އެމްޑީޕީގެ ޗެއާޕާސަންކަން ކާމިޔާބުކުރެއްވި ނަޝީދަށް ފަޒްނާގެ މަރުހަބާ

އެމްޑީޕީގެ ޗެއާޕާސަންކަން ކާމިޔާބުކުރެއްވި ނަޝީދަށް ފަޒްނާގެ މަރުހަބާ

Author
އަހުމަދު
13 ޖޫން 2026 06:30
0

އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބޭއްވި ވާދަވެރި އިންތިހާބު ބޮޑު ތަފާތަކުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ކާމިޔާބު ކުރެއްވުމާ ގުޅިގެން، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުން ފަޒްނާ އަހްމަދު އެމަނިކުފާނަށް ތަހުނިޔާ ވިދާޅުވެއްޖެއެވެ.

މި އިންތިހާބުގައި ފަޒްނާ ތާއީދުކުރެއްވީ ނަޝީދާ ވާދަކުރެއްވި މީކާއީލް އަށެވެ. އިންތިހާބަށްފަހު ފަޒްނާ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މީކާއީލަށް ތާއީދުކުރެއްވުނީތީ އުފާކުރައްވާ ކަމަށެވެ. އަދި އިންތިހާބުގެ ނަތީޖާ ގަބޫލުކުރައްވާނެކަމަށް މީކާއީލް ވިދާޅުވެފައިވާކަން ފާހަގަކުރައްވައި، އޭނާ ޕާޓީގައި ދެމިހުންނަވާނެ ކަމަށާއި ކުރިއަށް އޮތް އިންތިހާބު އެމްޑީޕީއަށް ގެއްލޭނެ ފަދަ އެއްވެސް ކަމެއް ނުކުރައްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް ފަޒްނާ ވިދާޅުވިއެވެ.

އިންތިހާބުގެ ނަތީޖާއަށް ބަލާއިރު، ވޯޓުލީ 30،626 މީހުންގެ ތެރެއިން 20،943 ވޯޓާއެކު އިންތިހާބު ކާމިޔާބުކުރެއްވީ ނަޝީދެވެ. މީކާއީލަށް ލިބިވަޑައިގަތީ 9،251 ވޯޓެވެ. ރައީސް ސޯލިހާއި އެމަނިކުފާނުގެ އަރިސް ބޭފުޅުންގެ ތާއީދާއެކު ނުކުމެވަޑައިގަތް މީކާއީލަށް މުޅި ރާއްޖެއިން ކުރި ހޯއްދެވުނީ ހަމައެކަނި ރައީސް ސޯލިހު ނިސްބަތްވެވަޑައިގަންނަވާ ޅ. އަތޮޅުންނެވެ. އެގޮތުން އެމަނިކުފާނުގެ އުފަންރަށް، ޅ. ހިންނަވަރުން މީކާއީލަށް 547 ވޯޓު ލިބިވަޑައިގެންނެވިއިރު، ނަޝީދަށް ލިބިވަޑައިގަތީ 423 ވޯޓެވެ. އެންމެ އަތޮޅެއް ފިޔަވައި އެހެން ހުރިހާ އަތޮޅަކުން ކުރި ހޯއްދެވީ ރައީސް ނަޝީދެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.