މާލީ ވުޒާރާއިން އާންމުކޮށްފައިވާ އެންމެ ފަހުގެ ހިސާބުތައް ދައްކާގޮތުން، މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބުނު އާމްދަނީ 19 ބިލިއަން ރުފިޔާއަށް އަރައި، ރައްޔިތުންނަށް ދޭ ޚިދުމަތްތަކާއި ތަރައްޤީގެ މަޝްރޫއުތަކަށް ކުރާ ހޭދަ ވަނީ ބޮޑުތަނުން އިތުރުވެފައެވެ.
މިދިޔަ ޖޫން މަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރަށް ޖުމްލަ އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 19.09 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 17.34 ބިލިއަން ރުފިޔާއާ އަޅާބަލާއިރު ބޮޑު ކުރިއެރުމެކެވެ. އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ ފަތުރުވެރިކަމުގެ ދާއިރާއިން ނަގާ ޓެކްސް، ޓީޖީއެސްޓީން ލިބުނު އާމްދަނީ އިތުރުވުމެވެ. ޓެކްސްގެ ގޮތުގައި ޖުމްލަ 14.84 ބިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާއިރު، އޭގެ ތެރޭގައި ޖީއެސްޓީގެ ގޮތުގައި ލިބުނު 8.55 ބިލިއަން ރުފިޔާ އާއި، ގްރީން ޓެކްސްގެ ގޮތުގައި ލިބުނު 1.07 ބިލިއަން ރުފިޔާގެ އިތުރުން އެއާޕޯޓް ޗާޖުތަކުން ލިބުނު 939.7 މިލިއަން ރުފިޔާ ހިމެނެއެވެ.
އާމްދަނީ އިތުރުވެފައިވާއިރު، ދައުލަތުގެ ޖުމްލަ ޚަރަދުވެސް ވަނީ 19.20 ބިލިއަން ރުފިޔާއަށް އުފުލިފައެވެ. މީގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ތައުލީމީ ދާއިރާއަށެވެ. އެގޮތުން އެ ދާއިރާއަށް 1.99 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، މަގުތަކާއި ބްރިޖު އަދި އެއާޕޯޓުތައް ފަދަ އުމްރާނީ ތަރައްޤީގެ މަޝްރޫއުތަކަށް 1.66 ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ. މީގެ އިތުރުން އިޖުތިމާއީ ރައްކާތެރިކަން ފޯރުކޮށްދިނުމަށް އެންސްޕާއިން 1.52 ބިލިއަން ރުފިޔާ، ސިއްހީ ދާއިރާގެ ކުރިއެރުމަށް 1.01 ބިލިއަން ރުފިޔާ އަދި ސަލާމަތީ ބާރުތަކާއި ޕެންޝަނަށްވެސް ބޮޑު ހޭދައެއް ކޮށްފައިވާކަން ތަފާސްހިސާބުތަކުން ދައްކައެވެ.
ތަރައްޤީގެ މަޝްރޫއުތަކަށް ޚާއްސަކޮށްގެން ހިންގާ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ ދަށުން 2.31 ބިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. މީގެ ތެރޭގައި ދަތުރުފަތުރުގެ ނިޒާމުތައް ގާއިމުކުރުމަށާއި، ފެނާއި ނަރުދަމާގެ އިތުރުން ބޯހިޔާވަހިކަމާއި ތިމާވެށި ހިމާޔަތްކުރުމުގެ މުހިންމު މަޝްރޫއުތައް ހިމެނެއެވެ. ފިނޭންސް މިނިސްޓްރީގެ "ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް" ރިޕޯޓުން ދައްކާގޮތުގައި ދައުލަތުގެ ޖުމްލަ ފިސްކަލް ޑެފިސިޓް ނުވަތަ ދަރަނި 110.6 މިލިއަން ރުފިޔާގައި ހުރިއިރު، ޕްރައިމަރީ ސާޕްލަސްގެ ގޮތުގައި 2.18 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ.
ކޮމެންޓު ފޮނުވާ