ވައިގެމަގުން ރާއްޖެއަށް ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރުމުގެ ތުހުމަތުގައި ބިދޭސީއަކާއެކު ތިން މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މި މައްސަލައިގައި ހައްޔަރުކުރެވުނީ ޖެމެއިކާގެ ރައްޔިތެއް ކަމަށްވާ 53 އަހަރުގެ އެންޑްރޫ ލޮއިޑް ކޯބިން އާއި، ނ. ޅޮހި، ނޯރައިޓްގެ 20 އަހަރުގެ އިބްރާހީމް އަތޫފް އަދި އިތުރު ދިވެހި ފިރިހެނެއް ކަމަށެވެ.
ކޯބިން ހައްޔަރުކުރީ ޖުލައި 19 ވަނަ ދުވަހު ވައިގެމަގުން ރާއްޖެ އައި ވަގުތު، އޭނާގެ ހަށިގަނޑުގައި މަސްތުވާތަކެތި ފޮރުވާފައި ހުރި ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ފުލުހުންނަށް ދިން މައުލޫމާތުގެ މައްޗަށް ބިނާކޮށެވެ. އޭނާގެ ހަށިގަނޑުން ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.
ދެން ހައްޔަރުކުރި ދެ ދިވެހިން ހިފެހެއްޓީ، ކޯބިންއާ ބައިވެރިވެގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް ވިއްކުމުގެ ވިޔަފާރި ހިންގާ ކަމަށް ތުހުމަތު ކުރެވޭތީ، ޖުލައި 20 ވަނަ ދުވަހު ހުޅުމާލޭގައި ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައެވެ.
ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯބިން އާއި އަތޫފް 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކުރި އިރު، ތިންވަނަ މީހާ ވަނީ ބައެއް ޝަރުތުތަކާއެކު ދޫކޮށްލާފައެވެ.
މި މައްސަލަ ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ކޮމެންޓު ފޮނުވާ