މާލެ ސިޓީ ކައުންސިލްގެ މަސައްކަތްތަކަށް ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން، އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވައިފައި ހުންނަވާ ސަފީރު ޖީ ބާލާސުބްރަމާނިއަން ދެއްވައިފި އެވެ.
ސަފީރު މި ޔަގީންކަން ދެއްވީ، މާލެ ސިޓީ ކައުންސިލްގެ އިދާރާގައި މާލެ ސިޓީގެ މޭޔަރު އާދަމް ޢާޒިމާއެކު މިއަދު ބޭއްވެވި ބައްދަލުކުރެއްވުމުގަ އެވެ. މި ބައްދަލުވުމުގައި ސަފީރު ވިދާޅުވީ، ކުރިއަށް އޮތް ދުވަސްތަކުގައި ސިޓީ ކައުންސިލާ އޮތް ގުޅުން އިތުރަށް ބަދަހިކުރައްވައި، ކައުންސިލުން ކުރިއަށްގެންދާ މަސައްކަތްތަކުގައި އިންޑިއާގެ ފުރިހަމަ އެއްބާރުލުން ލިބިގެންދާނެ ކަމަށެވެ.
މޭޔަރު ޢާޒިމް ވަނީ މުއައްސަސާތަކުގެ ސިޔާސީ ހިންގުމުގައި ހުރި ގޮންޖެހުންތަކާ ގުޅޭގޮތުން ސަފީރާއެކު މަޝްވަރާކުރައްވައި، ވޭތުވެދިޔަ ދައުރުގައި އިންޑިއާގެ ފަރާތުން ލިބުނު އެހީތެރިކަމަށްޓަކައި ސަފީރަށް ޝުކުރު އަދާކުރައްވައިފަ އެވެ. އަދި ދެ ފަރާތުގެ ޕާޓްނަރޝިޕްގެ ދަށުން ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާއި ތަމްރީނު ބޭނުންވާ ދާއިރާތައް ފާހަގަކުރެއްވި އެވެ.
މި ދައުރުގައި އެންމެ އިސްކަމެއް ދެއްވާނީ ކައުންސިލްގެ ގާބިލުކަން އިތުރުކުރުމަށާއި އިންސާނީ ވަސީލަތްތައް ތަރައްގީކުރުމަށް ކަމަށް ޢާޒިމް ފާހަގަކުރެއްވި އެވެ. މިގޮތުން ކުރު މުއްދަތުގެ ވޮކޭޝަނަލް ޓްރެއިނިންގ ޕްރޮގްރާމްތަކާއި، ޑިޖިޓަލް ޕްރޮފެޝަން، އަދި ކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި ޕްރީ-ސްކޫލް ޓީޗަރުންނާއި ސެން ޓީޗަރުން ތަމްރީނުކުރުމުގެ މުހިންމުކަން ޢާޒިމް ވަނީ ފާހަގަކުރައްވައިފަ އެވެ.
ސަފީރު ވިދާޅުވީ އިންޑިއަން ޓެކްނިކަލް އެންޑް އިކޮނޮމިކް ކޯޕަރޭޝަން (އައިޓެކް) ގެ ދަށުން މިހާރު ވެސް ކޯސްތައް ކުރިއަށްދާ ކަމަށާއި، އިތުރު ތަމްރީނު ފުރުސަތުތައް ފޯރުކޮށްދެއްވިދާނެ ކަމަށެވެ. ފާހަގަކޮށްލެވޭ ކަމަކީ ނިމިދިޔަ އަހަރު އައިޓެކް މެދުވެރިކޮށް ސިޓީ ކައުންސިލްގެ 14 މުވައްޒަފުން ތަމްރީނުކޮށްފައިވާއިރު، މިއަހަރު ގުޑް ގަވަރނަންސްގެ ދާއިރާއިން އެކަކު ތަމްރީނުކުރެވިފައިވާ ކަމެވެ.
ދެ ބޭފުޅުންގެ މެދުގައި، އިންޑިއާގެ މުނިސިޕަލް ކޯޕަރޭޝަންތަކާއި މާލެ ސިޓީ ކައުންސިލާ ދެމެދު 'ސިސްޓަރ ސިޓީ' ގުޅުން ގާއިމުކުރުމާ ގުޅޭގޮތުން ވެސް ވަނީ މަޝްވަރާކުރައްވައިފަ އެވެ. މިގޮތުން ޗެންނާއީ ކޯޕަރޭޝަން ފަދަ ތަންތަނާއެކު އެމް.އޯ.ޔޫ ތަކެއްގެ ދަށުން ގުޅުން ބަދަހިކުރެއްވުމަށް ސަފީރު ލަފާދެއްވިއިރު، އައުޓްޑޯ ޖިމް ސާމާނު ހޯދުމާއި، އާންމު ތަންތަނުގައި 'ފޮތް ކިޔޭނެ ގޮތް' ގާއިމުކުރުން ފަދަ މުޖުތަމައަށް ފައިދާހުރި މަޝްރޫއުތަކާ ގުޅޭގޮތުން ވެސް ދެ ބޭފުޅުން ވާހަކަދެއްކެވި އެވެ.
ކޮމެންޓު ފޮނުވާ