ރިސޯޓްތަކުގައި ކޭސްތައް އިތުރުވަނީ ޓެސްޓްނުކުރާތީ: ނަޒްލާ

ރިސޯޓްތަކުގައި ކޭސްތައް އިތުރުވަނީ ޓެސްޓްނުކުރާތީ: ނަޒްލާ

Author
މުޙައްމަދު ޖިމީ
14 ޖެނުއަރީ 2021 11:30
0

ރިސޯޓްތަކުން ކޯވިޑް-19އަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު އިތުރުވެފައިވާއިރު، ބަލީގެ އަލާމާތްތައް ހުންނަ މީހުން ބައެއް ރިސޯޓްތަކުގައި ޓެސްޓްނުކުރާކަން ފާހަގަކުރެވޭކަމަށް ހެލްތު އެމެޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފިއެވެ.

އެޗްއީއޯސީން ބޭއްވި ޕްރެސްކޮންފަރެންސްގައި އެސެންޓަރުގެ ތަރުޖަމާން ފާޠިމަތު ނަޒްލާ ރަފީޤް ވިދާޅުވީ، ކޯވިޑް-19ގެ އަލާމާތް ހުންނަ މީހުން ބައެއް ރިސޯޓްތަކުން ޓެސްޓްނުކުރާކަން ފާހަގަކުރެވިފައިވާކަމަށެވެ. ބަލީގެ ކިތަންމެ ކުޑަ އަލާމާތެއް ހުރިނަމަވެސް އެކަމަށް ސަމާލުކަންދީ ޓެސްޓްކުރުން މުހިންމުކަން ފާހަފަކުރައްވާ ޑރ.ނަޒްލާ ވިދާޅުވީ ކޮންމެ ރިސޯޓަކުންވެސް އެފަދަ މީހަކު ފެނިއްޖެނަމަ ވިހާވެސް އަވަހަށް ސިއްހީ ޚިދުމަތްދޭ ތަންތަނަށް އެމަޢުލޫމާތު ދޭންޖެހޭކަމަށެވެ. އަދި ކޯވީޑް-19 އަލާމާތް ކިތަންމެ ކުޑަކޮަށް ހުރިނަމަވެސް އެމީހަކު ވިހާވެސް އަވަހަށް އެކަހެރިކޮށް ޓެސްޓްކުރުމަށް ނަޒްލާ އިލްތިޟާސްކުރެއްވިއެވެ. އެފަދަ މީހަކު ފެނި ރިޕޯޓް ނުކޮށް ލަސްކުރުމުގެ ސަބަބުން ބައެއް ރިސޯޓްތަކުގައި ވަރަށް ބޮޑަށް ބަލި ފެތުރިފައިވާކަން ޑޮކްޓަރ ނަޒްލާ ފާހަގަކުރެއްވިއެވެ.

ޑޮކްޓަރ ނަޒްލާ ވިދާޅުވީ ބައެއް ރަށްރަށުން ރިސޯޓަށް ދާ މީހުން ނުވަތަ ރާއްޖެއިން ބޭރުން އަންނަ މީހުން ބައެއް ރިސޯޓްތަކުން ރަނގަޅަކަށް ކަރަންޓިން ނުކުރާކަން ފާހަގަކުރެވިފައިވާކަމަށެވެ. އެއީ ވަރަށް ބޮޑު ރިސްކެއްކަމަށްވެސް ޑޮކްޓަރ ނަޒްލާ ވިދާޅުވިއެވެ. ރާއްޖޭގައި މިހާރު ކަރަންޓިން މުއްދަތެއްކަމަށް ކަނޑައަޅާފައިވަނީ 10 ދުވަހެވެ. އަދި ކަރަންޓިން މުއްދަތަށްފަހު ކޯވިޑް-19އަށް ޓެސްކުރަންޖެހޭނެއެވެ.

ޓޫރިޒަމް އިންޑަސްޓްރީގެ ގައިޑްލައިންގެ ކަންކަމަށް ސަމާލުކަން ދިނުން މުހންމު، ބައެއް ފަހަރު ގެސްޓުން އުޅޭ އޭރިޔާއަށް ސްޓަފަކު ވަޑައިގަންނާއިރު މާސްކްއަޅާފަ، ސްޓާފުން ގެއޭރިޔާގައި މާސްކު ނާޅާ ގައިދުރުކަން ނުބަހައްޓާކަން ފާހަގަކުރެވިފައިވޭ. އެކަމު ވަރަށް މުހންމުކަމެއް އެއީ ރޫމް ޝެއަރކޮށް، އެއް ކެންްޓީންނަކުން ކައިހަދާއިރު ހުރިހާ ސްޓަފުންވެސް މާސްކް އެޅުމާއި ގައިދުރުކަން ބެހެއްޓުމަށް ސަމާލުކަން ދިނުން. ފަހަކަށް އައިސް ރިސޯޓްތަކުން ކޭސްތައް އިތުރުވާތީ ޓެގްގެ ފަރާތުން ރިސޯޓްތަކުގެ ސްޓަފުންނަށް ޚައްޝަކޮށް މެޑިކަލް ސްޓާފުންނަށް ސެޝަންތައް ދަނީ ނަގައިދެމުން، އަދި އިތުރަށް ގައިޑެންސް ދެމުން.

– އެޗްއީއޯސީގެ ތަރުޖަމާން ފާޠިމަތު ނަޒްލާ ރަފީޤް

ޑޮކްޓަރ ނަޒްލާ ވަނީ ރިސޯޓްތަކުގެ މެނޭޖުމަންޓުންވެސް އަދި މުވައްޒަފުންވެސް ބަލިން ރައްކާތެރިވުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކުރައްވާފައެވެ. ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ރަނގަޅުވެ ޓޫރިސްތުން އަންނަ ޢަދަދު އިތުރުވެފައިވާއިރު، މިހާތަނަށް ފަތުރުވެރިކަމުގެ ސިނާއަތް ރަނގަޅަށް ހިނގައި ގަނެވުނީ ގައިޑްލައިން ހިފެހެއްޓުމުންކަމަށެވެ. ޑޮކްޓަރ ވިދާޅުވީ، މިހާރު ރާއްޖެއަށް އަންނަ ގިނަ ޓޫރިސްޓުންނަކީ ދުނިޔޭގައި ބަލި އެންމެ ބޮޑަށް ފެތުރޭ ޤައުމުތަކުން އަންނަ މީހުންކަމަށާވާއިރު، އެއީ މިވަގުތު އޮތް ވަރަށް ބޮޑު ގޮންޖެހުމެއްކަމަށެވެ.

ޑޮކްޓަރ ނަޒްލާ ވިދާޅުވީ މީގެ ކުރިންވެސް ގިނަ ޢަދަދެއްގެ ޓޫރިސްޓުން ޕޮޒިޓިވީއިރުވެސް ސްޓަފުން ޕޮޒިޓިވްވެފައި ނުވަނީ އެ ގައިޑްލައިންގައި ހިފެހެއްޓުމުންކަމަށެވެ. އެހެންކަމުން އަދިވެސް އެޗްޕީއޭގެ ގައިޑްލައިންގައި ހިފަހައްޓާނަމަ ކޭސްތައް އިތުރު ނުވާނެކަމަށް ނަޒްލާ ވިދާޅުވިއެވެ. ކޯވިޑް-19އަށް ޕޮޒިތިވްވި 100 އަށްވުރެ ގިނަ ފަތުރުވެރިން މިވަގުތުވެސް އެބަތިބިކަމަށް ޑޮކްޓަރ ނަޒްލާ ވިދާޅުވިއެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.