މެދުއިރުމަތީގެ ހަނގުރާމަ ނިމުމަކަށް ގެނައުމަށް އެމެރިކާއާ އެކު އީރާނުން ހެދި އެއްބަސްވުމާ މެދު ހިޔާލު ތަފާތުވުންތަކެއް ހުރި ނަމަވެސް، އެކަމަށް ރުހުން ދެއްވީ ކަމަށް އީރާނުގެ ރޫހީ ލީޑަރު އާޔަތުﷲ މުޖުތަބާ ޚާމަނާއީ ވިދާޅުވެއްޖެ އެވެ.
ދައުލަތުގެ ޓީވީން ފޮނުވި ބަޔާނެއްގައި މުޖުތަބާ ވިދާޅުވީ، އުސޫލެއްގެ ގޮތުން އެއްބަސްވުމާ މެދު އެމަނިކުފާނުގެ ހިޔާލު ތަފާތު ކަމަށެވެ. ނަމަވެސް އެކަމަށް ހުއްދަ ދެއްވީ، އީރާނުގެ ރައްޔިތުންނާއި ދިފާއީ ބާރުތަކުގެ ހައްގުތައް ހިމާޔަތްކުރައްވާނެ ކަމަށް ރައީސް މަސްއޫދު ޕެޒެޝްކިއަން އާއި ގައުމީ ސަލާމަތާ ބެހޭ އެންމެ މަތީ މަޖިލީހުގެ މެންބަރުން ދެއްވި ޔަގީންކަމުގެ މައްޗަށް ބިނާކޮށް ކަމަށް ވިދާޅުވި އެވެ.
މިއީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އީރާނުގެ ރައީސް ޕެޒެޝްކިއަން މި އެއްބަސްވުމުގައި ސޮއިކުރެއްވި ފަހުން މުޖުތަބާ ދެއްވި ފުރަތަމަ ރައްދެވެ. އަދި މިއީ ފެބްރުއަރީ 28 ވަނަ ދުވަހު އެމެރިކާ އާއި އިޒްރޭލުން ދިން ހަމަލާތަކެއްގައި އޭނާގެ ބައްޕާފުޅު އަދި ކުރީގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަކޮށްލުމާ ގުޅިގެން ވެރިކަމާ ހަވާލުވެވަޑައިގަތް ފަހުން އާންމުންނާ މުހާތަބުކުރެއްވި ފުރަތަމަ ފަހަރު ވެސް މެ އެވެ. އެމަނިކުފާނު މީގެ ކުރިން އާންމުންގެ ތެރެއަށް ނިކުމެވަޑައިގެންފައެއް ނުވެ އެވެ.
މުޖުތަބާ ވިދާޅުވި ގޮތުގައި، ޓްރަމްޕް މި އެއްބަސްވުން ހެއްދެވީ ވަރަށް ބޮޑަށް މާޔޫސްވެފައިވާ ހާލަތެއްގައި ހުރެ، ހުރިހާ ބާރެއްގެ ބޭނުން ހިފައިގެންނެވެ. އަދި އެމެރިކާގެ ފަރާތުން އެކަށީގެންނުވާ ވަރުގެ ބޮޑެތި ޑިމާންޑްތަކެއް ކުރަން އުޅޭ ނަމަ އެކަން ގަބޫލުނުކުރާނެ ކަމުގެ ޔަގީންކަން ރައީސްގެ ފަރާތްޕުޅުން ލިބިވަޑައިގެންފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މީގެ އިތުރުން، ކުރިއަށް އޮތް ތަނުގައި ބާއްވާ ސީދާ މަޝްވަރާތަކަކީ ދުޝްމަނުންގެ ހިޔާލުތައް ގަބޫލުކުރުން ނޫންކަން ސާފުކޮށް އެނގެން އޮތް ކަމަށް ވެސް ވިދާޅުވި އެވެ.
މި އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން ވެސް އީރާނުން ވަނީ މިއީ މަޖުބޫރުވެގެން ހަދާ އެއްބަސްވުމެއް ނޫން ކަމަށް ބުނެފަ އެވެ. އަދި އެމެރިކާގެ ތާރީހަށް ބަލާއިރު، އެއްބަސްވުންތަކަށް އަމަލުކުރާނެ ކަމުގެ އެއްވެސް ޔަގީންކަމެއް އެ ގައުމާ މެދު ނެތް ކަމަށް ވެސް އީރާނުން ވަނީ ފާހަގަކޮށްފަ އެވެ.
ކޮމެންޓު ފޮނުވާ