ރ. ދުވާފަރުގައި ފުލުހުން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ހަ ސެލޯފިންކޮޅާއެކު ދެ މީހަކު ހައްޔަރުކޮށްފިއެވެ.
ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ދުވާފަރު ޕޮލިސް ސްޓޭޝަން ގުޅިގެން މި މަހުގެ 14 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ރ. އިންނަމާދޫ، ވިދުވަރު، މުޙައްމަދު ސަމޫހް (25އ) އާއި ޏ. ފުވައްމުލައް، މިސްކިތްމަގު، ރޯޝަން، އިބްރާހީމް ޞަލާޙު (32އ) އެވެ.
ފުލުހުން ވިދާޅުވިގޮތުގައި، މި ދެ މީހުން ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ، އަދި ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައެވެ. މި ދެ މީހުން ހުއްޓުވައި ބަލައިފާސްކުރި އިރު، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ހަ ސެލޯފިންކޮޅު ފެނިފައިވާ ކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ.
މި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ޙާޒިރުކުރުމުން، މުޙައްމަދު ސަމޫހް 10 ދުވަހަށް އަދި އިބްރާހީމް ޞަލާޙު 12 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.
ކޮމެންޓު ފޮނުވާ