މާލީ ބަޔާން ގަވާއިދާ އެއްގޮތަށް ހުށަނާޅައިގެން، ތިން ސިޔާސީ ޕާޓީއެއް 50،000 ރުފިޔާއިން ޖޫރިމަނާކުރުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފިއެވެ.
އީސީން ފިޔަވަޅު އެޅި ތިން ޕާޓީއަކީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)، މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އަދި އަދާލަތު ޕާޓީއެވެ. މި ޕާޓީތަކުގެ ތެރެއިން ކޮންމެ ޕާޓީއެއް ވެސް ވަނީ 50،000 ރުފިޔާއިން ޖޫރިމަނާކޮށްފައެވެ.
އީސީގެ މެންބަރު އަދި ތަރުޖަމާނު ހަސަން ޒަކަރިއްޔާ ވިދާޅުވި ގޮތުގައި، މި ތިން ޕާޓީގެ ތެރެއިން އެމްއެންޕީ އާއި އަދާލަތު ޕާޓީން މާލީ ބަޔާން އެއްގޮތަކަށްވެސް ހުށަހަޅާފައެއް ނުވެއެވެ. އިދިކޮޅު އެމްޑީޕީން މާލީ ބަޔާން ހުށަހެޅި ނަމަވެސް، އެ ބަޔާން ހުށަހެޅީ ސުންގަޑި ހަމަވިތާ ގާތްގަނޑަކަށް ހަފުތާއެއްހާ ދުވަސް ފަހުންނެވެ.
ސިޔާސީ ޕާޓީތަކުން މާލީ ބަޔާން ހުށަހަޅަން އީސީން ދިން ސުންގަޑިއަކީ މިދިޔަ މޭ މަހުގެ 20 ވަނަ ދުވަހެވެ. އެ ސުންގަޑީގެ ކުރިން މާލީ ބަޔާން ހުށަހަޅާފައިވަނީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)، ޖުމްހޫރީ ޕާޓީ (ޖޭޕީ) އަދި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އެވެ.
ޕީއެންސީގެ މާލީ ބަޔާނުން ދައްކާ ގޮތުގައި 2025 ވަނަ އަހަރު އެ ޕާޓީއަށް އާމްދަނީގެ ގޮތުގައި 14.1 މިލިއަން ރުފިޔާ ލިބުނެވެ. އޭގެ ތެރެއިން 13.3 މިލިއަން ރުފިޔާއަކީ ދައުލަތުން ސިޔާސީ ޕާޓީތަކަށް ދޭ ފައިސާގެ ގޮތުގައި އީސީ މެދުވެރިކޮށް ލިބުނު ފައިސާ ކަމަށާއި، ބާކީ 842،000 ރުފިޔާއަކީ އަމިއްލަ ފަރާތްތަކުން ދިން އެހީގެ ފައިސާ ކަމަށް އެ ޕާޓީގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
ކޮމެންޓު ފޮނުވާ