އިޒްރޭލުން ހިފާފައިވާ ފަލަސްތީނުގެ ބިންތަކުގައި ގާއިމުކޮށްފައިވާ ޔަހޫދީ އާބާދީތަކުން އުފައްދާ މުދާ އަޔަލޭންޑަށް އެތެރެކުރުން މަނާކުރާ ބިލެއް، އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުން އިއްޔެ ފާސްކޮށްފިއެވެ.
މިއީ ފަލަސްތީނުގެ މައްސަލައިގައި އިޒްރޭލާ ދެކޮޅަށް ޔޫރަޕުގެ ގައުމަކުން މިހާތަނަށް އެޅި އެންމެ ވަރުގަދަ ވިޔަފާރީގެ ފިޔަވަޅެވެ. އަދި ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ ގައުމުތަކުގެ ތެރެއިން މިފަދަ ފުރިހަމަ މަނާކުރުމެއް އިއުލާނުކުރި ފުރަތަމަ ގައުމަކީވެސް އަޔަލޭންޑެވެ.
އަންގާރަ ދުވަހު ފާސްކުރި މި ބިލުގެ ދަށުން، ބައިނަލްއަގުވާމީ ގޮތުން ބަލައިގަންނަ އިޒްރޭލުގެ ބޯޑަރުން ބޭރުގައި ގާއިމުކޮށްފައިވާ އާބާދީތަކުން އުފައްދާ ދަނޑުވެރިކަމުގެ ބާވަތްތަކާއި، އިމާރާތްކުރުމުގެ ސާމާނާއި، ވިޔަފާރީގެ އެހެނިހެން އުފެއްދުންތައް އަޔަލޭންޑަށް އެތެރެކުރުމަކީ މަނާ ކަމެއްކަމުގައި ހަމަޖެހިގެންދާނެއެވެ. މީގެ ކުރިން ސްޕެއިނުން ވެސް ވަނީ މިދިޔަ އޮކްޓޯބަރު މަހުން ފެށިގެން މިފަދަ ބައެއް ހުރަސްތައް ކުރިމަތިކުރަން ފަށާފައެވެ.
އަޔަލޭންޑް ސަރުކާރުން ބުނި ގޮތުގައި، މި ބިލު ބިނާކޮށްފައިވަނީ 2024 ވަނަ އަހަރު ބައިނަލްއަގުވާމީ ކޯޓު (އައި.ސީ.ޖޭ) އިން ނެރުނު އިސްތިޝާރީ ލަފައެއްގެ މައްޗަށެވެ. އެ ލަފައިގައި ބުނެފައިވަނީ ހުޅަނގު އައްސޭރިއާއި، އިރުމަތީ ގުދުސްއާއި، ގާޒާ އިޒްރޭލުން ހިފައިގެން ތިބުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ސީދާ ހިލާފު ކަމެއް ކަމަށެވެ.
ގާޒާގައި އިޒްރޭލުން ހިންގަމުންދާ ގަތުލުއާންމުތަކާ ދެކޮޅަށް އެންމެ ބާރަށް އަޑުއުފުލަމުންދާ އެއް ގައުމަކީ އަޔަލޭންޑެވެ. އެ ގައުމުން ވަނީ 2024 ވަނަ އަހަރު ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ރަސްމީކޮށް ބަލައިގަނެފައެވެ. މި ފިޔަވަޅު އެޅުމާ ގުޅިގެން، އަޔަލޭންޑުން "އިޒްރޭލާ ދެކޮޅު ހައްދުފަހަނަޅާފައިވާ ސިޔާސަތެއް" ގެންގުޅޭ ކަމަށް ބުނެ، ޑަބްލިންގައި ހުންނަ އިޒްރޭލުގެ އެމްބަސީ ބަންދުކުރުމަށް އިޒްރޭލުގެ ފޮރިން މިނިސްޓަރު ގިޑިއޮން ސާރު ވަނީ އަމުރުކުރައްވާފައެވެ.
މީގެ އިތުރުން، ގާޒާއަށް އެހީ ހިފައިގެން ދިޔަ "ގްލޯބަލް ސުމޫދު ފްލޮޓިލާ" ގައި ތިބި އެކްޓިވިސްޓުންނާ މެދު އަމަލުކުރި ގޮތާ ގުޅިގެން، އިޒްރޭލުގެ ނެޝަނަލް ސެކިއުރިޓީ މިނިސްޓަރު އިޓަމާ ބެން-ގްވީރް އާއި ފައިނޭންސް މިނިސްޓަރު ބެޒަލެލް ސްމޮޓްރިޗް އަޔަލޭންޑަށް އެތެރެވުން ވެސް ވަނީ މިދިޔަ މަހު މަނާކޮށްފައެވެ. އަދި 1995 ވަނަ އަހަރު އީޔޫ އާއި އިޒްރޭލާ ދެމެދު ވެފައިވާ ވިޔަފާރީގެ އެއްބަސްވުން އަލުން މުރާޖައާ ކުރުމަށްވެސް އަޔަލޭންޑުން ދަނީ ތަކުރާރުކޮށް ގޮވާލަމުންނެވެ.
ކޮމެންޓު ފޮނުވާ