އީރާނާ އެކު އެމެރިކާ ސުލްހަވިޔަނުދޭން، އިޒްރޭލު ސަރުކާރުގެ ވަކި ބަޔަކު އަޑީގައި ތިބެގެން ބޮޑެތި ފައިސާ ހަރަދުކޮށް، ސޯޝަލް މީޑިއާގައި ކެމްޕޭނެއް ހިންގަމުންދާ ކަމަށް އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވެންސް ތުހުމަތު ކުރައްވައިފި އެވެ.
މަޝްހޫރު "ދަ ޖޯ ރޯގަން އެކްސްޕީރިއަންސް" ޕޮޑްކާސްޓަށް ދެއްވި ތަފްސީލީ އިންޓަވިއުއެއްގައި ވެންސް ވިދާޅުވީ، ވޮޝިންޓަނުން ތެހެރާނާ އެކު ގާއިމުކުރަން މަސައްކަތްކުރާ ޑިޕްލޮމެޓިކް އެއްބަސްވުން ފެއިލްކޮށްލުމަށް، ބޭރުގެ ފަރާތަކުން ސީދާ ފައިސާ ހަރަދުކޮށްގެން ނުފޫޒު ފޯރުވުމުގެ ކެމްޕޭނެއް ހިންގަމުންދާ ކަމަށެވެ. އޭނާ އިޒްރޭލުގެ ނަން ސީދާ ނުގެންނެވި ނަމަވެސް، ފަހުން ވިދާޅުވީ "އިޒްރޭލު ސަރުކާރުގެ ވަކި ބަޔަކު" އޭނާ އަށް ސީދާ އަމާޒުކޮށް ސޯޝަލް މީޑިއާގައި ހަމަލާދެމުންދާ ކަމަށެވެ.
"އަޅުގަނޑުމެން ހަދަން މަސައްކަތްކުރާ އެއްބަސްވުން ރޫޅާލުމަށްޓަކައި، ބޭރުގެ ނުފޫޒު ފޯރުވާ ކެމްޕޭނަކަށް ސީދާ ފަންޑު ކުރަމުން އެބަދޭ. އެ ފައިސާ ލިބުނު ގިނަ ބަޔަކު ދަނީ މުޅިން ހަގީގަތާ ހިލާފު ދޮގު ގޮތްގޮތަށް އަޅުގަނޑަށް ހަމަލާދެމުން،" ވެންސް ވިދާޅުވި އެވެ.
ވެންސްގެ ތުހުމަތުތަކުގައި، އެ ކެމްޕޭންގެ އަސްލު މަގްސަދަކީ އީރާނާ ދެކޮޅު އަސްކަރީ ހަމަލާތައް، މެދުކެނޑުމެއް ނެތި، ދާއިމީ ހަނގުރާމައަކަށް ބަދަލުކުރުން ކަމަށް ވިދާޅުވި އެވެ. ނަމަވެސް އެމެރިކާގެ ސިޔާސަތު ބައްޓަންވެފައި ވަނީ އީރާނަށް ނިއުކްލިއާ ހަތިޔާރު ލިބުނަ ނުދީ ސަރަހައްދީ ހަމަޖެހުން ގާއިމުކުރުމަށް ކަމަށާއި، އެމެރިކާ އިސްކުރުމުގެ ސިޔާސަތު ދޫކޮށްނުލައްވާނެ ކަމަށް އޭނާ ތަކުރާރުކުރެއްވި އެވެ. އޭނާ އަށް ދޮގު ތުހުމަތުކުރާ މީހުންނަށް ރައްދު ދެއްވަމުން ވިދާޅުވީ، ސޯޝަލް މީޑިއާ ހަމަލާތަކުން "ވާނެ އެއްވެސް ކަމެއް ނޯންނާނެ" ކަމަށެވެ.
މީގެ އިތުރުން، ޖިންސީ ކުށްވެރިޔާ ޖެފްރީ އެޕްސްޓީންގެ ސިއްރު ފައިލްތައް އާންމުކުރުމުގައި ޓްރަމްޕް ސަރުކާރުން ހެދި ގޯސްތަކާ ބެހޭ ގޮތުން ވެސް، ވެންސް ވަނީ ސާފުކޮށް ވާހަކަ ދައްކަވައިފަ އެވެ. އޭނާ އެއްބަސްވެ ވަޑައިގަތީ އެ މައްސަލައިގައި ސަރުކާރުން އަމަލުކުރެއްވި ގޮތުން ރައްޔިތުންގެ އިތުބާރު ބޮޑުތަނުން ގެއްލިއްޖެ ކަމަށެވެ. ހާއްސަކޮށް ކުރީގެ އެޓާނީ ޖެނެރަލް ޕޭމް ބޮންޑީ، އެޕްސްޓީންގެ "ކްލައިންޓް ލިސްޓު" އޭނާގެ މޭޒުމަތީގައި އޮތް ކަމަށް ދެއްކެވި ވާހަކަތަކުން، އާންމުންގެ މެދުގައި ބޮޑު ނުތަނަވަސްކަމެއް އުފެދުނު ކަމަށް ވިދާޅުވި އެވެ.
"އަހަރެމެންނަށް އެޕްސްޓީން ފައިލްތަކުގެ ވާހަކަ ދެއްކުނީ ވަރަށް ގޯސްކޮށް. ހަމަ އަސްލަށް ވެސް އެކަން ކުރެވުނީ ގޯސްކޮށް. އެކަމަކު އޭގެ މާނައަކީ އަހަރެމެން އެއްވެސް ކަމެއް ފޮރުވަން އުޅުނީހޭ؟ ނޫން،" ވެންސް ވިދާޅުވި އެވެ.
ހަމައެއާ އެކު، އެޕްސްޓީންގެ ފައިލްތައް ބޭނުންކޮށްގެން އިޒްރޭލުން ރައީސް ޓްރަމްޕް ބްލެކްމެއިލްކޮށް، އީރާނާ ދެކޮޅު ހަނގުރާމައަކަށް މަޖުބޫރުކުރި ކަމަށް ދެކެވެމުންދާ ކޮންސްޕިރެސީ ތިއަރީތައް ވެންސް ވަނީ ވަރުގަދައަށް ދޮގުކުރައްވައިފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި، އެ ފައިލްތަކުގައި ޓްރަމްޕާ ދެކޮޅަށް ބޭނުންކުރެވޭނެ އެއްވެސް ހެއްކެއް ނެތެވެ. ޑިމޮކްރެޓުން ދައްކަނީ ހަމަ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމަށް ވެންސް ސިފަކުރެއްވި އެވެ.
ކޮމެންޓު ފޮނުވާ