ފާއިތުވި ހަފުތާގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް އާމްދަނީގެ ގޮތުގައި 1.7 ބިލިއަން ރުފިޔާ ލިބިއްޖެއެވެ. މިއީ އާންމުކޮށް ހަފުތާއެއްގެ މައްޗަށް ދައުލަތަށް ލިބޭ އާމްދަނީއާ އަޅާބަލާއިރު ވަރަށް ބޮޑު ކުރިއެރުމެކެވެ.
މީރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، އާންމު ގޮތެއްގައި ހަފުތާއެއްގެ ތެރޭގައި އާމްދަނީގެ ގޮތުގައި ބަލައިގަންނަނީ 150 މިލިއަނާއި 390 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދެކެވެ. ނަމަވެސް މިދިޔަ ހަފުތާގައި ލިބުނު އާމްދަނީ މިހާ ބޮޑަށް އިތުރުވެފައިވަނީ، ވިޔަފާރީގެ ފައިދާއިން ނަގާ ޓެކްސް (ބީޕީޓީ) ދެއްކުމުގެ ސުންގަޑި އައުމާ ގުޅިގެން ގިނަ ބަޔަކު އެ ޓެކްސް އަދި ޖީއެސްޓީ ދެއްކުމުންނެވެ.
ރުފިޔާގެ އިތުރުން ޑޮލަރުން ލިބުނު އާމްދަނީއަށްވެސް ވަނީ ބޮޑު ކުރިއެރުމެއް އައިސްފައެވެ. އެގޮތުން އެންމެ ގިނައިން ޑޮލަރު ލިބުނު ހަފުތާގައި 77.5 މިލިއަން ޑޮލަރު ބަލައިގެންފައިވާއިރު، މިއީ މައިގަނޑު ގޮތެއްގައި ރިސޯޓުތަކާއި ފަތުރުވެރިކަމުގެ ސިނާއަތުން ދައްކާފައިވާ ޓީޖީއެސްޓީ އާއި ގްރީން ޓެކުހުގެ ފައިސާއެވެ. މިއީ ރާއްޖޭގެ އިގްތިސާދަށާއި ބޭރު ފައިސާގެ ރިޒާވް ހިފެހެއްޓުމަށް ލިބިގެންދިޔަ ވަރަށް ބޮޑު ބާރެކެވެ.
އާންމުކޮށް ޓޫރިޒަމްގެ އޮފް-ސީޒަންގައި ހަފުތާއަކު 2.6 މިލިއަނާއި 16 މިލިއަން ޑޮލަރާ ދެމެދުގެ އަދަދެއް ލިބުނު ނަމަވެސް، ފަހަކަށް އައިސް ބައެއް ހަފުތާތަކުގައި 48 މިލިއަނުން ފެށިގެން 74 މިލިއަން ޑޮލަރާ ދެމެދުގެ އަދަދުތަކެއް މީރާއަށް ވަނީ ލިބިފައެވެ. މި ހިސާބުތަކުން ދައްކައިދެނީ ދައުލަތަށް ލިބެމުންދާ އާމްދަނީ ރަނގަޅުވަމުން އަންނަ މަންޒަރެވެ.
ކޮމެންޓު ފޮނުވާ