އެއްވެސް ހެއްކެއް ނެތި އޭނާ ފްރޭމްކޮށްފައިވާ ކަމަށް ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދު ވިދާޅުވަމުން ދަނިކޮށް، އޭނާގެ މައްޗަށް އުފުލި ތިން ދައުވާއެއް ސާބިތުވެ 25 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.
ޝަމްއާންގެ މައްޗަށް ސާބިތުވެފައިވަނީ މަނީ ލޯންޑްރިންގެ ކުށާއި، ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ އިތުރުން ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށެވެ. އެގޮތުން މަނީ ލޯންޑްރިންގެ ކުށުގައި 15 އަހަރު، ފޭރުމުގައި ބައިވެރިވުމުގެ ކުށުގައި 8 އަހަރު އަދި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގައި 2 އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވާފައެވެ.
ދައުލަތުން ބުނާ ގޮތުގައި ޝަމްއާން ވަނީ ހިފެހެއްޓި ބިދޭސީއެއްގެ އަތުން އަތުލި 500،000 ރުފިޔާގެ ތެރެއިން 400،000 ރުފިޔާ އޭނާގެ އަތުގައި ބަހައްޓައި، އޭނާގެ ނަމުގައި އޮތް ދެ ސްޓޫޑަންޓް ލޯނަކަށް އެ ފައިސާއިން ގާތްގަނޑަކަށް 259،000 އަށްވުރެ ގިނަ ރުފިޔާ ދައްކާފައެވެ. އަދި އޭގެ ފަހުން ޝަމްއާންގެ އަމުރަށް ދަންވަރުގެ ވަގުތެއްގައި އެ ބިދޭސީ މީހާ ދޫކޮށްލާފައިވާކަންވެސް ދައުލަތުން ފާހަގަކޮށްފައިވެއެވެ. އޭނާ ލޯންޑާކޮށްފައިވާ ކަމަށް ބެލެވޭ ފައިސާ ދައުލަތަށް ނަގައިދިނުމަށްވެސް ވަނީ އެދިފައެވެ.
ނަމަވެސް، ހުކުމް އިއްވުމުގެ ކުރިން މީޑިއާއާ ވާހަކަދައްކަވަމުން ޝަމްއާން ވަނީ އޭނާގެ މައްޗަށް ކުރާ ހުރިހާ ތުހުމަތުތަކެއް ދޮގުކުރައްވާފައެވެ. އޭނާ ވިދާޅުވީ މިއީ ސީދާ ދައުލަތުގެ އިސްވެރިން، ހާއްސަކޮށް ހޯމް މިނިސްޓަރު އަލީ އިހުސާން އަޑީގައި ހުންނަވައިގެން އޭނާ ފްރޭމްކުރުމަށް ހިންގި ޝަރީއަތެއް ކަމަށެވެ. އަދި އޭނާއާ އެކު ހައްޔަރުކުރި އިމިގްރޭޝަންގެ އެހެން އޮފިސަރުންނަށް ލުއިތަކެއް ދީފައިވަނީ އޭނާއާ ދެކޮޅަށް ހެކިބަސް ދިނުމަށް ޝަރުތުކޮށްފައި ކަމަށްވެސް ޝަމްއާން ތުހުމަތުކުރެއްވިއެވެ.
މި މައްސަލައިގެ ތަހުގީގާއި ޝަރީއަތުގެ މަރުހަލާގައި ޝަމްއާން ބަންދުގައި ހޭދަކުރި 9 މަހާއި 10 ދުވަސް، އޭނާގެ 25 އަހަރުގެ ޖަލު ހުކުމުން އުނިކުރުމަށް ކޯޓުން މިއަދު ވަނީ އަންގާފައެވެ.
ކޮމެންޓު ފޮނުވާ