އެމެރިކާގެ ކުރީގެ ރައީސް ޖޯ ބައިޑަން 2024 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ދެވަނަ ދައުރަކަށް ވާދަކުރައްވަން ނިންމެވުމަކީ އޭނާ ހެއްދެވި ވަރަށް ބޮޑު ގޯހެއް ކަމަށް، އެމެރިކާގެ ކުރީގެ ސެކްރެޓަރީ އޮފް ސްޓޭޓް ހިލަރީ ކްލިންޓަން ވިދާޅުވެއްޖެއެވެ.
ނިއު ޔޯކާ މަޖައްލާގެ އެޑިޓަރު ޑޭވިޑް ރެމްނިކްއާ ވާހަކަދައްކަވަމުން ހިލަރީ ވިދާޅުވީ، އިންތިޚާބަށް ބައިޑަން ނުކުމެވަޑައިގަތުމަކީ އޭނާގެ އަމިއްލަ ނަފްސަށާއި، އާއިލާގެ އިތުރުން މުޅި ގައުމަށްވެސް ހެދުނު ވަރަށް ބޮޑު ގޯހެއް ކަމަށެވެ. ހިލަރީ ފާހަގަކުރެއްވި ގޮތުގައި، އެއް ދައުރުގައި ވެރިކަން ކުރެއްވުމަށްފަހު އައު ޖީލަކަށް ބާރުތައް ދޫކޮށްލައްވައި، އެހެން ބޭފުޅަކަށް ފުރުސަތު ދެއްވިނަމަ މާ ރަނގަޅުވީހެވެ.
އަދި ބައިޑަންގެ ބަދަލުގައި ނައިބު ރައީސް ނުވަތަ ގަވަރުނަރެއް ފަދަ އެހެން ކެންޑިޑޭޓަކު ކުރިއަށް ނެރުއްވިނަމަ، ޑޮނަލްޑް ޓްރަމްޕް ބަލިކުރަން މާ ބޮޑަށްވެސް ފަސޭހަވީސް ކަމަށް ހިލަރީ ވިދާޅުވިއެވެ. ހިލަރީގެ މި ފާޑުކިޔުންތަކަށް ރައްދުދެއްވައި ބައިޑަންގެ ތަރުޖަމާނު ޓީޖޭ ޑަކްލޯ ވަނީ އެކަމާ ދެކޮޅު ހައްދަވާފައެވެ.
އުމުރާއި ސިއްހީ ހާލަތާ ގުޅިގެން އަމާޒުވި ފާޑުކިޔުންތަކާއި ޕްރެޝަރުތަކާއެކު ބައިޑަން ފަހުން ވަނީ ރިޔާސީ ރޭހުން ވަކިވެވަޑައިގެންފައެވެ. އޭގެ ފަހުން ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން ނައިބު ރައީސް ކަމަލާ ހެރިސް ވާދަކުރެއްވި ނަމަވެސް، ޓްރަމްޕާ ވާދަކުރައްވައި އޭނާއަށް ވަނީ ނާކާމިޔާބީއާ ކުރިމަތިލައްވަން ޖެހިވަޑައިގެންފައެވެ.
ކޮމެންޓު ފޮނުވާ