ވީއައިއޭގެ ޖެޓީތަކަށް ދެން ކައިރިކުރެވޭނީ ރަޖިސްޓްރީކޮށްގެން

ވީއައިއޭގެ ޖެޓީތަކަށް ދެން ކައިރިކުރެވޭނީ ރަޖިސްޓްރީކޮށްގެން

Author
އަހުމަދު
01 އޮގަސްޓް 2026 09:55
0

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ ޖެޓީތަކަށް ކަނޑު އުޅަނދުފަހަރު ކައިރިކުރެވޭނީ ކުރިން ރަޖިސްޓްރީކޮށްގެން ކަމަށް ހަމަޖައްސައި، އެ އުސޫލަށް މިއަދު އަމަލުކުރަން ފަށައިފިއެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނީ، މިއަދުން ފެށިގެން އެއާޕޯޓުގެ ޖެޓީތަކަށް އުޅަނދު ކައިރިކުރުމަށާއި ފަޅުތެރޭގައި އުޅަނދު ބޭއްވުމަށް ހާއްސަ ހުއްދައެއް ނަގަން ޖެހޭނެ ކަމަށެވެ. މި ބޭނުމަށްޓަކައި "ހާބަ ޕޯޓަލް" ގެ ނަމުގައި ވަކި ޕޯޓަލެއް ވަނީ ތައާރަފުކޮށްފައެވެ.

އެ ކުންފުނިން ހާމަކުރި ގޮތުގައި، މި ޕޯޓަލް ތައާރަފުކުރުމުގެ މައިގަނޑު މަގުސަދަކީ ޖެޓީގެ ހިދުމަތުގެ ފެންވަރު މަތިކުރުމާއި، ފަޅުތެރެ ބޭނުންކުރާ އުޅަނދުތަކުގެ ރެކޯޑުތައް ފަސޭހަކަމާއެކު ބެލެހެއްޓޭނެ ނިޒާމެއް ގާއިމުކުރުމެވެ. މީގެ އިތުރުން، އޮޕަރޭޝަނަލް ކަންކަން މޮނިޓަރކުރުމުގައި މި ނިޒާމުގެ ސަބަބުން ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށްވެސް އެމްއޭސީއެލް އިން ފާހަގަކުރެއެވެ.

ޕޯޓަލްގެ ބޭނުންކުރުން ފެށިގެންދާނީ މަރުހަލާތަކަކަށް ބަހާލައިގެންނެވެ. ފުރަތަމަ މަރުހަލާގައި މައިގަނޑު ގޮތެއްގައި އިސްކަންދޭނީ އުޅަނދުފަހަރު ރަޖިސްޓްރީކުރުމުގެ މަސައްކަތާއި، އުޅަނދުތަކުގެ ވެރިންނާއި އޮޕަރޭޓަރުން ޕޯޓަލް ބޭނުންކުރުމަށް ހޭލުންތެރިކުރުވުމަށެވެ. ރަޖިސްޓްރީކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ފަޅުވެރިންނާ ސީދާ ގުޅިގެން މަސައްކަތްކުރާނެ ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.

އެމްއޭސީއެލް އިން ނިންމާފައި ވަނީ އުޅަނދުތަކުގެ ވެރިންނާއި އޮޕަރޭޓަރުންނަށް ޕޯޓަލްގައި ރަޖިސްޓްރީވުމަށް އެއް މަސް ދުވަހުގެ މުއްދަތެއް ދިނުމަށެވެ. އެ މުއްދަތު ހަމަވުމަށްފަހު، ފަޅުތެރޭގެ ހިދުމަތްތައް ހޯދުމުގެ ކުރިން ޕޯޓަލް މެދުވެރިކޮށް ހުއްދައަށް އެދި ހުށަހެޅުން ލާޒިމުވާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.