ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ އާއި އޭނާގެ އާއިލާއާ ގުޅުންހުރި 6.2 ބިލިއަން ޑޮލަރުގެ މުދަލާއި ފައިސާ އެ ގައުމުގެ ސަރުކާރުން ހިފަހައްޓައިފި އެވެ.
ބަންގްލަދޭޝް ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (ބީއެފްއައިޔޫ) އިން ބުދަ ދުވަހު ބުނި ގޮތުގައި، ހިފެހެއްޓި މުދަލުގެ ޖުމްލަ އަގު 760 ބިލިއަން ޓާކާ އަށް އަރަ އެވެ. މީގެ ތެރޭގައި ހަސީނާގެ އާއިލާއާ ގާތް ގުޅުމެއް އޮންނަ 10 ވިޔަފާރި ގްރޫޕަކާ ގުޅޭ މުދާ ވެސް ހިމެނެ އެވެ. ބީއެފްއައިޔޫ އިން ބުނި ގޮތުގައި މި ތަކެތީގެ ތެރެއިން 570 ބިލިއަން ޓާކާގެ މުދަލަކީ ބަންގްލަދޭޝްގެ އެތެރޭގައި ހުރި ތަކެތި ކަމަށާއި ބާކީ 190 ބިލިއަން ޓާކާ ހުރީ ގައުމުން ބޭރުގަ އެވެ.
ބީއެފްއައިޔޫގެ ވެރިޔާ އިޚްތިޔާރު މުހައްމަދު މައުމޫން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ ހަސީނާ އާއި އޭނާގެ އާއިލާއާ ގުޅޭ 98 މައްސަލައެއް މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އަދި ބޭރު ގައުމުތަކަށް ގެންގޮސްފައިވާ ފައިސާ އަނބުރާ ހޯދުމުގެ މަސައްކަތުގައި މި އަހަރު ނިމުމުގެ ކުރިން ބޮޑެތި ކުރިއެރުންތަކެއް ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ދަރިވަރުން އިސްކޮށް ތިބެ 2024 ވަނަ އަހަރު ބަންގްލަދޭޝްގައި ހިންގި ވަރުގަދަ މުޒާހަރާތަކާ ގުޅިގެން ހަސީނާގެ 15 އަހަރު ދިގު ވެރިކަން ނިމުމަކަށް އައުމުން، އޭނާ އެ އަހަރުގެ އޮގަސްޓު މަހު އިންޑިއާއަށް ފިއްލެވި އެވެ. އޭގެ ފަހުން ޑާކާގައި ގާއިމު ކުރި އާ ސަރުކާރުން ދަނީ ހަސީނާގެ ވެރިކަމުގައި ނާޖާއިޒު ފައިދާ ހޯދި ކަމަށް ތުހުމަތު ކުރެވޭ އޭނާގެ އާއިލީ ބޭފުޅުންނާއި ބޮޑެތި ވިޔަފާރިތަކުގެ މާލީ މުއާމަލާތްތައް ތަހުގީގު ކުރަމުންނެވެ.
ޣައިރު ހާޒިރުގައި ބެލި މައްސަލަތަކުގައި ހަސީނާގެ މައްޗަށް ކޮރަޕްޝަނުގެ ކުށާއި ޑާކާގެ އަގުބޮޑު ސަރަހައްދަކުން ބިންތަކެއް ބެހި މައްސަލައިގައި ވަނީ ކުށް ސާބިތުވެފަ އެވެ. މީގެ އިތުރުން، އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް ހިންގުމުގެ ކުށުގައި މަރުގެ ހުކުމް ވެސް ވަނީ އިއްވާފަ އެވެ.
ބަންގްލަދޭޝްގެ ހޯމް މިނިސްޓަރު ސަލާހުއްދީން އަހްމަދު ވިދާޅުވީ ހަސީނާ ބަންގްލަދޭޝްއާ ހަވާލުކުރުމަށް އިންޑިއާގައި މިހާރު ވެސް އެދެމުން އަންނަ ކަމަށާއި، ސަރުކާރުގެ މަގްސަދަކީ އޭނާ އަދުލުއިންސާފުގެ ކުރިމައްޗަށް ހާޒިރު ކުރުން ކަމަށެވެ. "ކޯޓުގެ ހުކުމް ތަންފީޒު ކުރެވޭނެ. އިސްތިއުނާފުގެ ފުރުސަތެއް އޮތްތޯ ނުވަތަ ނޫންތޯ ނިންމާނީ ކޯޓުން،" އޭނާ ވިދާޅުވި އެވެ.
ފާހަގަކޮށްލެވޭ ކަމަކީ، މި އަހަރު ނިމުމުގެ ކުރިން އެނބުރި ބަންގްލަދޭޝްއަށް ވަޑައިގަތުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ދާދި ފަހުން ހަސީނާ ވިދާޅުވެފައި ވުމެވެ.
ކޮމެންޓު ފޮނުވާ