ދުނިޔޭގެ މަޝްހޫރު ފުޓްބޯޅަ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އާއި އޭނާގެ ދިގު މުއްދަތުގެ ބައިވެރިޔާ ޖޯޖީނާ ރޮޑްރިގޭޒް އަންނަ ހަފުތާ ބަންދުގައި ކައިވެނިކުރަން އުޅޭ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ފާއިތުވި ދުވަސްތަކުގައި މީޑިއާތަކުގެ އިތުރުން ސޯޝަލް މީޑިއާގައި ވެސް ވަރަށް ގަދައަށް ދެކެވުނު އެއް ވާހަކައަކީ ރޮނާލްޑޯ އާއި ޖޯޖީނާ، ޕޯޗުގަލްގެ ސިންތުރާގައި އޮންނަ "ކިންޓާ ޑާ ރެގަލޭރާ"ގައި ކައިވެނިކުރަން އުޅޭ ކަމަށް ބުނެ ފެތުރުނު ޚަބަރުތަކެވެ. އަދި ބައެއް ފަރާތްތަކުން ވަނީ އެ ކައިވެނި ކެންސަލްވި ކަމަށް ބުނެ ވެސް މައުލޫމާތު ފަތުރައިފައެވެ. ނަމަވެސް، ބައެއް މީޑިއާތަކުން ކަށަވަރުކޮށްދިން ގޮތުގައި، އަންނަ ހަފުތާ ބަންދުގައި ކައިވެނިކޮށް ވެޑިން ޕާޓީއެއް ބާއްވަން އެ ދެ މީހުން ވަނީ ނިންމައިފައެވެ.
މިހާރު ވެސް ފަސް ދަރިން ތިބޭ ރޮނާލްޑޯ އާއި ޖޯޖީނާ އެންގޭޖްވެފައި ވަނީ މިދިޔަ އަހަރުގެ އޯގަސްޓް މަހުއެވެ. ކުރިން ދިން އިންޓަވިއުއެއްގައި ރޮނާލްޑޯ ކިޔައިދީފައިވާ ގޮތުގައި، އެންގޭޖްމަންޓުގެ ކަންތައްތައް ހިނގާދިޔައީ ކުއްލިއަކަށެވެ. ރޭގަނޑު ދެ ކުދިން ނިދާފައި ތިއްބައި، ރައްޓެއްސަކު ދިން އަނގޮޓިއެއް ޖޯޖީނާއަށް ދޭން އުޅުމުން، ދަރިން އައިސް "މަންމައާ ކައިވެނިކުރަން އަނގޮޓި ދެނީތޯ" ސުވާލުކުރުމުން، އެއީ އެންމެ ރަނގަޅު ވަގުތު ކަމަށް ނިންމައި އޭނާ ކައިވެންޏަށް އެދުނީއެވެ.
ޖޯޖީނާ އަޅައިގެން އުޅޭ އަގުބޮޑު އަލްމާސް އަނގޮޓިއަކީ ގާތްގަނޑަކަށް 1.5-5 މިލިއަން ޑޮލަރުގެ އަގުހުރި އަނގޮޓިއެއް ކަމަށް އަންދާޒާކުރެއެވެ. އެ މީހުންގެ ގުޅުމަށް ގާތްގަނޑަކަށް 10 އަހަރު ވެފައިވާއިރު، ރޮނާލްޑޯ ކުރިން ހާމަކޮށްފައިވާ ގޮތުގައި، ކައިވެނީގެ ހަފުލާ އޮންނާނީ ވަރަށް އާދައިގެ، އާއިލީ އަދި ޕްރައިވެޓް ހަފުލާއެއްގެ ގޮތުގައެވެ. ސަބަބަކީ ޖޯޖީނާއަކީ ބޮޑެތި ޕާޓީތަކަށް ލޯބިކުރާ މީހަކަށް ނުވުމުން، އޭނާގެ ނިންމުމަށް އިހުތިރާމް ކުރުމުގެ ގޮތުންނެވެ.
ކޮމެންޓު ފޮނުވާ