މޭރީގެ މަރު: މާވިން އާއި ލަމްހާގެ މައްޗަށް ކުށް ސާބިތުވެއްޖެ

މޭރީގެ މަރު: މާވިން އާއި ލަމްހާގެ މައްޗަށް ކުށް ސާބިތުވެއްޖެ

Author
އަހުމަދު
22 ޖޫން 2026 02:53
0

މާވިން އެސް ވައި ވާގަސް އާއި އޭނާގެ ލޯބިވެރިޔާ ކަމަށް ބުނާ ހަލީމަތު ލަމްހާ އަބްދުއްރަހްމާން، މާވިންގެ އަނބިމީހާ މޭރީ ގްރޭސް އޮނެޑް ޕިނޭޑާ މަރާލިކަމުގެ ކުށް ސާބިތުވެއްޖެއެވެ.

މޭރީ މަރާލާފައިވަނީ 19 އޮކްޓޯބަރ 2021 ގެ މެންދުރުފަހު މާލޭގެ މ. އުދުހޭކޮކާގޭގެ ފުރަތަމަ ފަންގިފިލާގައި ހުރި އޭނާގެ އެޕާޓްމަންޓްގައެވެ.

އޭނާގެ ފިރިމީހާ މާވިންގެ މައްޗަށް ގަސްދުގައި މީހަކު މެރުމުގެ ދައުވާ އުފުލާފައިވާއިރު، އޭނާގެ ލޯބިވެރިޔާ ކަމަށް ބުނާ ލަމްހާގެ މައްޗަށް އުފުލާފައިވަނީ އެކަމުގައި ބައިވެރިވިކަމުގެ ދައުވާއެވެ.

މި ތިން މީހުންނަކީވެސް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގެ އިމަޖެންސީ ރޫމްގައި ނަރުހުންގެ ގޮތުގައި މަސައްކަތްކުރި މީހުންނެވެ.

ހޯމަ ދުވަހުގެ މެންދުރުފަހު ކްރިމިނަލް ކޯޓުގައި ވަކިން ބޭއްވި އަޑުއެހުންތަކުގައި މޭރީގެ މަރުގެ މައްސަލައިގައި މާވިން އާއި ލަމްހާ ވަނީ ކުށްވެރިވެފައެވެ. ނަމަވެސް، ހުކުމް ކުރުން އޮތީ ފަހުގެ ތާރީޚަކަށް ތާވަލުކުރެވިފައެވެ.

މޭރީ ޑިއުޓީގައި ހުރެފައި ބްރޭކަށް ގެއަށް ދިޔަތާ މަދު މިނެޓްކޮޅެއްގެ ތެރޭގައި މާވިން ވަނީ މޭރީގެ ހަށިގަނޑު އެމްބިއުލާންސެއްގައި އައިޖީއެމްއެޗްއަށް ގެންގޮސްފައެވެ. ފުރަތަމަ އޭނާ ބުނީ އެއީ ދަންޖެހިގެން ކުރި އަމިއްލަ މަރެއް ކަމަށެވެ. ނަމަވެސް ފަހުން ވާހަކަ ބަދަލުކޮށް ބުނީ ކުއްލިއަކަށް ހޭނެތިގެން ވެއްޓުނީ ކަމަށެވެ.

ފުލުހުންނަށް މި މަރުގައި ޝައްކުތަކެއް އުފެދިގެން މައްސަލައިގެ ތަހުގީގު ފެށިއެވެ. މާވިން ހައްޔަރުކުރީ 27 އޮކްޓޯބަރ 2021 ގައެވެ. އަދި ލަމްހާ ހައްޔަރުކުރީ 16 ޑިސެމްބަރ 2021 ގައެވެ.

މޭރީގެ އޮޓޮޕްސީން ދެއްކި ގޮތުގައި އޭނާ މަރުވީ ކަރަށާއި ބޮލަށް ލިބުނު އަނިޔާތަކެއްގެ ސަބަބުންނެވެ. އަދި އޭނާގެ ލޭގައި 'ސަކްސިނައިލްކޮލިން' (އައްސައިލުމަށް ބޭނުންކުރާ ބޭހެއް) ހުރިކަންވެސް ތަހުލީލުކުރާ ފަރާތްތަކަށް ވަނީ ހޯދިފައެވެ.

ތަހުގީގުކުރާ ފަރާތްތަކަށް ވަނީ ބޭނުންކޮށްފައިވާ ސަކްސިނައިލްކޮލިން އިންޖެކްޝަނަކާއި، ހޮސްޕިޓަލުން ބޭރަށް ގެންދިއުން މަނާ އިތުރު ދެ އިންޖެކްޝަނެއް ލަމްހާގެ އެޕާޓްމަންޓުން ފެނިފައެވެ.

މި މައްސަލައިގައި މާވިންގެ މައްޗަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އައުން އެކަށީގެންވާއިރު، ލަމްހާގެ މައްޗަށް މަދުވެގެން ހަ އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.