އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ނިންމުންތައް ދެފުށް ފެންނަ، އިންސާފުވެރި ގޮތެއްގައި ބޭއްވުމަކީ މުހިންމު ކަމެއް ކަމަށް އެމްޑީޕީގެ ޗެއާޕާސަން، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެ ޕާޓީގެ އިސްވެރިންނާއި އީސީގެ ރައީސް ބޭއްވި ބައްދަލުވުމަށް ފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ، ކޮމިޝަނާ މެދު ރައްޔިތުންގެ ހިތްތަކުގައި ޖެހިފައިވާ އިތުބާރު ދެމެހެއްޓޭނެ ގޮތަކަށް އެ އިދާރާގެ އަމަލުތައް ބެހެއްޓުމުގެ މުހިންމުކަން ބައްދަލުވުމުގައި ފާހަގަކުރެއްވި ކަމަށެވެ. ޚާއްސަކޮށް އިންތިޚާބުތަކާއި ސިޔާސީ ޕާޓީތަކާ ގުޅޭ ކަންކަން ނިންމުމުގައި ހާމަކަން ބޮޑު، އިންސާފުވެރި އުސޫލުތަކެއް ގެންގުޅެންޖެހޭ ކަމަށް އެ ޕާޓީން ދެކޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
މީގެ އިތުރުން، ސިޔާސީ ޕާޓީއެއްގެ ހައިސިއްޔަތުން އެމްޑީޕީއަށް ދިމާވަމުންދާ އެކި ކަންބޮޑުވުންތައް ވެސް ކޮމިޝަނުގެ މެންބަރުންނާ ހިއްސާ ކުރެއްވި ކަމަށް ނަޝީދު ވިދާޅުވި އެވެ. ނަމަވެސް، އެ ކަންބޮޑުވުންތަކުގެ ތަފްސީލެއް ހާމައެއް ނުކުރައްވަ އެވެ.
އެމްޑީޕީގެ އިތުރުން، މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އާ އެކު ވެސް އީސީން މިއަދު ވަނީ ބައްދަލުވުމެއް ބާއްވައިފަ އެވެ. މި ބައްދަލުވުންތަކުގެ މައިގަނޑު މަގްސަދަކީ ސިޔާސީ ޕާޓީތަކަށް ދިމާވާ ދަތިތައް އޮޅުންފިލުވައި، ޕާޓީތަކާއި ކޮމިޝަނާ ދެމެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާ ކުރުން ކަމަށް އީސީން ބުނެ އެވެ. ޕާޓީތަކުން ފާހަގަކުރާ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުމަށް މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ވެސް ކޮމިޝަނުން ވަނީ ދީފަ އެވެ.
ކޮމެންޓު ފޮނުވާ