ރިސޯޓުތަކުގެ މުވައްޒަފުންގެ ތެރޭގައި ކޯވިޑް-19ގެ ކޭސްތައް މި ދުވަސްވަރު އިތުރުވަނީ އެކަކުއަނެކަކާ މާ ގައިގޯޅިކޮށް އުޅެންޖެހިފައިވާ ކަމަށް ލަފާކުރެއްވޭ ކަމުގައި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.
ރިސޯޓުތަކުގައި ކޯވިޑް-19 ގެ ކޭސްތައް މިދިވަސްވަރު އިތުރުވެ ބައެއް ރިސޯޓުތަކުގައި ޚިދުމަތް ދިނުމަށްވެސް ދަތިވާ ހިސާބަށް ވަނީ ގޮސްފައެވެ. ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކުރުމަށްފަހު އަލުން ހުޅުވާލިފަހުން ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށް، ފަތުރުވެރިކަމުގެ ދާއިރާވަނީ ވަރަށް ބިޒީކޮށް މަަސައްކަތް ކުރަންޖެހޭ ދާއިރާއަކަށް ވެފައެވެ.
އެޗްޕީއޭގެ ގައިޑްލައިންތަކާއިއެއްގޮތަށް ގިނަ ރިސޯޓުތަކުގައި އަމަލުތައް ބެހެއްޓިނަމަވެސް ބައެއް ހާލަތްތަކުގައި މަސައްކަތް ކުރަންޖެހޭ ގޮތުން އެއްމުވައްޒިފުން އަނެއް މުވައްޒިފާއި ދިމާވެ ބައްދަލުވާލެއް އިތުރުވެ ޕޮޒިޓިވްވާ ރިސޯޓު މުވައްޒިފުންނާއި، ކޮންޓެކްޓްވާ މުވައްޒިފުންވެސް ދަނީ އިތުރުވަމުންނެވެ. މިކަމާއި ގުޅޭގޮތުން ފަތުރުވެރިކަމާއިބެހޭ ވަޒީރު ޑރ.އަބްދުﷲ މައުސޫމް ވިދާޅުވެފައިވަނީ ރިސޯޓުތަކުގައި ގައިގޯޅުކޮށް އުޅެންޖެހުމުން ބަލި ފެތުރުމުގެ ފުރުސަތު ބޮޑުވަނީކަމަށެވެ. ނަމަވެސް އަދިވެސް އެޗްޕީއޭގެ ގައިޑްލައިނަށް ފުރިހަމައަށް ބޯލަބައި އެއާއިއެއްގޮތަށް އަމަލު ކުރެވިއްޖެނަމަ ބަލި ކޮންޓްރޯލް ކުރެވުމުގެ ފުރުސަތު ބޮޑުކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.
ރިސޯޓު މުވައްޒަފުންގެ މެދުގައި ބަލި ފެތުރި ކޯވިޑް-19 ގެ ކްލަސްޓާތައް ބޮޑުވަމުން އަންނަ ރިސޯޓްތަކުގައި، ބަލި ކޮންޓްރޯލްކުރުމަށް ދީފައިވާ އިރުޝާދުތަކަށް އަމަލު ނުކުރުމުގެ މައްސަލަތައް ފާހަގަވެފައިވާ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ރޭ ވަީ ވިދާޅުވެފައެވެ. ނަޒްލާ ވިދާޅުވީ ބަލީގެ އަލާމާތްތައް ހުރި މީހުން ވެސް ބައެއް ރިސޯތްތަކުގައި ޓެސްޓްނުކުރެވި ތިބިކަން ފާހަގަކުރެވިފައިވާ ކަމަށާއި އެގޮތަށް ޓެސްޓް ނުކޮށް ގިނަ ދުވަސްވީ ތަންތަނުގައި ބަލި ވަރަށް ބޮޑަށް ފެތުރިފައިވާ ކަމަށެވެ. އޮ ބްލޫ ސަންގަލި ރިސޯޓް، އޮޅުވެލި ރިސޯޓް އަދި ބިޔާދޫން ވަނީ ގިނަ އަދަދެއްގެ މުވައްޒަފުން ކޮވިޑަށް ޕޮޒިޓިވް ވެފަ އެވެ. މި ތަންތަނުގައި ބަލި ފެތުރިގެން ދިޔައިރު، ބަލީގެ އަލާމާތްތައް ހުރި މީހުން ކުރިން ޓެސްޓްކޮށްފައި ނެތްކަން ނަޒްލާ ފާހަގަކުރެއްވި އެވެ.

ނަޒްލާ ވިދާޅުވީ މާލެއިން ރިސޯޓަށް ދާ މީހުން ކަަރަންޓީނުކުރަން އުސޫލުގައި އޮންނަ އިރު ބައެއް ރިސޯޓްތަކުން އެގޮތަށް އަމަލުނުކުރާކަން ވެސް ފާހަގަކުރެވިފައިވާ ކަމަށެވެ. ރިސޯޓްތަކުގައި ކޮވިޑް ކޭސްތައް ގިނަވަމުން ދާތީ އެ ތަންތަނަށް އިރުޝާދު ދިނުމުގެ ސެޝަންތައް އެޗްޕީއޭ އާއި ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) އިން ބާއްވަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ބޯޑަރުހުޅުވާލި ފަހުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވަމުންދާއިރު، މިނިސްޓްރީ އޮފް ޓޫރިޒަމް އިން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން ޖެނުއަރީމަހުގެ 1 ވަނަ ދުވަހުން 13 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެ ޒިޔާރަތްކޮށްފައިވަނީ 37926 ފަތުރުވެރިންނެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ ޒިޔާރަތްކޮށްފައިވަނީ 72262 ފަތުރުވެރިންނެވެ. އެހެންކަމުން މިއީ %47.5 ދަށްވުމެކެވެ.
ކޮމެންޓު ފޮނުވާ