އެއްވެސް ރަށެއްގެ ހެޑްލީސް ވިއްކާލަން ނޫޅެން: އެމްޓީޑީސީން

އެއްވެސް ރަށެއްގެ ހެޑްލީސް ވިއްކާލަން ނޫޅެން: އެމްޓީޑީސީން

Author
އަހުމަދު
03 އޮގަސްޓް 2026 08:47
0

މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އަށް ރިސޯޓު ތަރައްގީކުރުމަށް ދޫކޮށްފައިވާ އެއްވެސް ރަށެއްގެ ހެޑްލީސް ހައްގު ވިއްކާލުމަށް ނިންމާފައި ނުވާކަމަށާއި، އެފަދަ މަޝްވަރާއެއް ވެސް އެއްވެސް ފަރާތަކާއެކު ކުރިއަށް ނުދާކަން އެ ކުންފުނިން މިއަދު ހާމަކޮށްފި އެވެ.

އެ ކުންފުނިން މި ޔަގީންކަން ދީފައި މިވަނީ، އެމްޓީޑީސީގެ ދަށުން ރިސޯޓު ހިންގާ ގދ. މަގުއްދުވާގެ ހެޑްލީސް، އެ ރަށުގައި ރިސޯޓު ހިންގަމުންދާ ތުރުކީގެ ކުންފުންޏަށް ނުއަގުގައި ވިއްކާލަން އުޅޭ ކަމުގެ އަޑުތައް ފެތުރެމުންދާ ދަނޑިވަޅެއްގައެވެ.

އެ ތުހުމަތުތަކާ ގުޅިގެން އެމްޓީޑީސީން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ، ސަރުކާރާއި އެ ކުންފުންޏާ ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުމެއްގެ ދަށުން ރިސޯޓް ތަރައްގީ ކުރުމަށް ދޫކޮށްފައިވާ ތިން ރަށަކީ ހދ. ނާގޯށްޓާއި، ގދ. މަގުއްދުވާގެ އިތުރުން ބ. ކިހަވައްހުރަވަޅި ކަމަށެވެ. މި ތިން ރަށުގެ ހެޑްލީސްއާ ގުޅުންހުރި އެންމެހާ ހައްގުތަކުގެ މިލްކުވެރި ފަރާތަކީ އެ ކުންފުނި ކަމަށް ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

"އެމް.ޓީ.ޑީ.ސީގެ އެއްވެސް ހަރުމުދަލެއްގެ… މިއިން އެއްވެސް ރަށެއްގެ ހެޑްލީސް ނުވަތަ ހެޑްލީސްއާ ގުޅުންހުރި ހައްގުގެ އެއްވެސް މިންވަރެއް ވިއްކުމަށް، އެހެން ފަރާތަކަށް ދޫކޮށްލުމަށް، ނުވަތަ މިނޫން ވެސް މިފަދަ އެހެން މުއާމަލާތެއް މެދުވެރިކޮށް، މި ކުންފުންޏަށް ލިބިފައިވާ މިލްކުވެރިކަމުގެ ހައްގު ނުވަތަ މަސްލަހަތު، ސީދާގޮތުން ނުވަތަ ނުސީދާގޮތުން ވެސް، ގެއްލޭފަދަ ނުވަތަ ހަނިވާފަދަ އެއްވެސް ނިންމުމެއް މި ކުންފުންޏަކުން ނިންމާފައި ނުވާކަމުގައި ދަންނަވަމެވެ،" އެ ބަޔާނުގައި ވެ އެވެ.

މީގެ އިތުރުން، މިފަދަ އެއްވެސް ހަރުމުދަލަކާ ގުޅުންހުރި ހައްގެއް ވިއްކާލުމުގެ ނުވަތަ ދޫކޮށްލުމުގެ، ނުވަތަ އެފަދަ ހައްގަކަށް ނޭދެވޭ އަސަރުކުރާނެ އެއްވެސް މަޝްވަރާއެއް، އެއްވެސް ފަރާތަކާއެކު ކުރިއަށް ނުދާކަމުގެ ޔަގީންކަން ވެސް، ކުންފުނީގެ މެނޭޖްމަންޓާއި ޑިރެކްޓަރުންގެ ބޯޑުން ވަނީ ހިއްސާދާރުންނަށާއި މަސްލަހަތު އޮތް އެންމެހާ ފަރާތްތަކަށް ދީފަ އެވެ.

ކުންފުނީގެ ބައެއް ހަރުމުދާ ނުއަގުގައި ވިއްކާލަން އުޅޭކަމަށް ބުނެ މީޑިއާގެ އެކި ވަސީލަތްތަކުގައި ދައުރުވަމުންދާ ވާހަކަތަކަކީ ކަނޑައެޅިގެން ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށް އެމްޓީޑީސީން ސިފަކުރެ އެވެ. އަދި ކުންފުނީގެ ގަވާއިދުތަކާއި ލިސްޓިން އުސޫލުތަކުގައި ބަޔާންކުރާ ފަދައިން، ހާމަކުރަންޖެހޭ ޕްރޮޖެކްޓްތަކާއި މުއާމަލާތްތަކާ ގުޅޭގޮތުން އެ ކުންފުނިން ރަސްމީކޮށް ދޭ މައުލޫމާތަށް ބަރޯސާވުމަށް ހިއްސާދާރުންނާއި މަސްލަހަތުވެރިންގެ ކިބައިން އެ ކުންފުނިން ވަނީ އެދިފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.