ދ. މީދޫ ކައުންސިލްގެ ރައީސް ހޮވުމުގެ ވޯޓުލުން އަލުން ފަށައިފި

ދ. މީދޫ ކައުންސިލްގެ ރައީސް ހޮވުމުގެ ވޯޓުލުން އަލުން ފަށައިފި

Author
އަހުމަދު
13 ޖޫން 2026 08:28
0

ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި ދ. މީދޫ ކައުންސިލްގެ ރައީސް ކަމަށް ވާދަކުރި ދެ ކެންޑިޑޭޓުންގެ ވޯޓު އެއްވަރުވުމާ ގުޅިގެން، އެ މަގާމަށް ބޭފުޅަކު ހޮވުމަށް ބާއްވާ އިންތިޚާބުގެ ވޯޓުލުން މިއަދު އަލުން ފަށައިފިއެވެ.

މި މަގާމަށް ވާދަކުރައްވަނީ މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ކެންޑިޑޭޓް މުޙައްމަދު ޝާހިދާއި ޕީއެންސީގެ ކެންޑިޑޭޓު ސުހާ އިބްރާހީމެވެ. މިއަދު ހެނދުނު 8:00 ގައި ވޯޓުލުން ފަށާފައިވާއިރު، މީދޫގައި ދެ ވޯޓުފޮށި އަދި މާލޭގައި ދަރިވަރުންގެ ދަރުމަވަންތަ ސްކޫލުގައި އެއް ވޯޓުފޮށި ވަނީ ބަހައްޓާފައެވެ. މި އިންތިޚާބުގައި ވޯޓުލުމުގެ ހައްގު 1049 މީހަކަށް ލިބިގެންވެއެވެ.

މީދޫ ކައުންސިލްގެ ރައީސް ހޮވަން އަލުން ވޯޓުލާން ޖެހުނީ، މިދިޔަ އޭޕްރިލް މަހުގެ 4 ވަނަ ދުވަހު ބޭއްވި އިންތިޚާބާ ގުޅިގެން އުފެދުނު މައްސަލަތަކަކަށްފަހުގައެވެ. ފުރަތަމަ އިލެކްޝަންސް ކޮމިޝަނުން އިއުލާނުކުރީ ޝާހިދު އެއް ވޯޓުގެ ތަފާތުން މޮޅުވި ކަމަށެވެ. ނަމަވެސް ބާތިލުކުރި ވޯޓެއްގެ މައްސަލަ ސުހާގެ ފަރާތުން ހައިކޯޓަށް ހުށަހެޅުމުން، ކޯޓުން ވަނީ އެއީ ސައްހަ ވޯޓެއްކަމަށް ކަނޑައަޅައި، ނަތީޖާ އަލުން އިއުލާނުކުރަން ހުކުމްކޮށްފައެވެ.

ހައިކޯޓުގެ އެ ހުކުމާއެކު ދެ ކެންޑިޑޭޓުންނަށް ވެސް 392 ވޯޓު ލިބި ނަތީޖާ އެއްވަރުވުމުން، ގާނޫނުގައިވާ ގޮތުގެ މަތިން ކައުންސިލްގެ ރައީސް ހޮވުމަށް އަލުން އިންތިޚާބު ބާއްވަން ޖެހުނީއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.