ބަތަލާ އަނުޝްކާ ޝަރްމާއާއި ކްރިކެޓް ކެޕްޓަން ވިރާޓް ކޯލީ، ޕަޕަރާޒީނަށް ހަދިޔާ ފޮށްޓެއް ފޮނުވައިފި އެވެ.
މި ހަދިޔާއާއެކު އެދެމީހުން ފޮނުވި ސިޓީގައި ލިޔެފައިވަނީ އެދެމީހުންގެ ދަރިފުޅުގެ ފޮޓޯ ނުނެގުމަށާއި އެމީހުންގެ ޕްރައިވެސީއަށް އިހްތިރާމްކުރުމަށެވެ. އަދި ދަރިފުޅުގެ ފޮޓޯ އާންމުކުރަން ބޭނުންވެއްޖެނަމަ އެ ދެމަފިރިން އަމިއްލައަށް ސޯޝަލް މީޑިއާގައި އެ ފޮޓޯއެއް ހިއްސާކުރާނެކަމަށްވެސް ލިޔެފައިވެއެވެ.
މަޝްހޫރު ފޮޓޯ ގްރާފަރ ވައިރަލް ބަޔާނީ ވަނީ ވިރާޓާއި އަނުޝްކާ ފޮނުވި ގިފްޓް ހޭމްޕާ ކަނޑާތަނުގެ ވީޑިއޯއެއް އިންސްޓަގްރާމުގައި ހިއްސާކޮށްފައެވެ. އޭގައި ހުރީ މެޓައާއި ޑްރައި ފުރުޓާއި ޗޮކުލެޓާއި މީރުވަސް ދުވާ އުއްބައްތިއެއް އަދި ނޯޓެކެވެ. މި ނޯޓުގައި ލިޔެފައިވަނީ މިހުރިހާ ދުވަހު ދިން ލޯތްބާއި އިހުތިރާމަށް ޝުކުރުއަދާކުރާ ކަމަށާއި އަލަތު ދަރިފުޅު ލިބުމުގެ އުފަލުގައި އެންމެންވެސް ބައިވެރިކުރަން ކަމަށެވެ.
ނަމަވެސް މައިންބަފައިންގެ ހައިސިއްޔަތުން ދަރިފުޅު ރައްކާތެރިކުރަން އެންމެންގެ އެހީ ބޭނުންވާކަމަށާއި، ދަރިފުޅުގެ އެއްވެސް އެއްޗެއް ސޯޝަލްމީޑިއާގައި އާންމު ނުކުރުމަށް އެދެމަފިރިން ވަނީ އެދިފައެވެ.
އެކްޓަރ ރަވީނާ ޓަންޑަންވެސް މިކަމަށް އެއްބަސްވެ ކޮށްފައިވާ ކޮމެންޓުގައި ބުނެފައިވަނީ އޭނާގެ ދަރިންގެ ފޮޓޯވެސް އެކުދިން ކުޑައިރު ނުނެގުމަށް އެދުމުން އެކަން ނުކުރީތީ ޝުކުރު އަދާކުރާކަމަށެވެ.
ވިރާޓާއި އަނުޝްކާގެ އަންހެން ދަރިފުޅު އުފަންވެފައިވަނީ ހޯމަ ދުވަހުއެވެ. އަދި މި ޚަބަރު ހިއްސާކޮށްފައިވަނީ އިންސްޓަގްރާމުގައި ވިރާޓް ކޮށްފައިވާ ޕޯސްޓެއްގައެވެ.