އީފާސް މެދުވެރިކޮށް ގާއިމުކުރި ޕާޓީތަކުގެ ދަފުތަރު ސައްތައިންސައްތަ ސައްހަ: އީސީ

އީފާސް މެދުވެރިކޮށް ގާއިމުކުރި ޕާޓީތަކުގެ ދަފުތަރު ސައްތައިންސައްތަ ސައްހަ: އީސީ

Author
އަހުމަދު
21 ޖުލައި 2026 09:44
0

އީފާސް ނިޒާމު މެދުވެރިކޮށް ސިޔާސީ ޕާޓީތަކުގެ މެންބަރުން ރަޖިސްޓްރީކުރަން ފެށި ފަހުން ގާއިމުކުރެވުނު ޕާޓީތަކުގެ ދަފުތަރަކީ ސައްތައިންސައްތަ ސައްހަ ދަފުތަރެއް ކަމުގެ ޔަގީންކަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ދީފިއެވެ.

ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ 'ރާއްޖެ މިއަދު' ޕްރޮގްރާމުގައި ރޭ ވާހަކަދައްކަވަމުން، އީސީގެ މެންބަރު ޙަސަން ޒަކަރިއްޔާ ވިދާޅުވީ، އީފާސް މެދުވެރިކޮށް ސިޔާސީ ޕާޓީތަކަށް މެންބަރުން ވެއްދޭ ގޮތަށް ބަދަލުކުރި ފަހުން، އީސީގެ އޮފިޝަލަކަށް ނޭނގި އެއްވެސް މީހަކު ޕާޓީއެއްގައި ދަފުތަރު ނުކުރެވޭނެ ކަމަށެވެ.

ޙަސަން ވިދާޅުވި ގޮތުގައި، އީފާސް ނިޒާމަށް ބަދަލުކުރުމުގެ ކުރިން، ޕާޓީތަކުގެ ދަފުތަރު އާންމުކޮށް، އާންމުންގެ ޝަކުވާއަށް ހުޅުވައިލިއެވެ. އެއަށްފަހު، އެއްވެސް މީހަކަށް ނޭނގި އެ މީހުންގެ ނަން ޕާޓީއެއްގައި ހިމެނިފައި ވޭތޯ ބެލުމަށްފަހު ކަމަށް އޭނާ ވިދާޅުވިއެވެ.

"މިހާރު މި އޮތް ނިޒާމުގެ ތެރެއިން ގާއިމުވެފައި މި އޮތް ދަފުތަރަކީ ސަތޭކަ ޕަސެންޓު ސައްހަކަން ކަށަވަރު ކުރެވިފައި ހުރި ދަފުތަރުތަކެއް ކަމަށް އަޅުގަނޑަށް އެ ކަށަވަރުކަން ދޭން ކެރިދާނެ،" ޙަސަން ވިދާޅުވިއެވެ.

މިއީ ސިޔާސީ ޕާޓީތަކަށް މީހުން ވަގަށް ވެއްދުމުގެ މައްސަލަ މިދިޔަ އަހަރުގެ ކުރީކޮޅު ބޮޑުވި ފަހުން، އީސީން ދިން ޔަގީންކަމެކެވެ. ޚާއްޞަކޮށް، ވެރިކަން ކުރާ ޕީއެންސީން ސައްހަ ނޫން ފޯމުތަކެއް ހުށަހެޅި ކަމުގެ ޝަކުވާ ބޮޑުވުމާ ގުޅިގެން، މިދިޔަ އަހަރުގެ ޖަނަވަރީ 23 ގައި އީސީން ވަނީ ޕާޓީތަކުގެ ދަފުތަރާ މެދު ޝަކުވާ ހުށަހެޅުމަށް ހުޅުވައިލައިފައެވެ.

ޕީއެންސީން ވަގު ފޯމު ފުރި ކަމުގެ ތުހުމަތުގައި، އިދިކޮޅު ފަރާތްތަކުން އެ މައްސަލަ ފުލުހަށް ވެސް ހުށަހެޅިއެވެ. އަދި އެ މައްސަލަ ބޮޑުވެފައި ވަނިކޮށް، ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު) ގެ އޮފީސް ތެރޭގައި ޕީއެންސީއަށް ފޯމު ފުރާ ފޮޓޯތަކެއް މީސްމީޑިއާގައި ލީކުވިއެވެ.

އެފަހުން ޕީއެންސީން ވެސް ވަނީ، ސައްހަކަން ކަށަވަރު ނުކުރެވޭ ބައެއް ފޯމުތަކެއް އީސީއަށް ހުށަހެޅި ކަމަށް އިއުތިރާފުވެފައެވެ. އެހެންނަމަވެސް، އެއީ ގަސްތުގައި ކުރި ކަމެއް ނޫން ކަމަށާއި، ފޯމުގެ ސައްހަކަން ކަށަވަރުކުރެވޭނެ ގޮތެއް އޭރު ނެތުމުން ދިމާވި ކަމެއް ކަމަށް އެ ޕާޓީން ބުނެފައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.