މިފަހަރު ދައްކާލި މިސައިލް އުތުރު ކޮރެއާއިން ސިފަކޮށްފައި ވަނީ، ދުނިޔޭގެ އެންމެ ބާރުގަދަ ހަތިޔާރުގެ ގޮތުގައި

"ދުނިޔޭގެ އެންމެ ބާރުގަދަ ހަތިޔާރު"ގެ ގޮތުގައި، އުތުރު ކޮރެޔާއިން އުފެއްދި އާ ހަތިޔާރު ދައްކާލައިފި

"ދުނިޔޭގެ އެންމެ ބާރުގަދަ ހަތިޔާރު"ގެ ގޮތުގައި، އުތުރު ކޮރެޔާއިން އުފެއްދި އާ ހަތިޔާރު ދައްކާލައިފި

އުތުރު ކޮރެއާގެ ވެރިކަން ކުރާ ޕާޓީން ބޭއްވި ސިޔާސީ ކޮންގްރެސް ނިންމާލުމުގެ ރަސްމިއްޔާތުގައި ބޭއްވި ޚާއްސަ އަސްކަރީ ޕެރޭޑެއްގައި، އެގައުމުން އުފެއްދި، ސަބްމެރިން ބޭނުންކޮށްގެން އުދުއްސާލެވޭ މުޅިން އާ ބެލިސްޓިކް މިސައިލް ދައްކާލައިފިއެވެ.

މި ރަސްމިއްޔާތުގައި އެގައުމުގެ ލީޑަރ ކިމް ޖޮން އަންގ ވަނީ ބައިވެރި ވެވަޑައިގެންފައެވެ. އަދި އޭނާވަނީ، ފާއިތުވެދިޔަ ތަނުގައި ރައްޔިތުންގެ އުއްމީދުތަކާ އެއްވަރަށް މަސައްކަތް ކުރެވިފައިނުވާ ކަމަށް ވިދާޅުވެ، އެހެންނަމަވެސް، ކުރިޔަށް އޮތްތަނުގައި އެގައުމުގެ އަސްކަރިއްޔާ ވަރުގަދަ ކުރާނެކަމަށް ވައުދުވެ ވަޑައިގެންފައެވެ.

ކަޅު ކުލައިގެ ލެދަރ ކޯޓެއްގައި، ކަޅު ކެހެރިން ހަދާފައިވާ ތޮތްޕަކާއި ކަޅު އަންގިއެއް ލައްވައިގެން ހުންނެވި، ކިމް ވަނީ، އެކި ކުލަތަކުން ދިއްލާފަ އޮތް ކިމް އިލް ސަންގ މައިދާނުގައި މި ޕެރޭޑް ކުރިޔަށް ދިޔައިރު، ހިނިފުޅު ވަޑުވަމުން މިޕެރޭޑްގެ ބައިވެރިންނަށް ހަނާ އަޅުއްވާފައެވެ.

އުތުރު ކޮރެއާގެ ރައްޔިތުންގެ އުއްމީދުތަކާ އެއްވަރަށް މަސައްކަތް ކުރެވިފައި ނުވި ނަމަވެސް، އަސްކަރިއްޔާ ވަރުގަދަ ކުރައްވާނެކަމަށް ކިމް ވިދާޅުވި

"ދުނިޔޭގަ އޮތް އެންމެ ވަރުގަދަ ހަތިޔާރު، ސަބްމެރިން އިން އުދުއްސާލެވޭ ބެލިސްޓިކް މިސައިލް މިހާރުވަނީ މައިދާނަށް ގެނެވިފަ، އަދި މި ހަތިޔާރުން ރަމްޒު ކޮށްދެނީ، އިންގިލާބީ އަސްކަރިއްޔާގެ އާރާ ބާރު،" އުތުރު ކޮރެއާގެ ގައުމީ ނިއުސް އޭޖެންސީ ކަމަށްވާ KCNA އިން ރިޕޯޓު ކޮށްފައިވެއެވެ.

ގައުމީ ނޫސް އޭޖެންސީން އާންމު ކޮށްފައިވާ ފޮޓޯތަކުން ހާމަވާ ގޮތުގައި، މި، ސަބްމެރިން – ލޯންޗްޑް ބެލެސްޓިކް މިސައިލް (SLBM) އަށް ދީފައިވާ ނަމަކީ ޕުގުކްސޮންގ5 އެވެ. ބެލެވޭ ގޮތުގައި މިއީ، ފާއިތުވެދިޔަ އަހަރުގެ އޮކްޓޯބަރު މަހު ބޭއްވުނު މިފަދަ ބޮޑު މިލިޓަރީ ޕެރޭޑެއްގައި އާންމުކޮށް ދައްކާލެވުނު ޕުގުކްސޮންގ4 މަރުކާގެ ބެލެސްޓިކް މިސައިލްގެ ފަހުގެ އުފެއްދުމެކެވެ.

"މިފަހަރު ދައްކާލެވުނު މިސައިލްއަކީ ޔަގީނުންވެސް ކުރީގެ މިސައިލަށްވުރެ ސައިޒުން ދިގު މިސައިލެއް،" އެމެރިކާގެ ކެލިފޯނިއާގައި ހުން ޖޭމްސް މާޓިން ފޯ ނޮންޕްރޮލިފެރޭޝަން ސްޓަޑީސް (CNS)ގެ ރިސާޗަރއެއް ކަމުގައިވާ މައިކަލް ޑުއިސްޓްމަން އޭނާގެ ޓުވިޓަރ އެކައުންޓުގައި ބުނެފައި ވެއެވެ.

ކާނެގީ އެންޑޯމެންޓް ފޯ އިންޓަރނޭޝަނަލް ޕީސްގެ ނިއުކްލިއަރ ޕޮލިސީ ޕްރޮގްރާމްގެ ސީނިއަރ މެމްބަރެއްކަމުގައިވާ އަންކިޓް ޕަންޑާވެސް ބުނެފައިވާ ގޮތުގައި، މި ޕެރޭޑްގައި އުތުރު ކޮރެއާއިން ދައްކާލާފައިވަނީ، "ކުރިން ފެނިފައި ނުވާ، ކުރު ރާސްތާގެ ބެލިސްޓިކް މިސައިލް،" އެއްކަމުގައެވެ.

އުތުރު ކޮރެއާގެ ގައުމީ ނޫސް އެޖެންސީ KCNA އިން ބުނާ ގޮތުގައި، "ދުޝަމްނުންނަށް، ކޮރެއާ ޕެނިންސޫލާއިން ބޭރުންވެސް ހަމަލާދިނުމުގެ ގާބިލްކަން ލިބިގެންވާ ވަރުގަދަ،" ރޮކެޓެއްވެސް މި ޕެރޭޑްގައިވަނީ ދައްކާލެވިފައެވެ.

މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނާގޮތުގައި، މި ދައްކާލެވުނު ހަތިޔާރުތަކަށް، ކޮރެއަން ޕެނިންސޫލާ ފަހަނައަޅާ އެންމެ ކައިރިންވެސް ޖަޕާނާ ހަމައަށް ދަތުރުކުރުމުގެ ގާބިލްކަން ލިބިފައި ވާނެއެވެ.

ފާއިތުވެދިޔަ އަހަރު އޮކްޓޯބަރު މަހު ބޭއްވުނު ޕެރޭޑާ ޚިލާފަށް، މިފަހަރުގެ ޕެރޭޑުގައި، އުތުރު ކޮރެއާއިން އުފައްދާފައިވާ ބޮޑު އިންޓްކޮންޓިނެންޓަލް ބެލިސްޓިކް މިސައިލް (ICBMs) ދައްކާލާފައެއް ނުވެއެވެ. ބެލެވޭ ގޮތުގައި މި މިސައިލަކީ، ނިއުކްލިއަރ ވާހެޑްތައް އުފުލުމުގެ ގާބިލްކަން ލިބިފައިވާ އަދި، އެމެރިކާގެ ކޮންމެ ހިސާބަކަށްވެސް ހަމަލާދިނުުގެ ގާބިލްކަން ލިބިފައިވާ މިސައިލެކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *