން ހިންދުމުގައި ފަޔާ އެންޑް ރެސްކިޔު ސާވިސްގެ ޓީމުތައް ހަރަކާތްތެރިވަމުންދާ ކަމަށެވެ. ބޯކޮށް ވާރޭ ވެހޭ ކޮންމެ ފަހަރަކުހެން ވެރިރަށް މާލޭގައި ފެންބޮޑުވުމަކީ މިހާރު އާންމު ކަމަކަށް ވެފައިވާއިރު، ފާއިތުވި ދެ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ރާއްޖޭގެ މޫސުން ވަރަށް ބޮޑަށް ގޯސްވެ، ބައެއް ރަށްތަކަށް އުދަ އަރައި ގެއްލުންތައް ވެސް ވަނީ ލިބިފައެވެ.

މާދަމާ ހެނދުނު 6:00 އާ ހަމައަށް މޫސުން ލަފާކުރާ ގޮތަށް ބަލާއިރު، ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކޮށް، ގުގުރުން ވެސް އެކަށީގެންވާ ކަމަށް މެޓް އޮފީހުން ބުނެއެވެ. ހާއްސަކޮށް މެދުރާއްޖެތެރެއާއި ދެކުނުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށްފައިވެއެވެ.

ވައިޖެހޭ ބާރުމިނަށް ބަލާއިރު، ދެކުނުގެ އަތޮޅުތަކުގައި ދެކުނާއި ހުޅަނގު ދެކުނުން ގަޑިއަކު ފަހެއް އާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި، އުތުރާއި މެދުރާއްޖެތެރޭގައި ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 10 އާއި 20 މޭލާ ދެމެދު ވައިޖެހޭނެ ކަމަށް މެޓް އޮފީހުން ބުނެއެވެ. އަދި ވިލާގަނޑުގައި 40 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް ވެސް ލަފާކޮށްފައިވެއެވެ.

ކަނޑުތަކުގެ ހާލަތަށް ބަލާއިރު، ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި، ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި، މެދުރާއްޖެތެރެއާއި އުތުރުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި، ވިލާގަނޑުގައި ގަދަވާނެ ކަމަށް ވެސް ވަނީ ލަފާކޮށްފައެވެ. ރާޅުގެ އުސްމިން ދެކުނުގައި ދެ ފޫޓާއި ހަތަރު ފޫޓާ ދެމެދު، އަދި އުތުރާއި މެދުރާއްޖެތެރޭގައި ހަތަރު ފޫޓާއި ހަ ފޫޓާ ދެމެދު ހުންނާނެ ކަމަށް މެޓް އޮފީހުން ބުނެއެވެ.

ހުޅަނގު މޫސުމުގެ ވިއްސާރަ މުޅި ރާއްޖެއަށް މިހާރު ކުރަމުންދާއިރު، މޫސުމަށް ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.