ކާނާގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި ތިމާވެއްޓާ ރައްޓެހި އީޖާދީ މަޝްރޫޢުތަކަށް ސަރުކާރުން ދޫކުރާ "ވިލުންވެށި ގްރާންޓް" އަށް ކުރިމަތިލުމުގެ ފުރުޞަތު މިއަދު ހުޅުވާލައިފިއެވެ.
އަމިއްލަ ފަރުދުންނާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އަމާޒުކޮށްގެން ފެށި މި ޕްރޮގްރާމުގެ ދަށުން، ޝަރުޠު ފުރިހަމަވާ މަޝްރޫޢުތަކަށް 100,000 ރުފިޔާއާ ހަމައަށް މާލީ އެހީ ފޯރުކޮށްދޭނެއެވެ. އެއީ ދެމެހެއްޓެނިވި ގޮތެއްގައި ހިންގޭ، މުޖުތަމަޢަށް ދިގު މުއްދަތެއްގައި ފައިދާ ކުރާނެ ކަހަލަ މަޝްރޫޢުތަކަކަށް ވާން ޖެހޭނެ ކަމަށް ސަރުކާރުން ބުނެއެވެ.
ގްރާންޓުގެ މައިގަނޑު ބޭނުމަކީ ރާއްޖޭގައި ކާނާ އުފެއްދުމުގެ ޤާބިލުކަން އިތުރުކުރުމާއި، ތިމާވެއްޓަށް ލިބޭ ގެއްލުން ކުޑަކުރެވޭނެ އީޖާދީ ހައްލުތައް ހޯދުމަށް މަގުފަހިކޮށްދިނުމެވެ. މީގެ އިތުރުން، ވިލުންތެރި އައު އީޖާދުތަކާއި ޑިޖިޓަލް ވަޞީލަތްތައް ބޭނުންކޮށްގެން ދެމެހެއްޓެނިވި ގޮތެއްގައި އާމްދަނީ ހޯދޭނެ ފުރުޞަތުތައް ފަހިކޮށްދިނުމަކީ ވެސް މި ޕްރޮގްރާމުގެ އެއް އަމާޒެވެ.
ރާއްޖެ ފަދަ ނާޒުކު ތިމާވެއްޓެއް އޮތް ޤައުމެއްގައި، އަމިއްލައަށް ކާނާ އުފެއްދުމާއި ތިމާވެއްޓާ ރައްޓެހި އުސޫލުތައް ކުރިއެރުވުމަށް ސަރުކާރުން ޚާއްޞަ އަހަންމިއްޔަތެއް ދޭ ކަމަށާއި، ވިލުންވެށި ގްރާންޓަކީ އެ މަސައްކަތުގައި އެޅުނު މުހިންމު ފިޔަވަޅެއް ކަމުގައި ސަރުކާރުން ފާހަގަކުރެއެވެ.
ގްރާންޓަށް ޝައުޤުވެރިވާ ފަރާތްތަކުން ކަނޑައެޅިފައިވާ އުސޫލުގެ މަތިން، އެސްއެމްއީ ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހެޅޭނެއެވެ. މި ޕްރޮގްރާމް އެންވަޔަރަމަންޓް މިނިސްޓްރީން ރަސްމީކޮށް އިފްތިތާޙުކުރީ މިއަހަރުގެ ޖޫން މަހުގެ 23 ވަނަ ދުވަހުއެވެ.
ކޮމެންޓު ފޮނުވާ