މޭރީ މަރާލާފައިވަނީ މާވިންއާއި ލަމްހާ ކޮންމެ ގޮތެއް ހަދާފައިވެސް އެކުގައި އުޅުމުގެ ބޭނުމުގަ: ހުކުމް

މޭރީ މަރާލާފައިވަނީ މާވިންއާއި ލަމްހާ ކޮންމެ ގޮތެއް ހަދާފައިވެސް އެކުގައި އުޅުމުގެ ބޭނުމުގަ: ހުކުމް

Author
އަހުމަދު
22 ޖޫން 2026 02:58
0

އައިޖީއެމްއެޗްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސް މަރާލި މައްސަލައިގައި އޭނާގެ ފިރިމީހާ މާވިން އާއި ހަލީމަތު ލަމްހާގެ މައްޗަށް ކުށް ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅައިފިއެވެ.

މޭރީ މަރުވީ ދަންޖެހިގެންކަމަށް ދެއްކުމަށް މާވިން މަސައްކަތްކުރި ނަމަވެސް، ޕޯސްޓްމޯޓަމް ރިޕޯޓާއި ހެކިތަކުން އެނގުނު ގޮތުގައި އޭނާ މަރުވީ ބޮލަށާއި ކަރަށް ދީފައިވާ އަނިޔާތަކެއްގެ ސަބަބުންނެވެ. ކްރިމިނަލް ކޯޓުގެ ގާޒީ މުޒައްމިލް ނާސިރު ވިދާޅުވީ، މޭރީ މަރާލާފައިވަނީ މާވިން އާއި ލަމްހާއާ ދެމެދު އޮތް ލޯބީގެ ގުޅުމުގެ ސަބަބުން، ކޮންމެ ގޮތެއް ހަދާފައިވެސް ދެމީހުން އެކުގައި އުޅުމުގެ ބޭނުމުގައި ކަމަށެވެ.

ޝަރީއަތަށް ހުށަހެޅުނު ހެކިތަކުން އެނގޭ ގޮތުގައި، މޭރީ މަރާލުމުގެ ކުރިން މާވިން ވަނީ އިންޓަނެޓުން މީހަކު މަރާލާނެ ގޮތްތައް ހޯދާފައެވެ. އަދި މޭރީގެ ލޭގައި "ސަކްސިނައިލްކޮލިން" ކިޔާ ބޭހެއް ހުރިކަން ޓޮކްސިކޮލޮޖީ ރިޕޯޓުން ދެއްކިއިރު، އެއީ ލަމްހާގެ ކޮޓަރިން ފެނުނު ސިރިންޖުތަކުގައި ހުރި ބާވަތުގެ ބޭހެކެވެ. މީގެ އިތުރުން ހޮސްޕިޓަލުން ބޭރަށް ގެންދިއުން މަނާ އިންޖެކްޝަންތަކެއް ލަމްހާގެ ކޮޓަރިން ފެނިފައިވާތީ، މީހަކު މެރުމުގައި ބައިވެރިވުމުގެ އިތުރުން މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށްވެސް އޭނާގެ މައްޗަށް ވަނީ ސާބިތުވެފައެވެ.

މޭރީ މަރާލި ވަގުތު އެމީހުންގެ ކުޑަ ދަރިފުޅު ގޭގައި ހުރި ނަމަވެސް، ކުއްޖާ ލަމްހާއާ ހަވާލުކުރުމަށްފަހު މާވިން ވަނީ މޭރީ މަރާލުމުގެ އަމަލު ހިންގާފައެވެ. އަދި އެކަން ފޮރުވުމަށް އެމްބިއުލާންސަށް ގުޅުމުގެ ކުރިން ދެމީހުން ގުޅިގެން މަސައްކަތްކޮށްފައިވާކަން ޝަރީއަތަށް ވަނީ ސާބިތުވެފައެވެ. މާވިންގެ މައްޗަށް ގަސްދުގައި މީހަކު މެރުމުގެ ކުށް ސާބިތުވެފައިވާއިރު، ލަމްހާގެ މައްޗަށް ސާބިތުވެފައިވަނީ އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށެވެ. ކުށް ސާބިތުވުމާ ގުޅިގެން، ދެން އޮންނާނީ މި ދެމީހުންގެ މައްޗަށް އަދަބު ކަނޑައެޅުމަށް ބާއްވާ އަޑުއެހުމެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.