ކ. މާފުށީގެ ފެނާއި ނަރުދަމާގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް، މާލެ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) ގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީ އެ ރަށު ކައުންސިލާ ބައްދަލުކުރައްވައިފިއެވެ.
މާފުށީގައި ބޭއްވުނު މި ބައްދަލުވުމުގައި އެމްޑަބްލިޔުއެސްސީގެ މެނޭޖިންގ ޑިރެކްޓަރުގެ އަރިހުގައި އެ ކުންފުނީގެ މެނޭޖްމަންޓް ޓީމުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. މި ބައްދަލުވުމުގެ މައިގަނޑު މަގްސަދަކީ މާފުށީގައި މިހާރު ދެމުންދާ ފެނާއި ނަރުދަމާގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް، ރަށުގެ ރައްޔިތުންނަށާއި ފަތުރުވެރިކަމުގެ ސިނާއަތަށް ބޭނުންވާ ޚިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުމަށް ހުރި ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާކުރުމެވެ.މީގެ އިތުރުން، މި ބައްދަލުވުމުގައި ވަނީ މަންޓާ އައިލެންޑުގައި ނަރުދަމާގެ ޚިދުމަތް ފެށުމަށް ކުރަންޖެހޭ މަސައްކަތްތަކާއި އެކަމާ ގުޅޭ ޕްލޭންތަކާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި ވާހަކަދައްކަވާފައެވެ.
އެމްޑަބްލިޔުއެސްސީން ބުނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ރަށްރަށުގެ އަސާސީ ޚިދުމަތްތައް ތަރައްޤީކުރުމަށް ގެންގުޅުއްވާ ސިޔާސަތުގެ ދަށުން، މާފުށީގެ ފެނާއި ނަރުދަމާގެ ނިޒާމަށް ދިމާވެފައިވާ މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް އެ ކުންފުނިން އިސްކަންދޭނެ ކަމަށެވެ.މާފުށީ ކައުންސިލުން ވަނީ ރަށުގެ އާބާދީ އިތުރުވަމުންދާތީއާއި ގެސްޓްހައުސް ވިޔަފާރި ފުޅާވަމުންދާތީ، ފެނާއި ނަރުދަމާގެ ނިޒާމަށް ބާރުބޮޑުވަމުންދާކަން ފާހަގަކޮށް، އެކަންކަމަށް އަވަސް ހައްލެއް ހޯދައިދިނުމަށް އެމްޑަބްލިޔުއެސްސީގެ ކިބައިން އެދިފައެވެ.
ކޮމެންޓު ފޮނުވާ